ރިޕޯޓް

އިންވެސްޓްމަންޓް ފޯރަމް ބާއްވާ ގޮތް ރަނގަޅުތަ؟

"އިންވެސްޓްމަންޓް ފޯރަމް" ރާއްޖެ އަށް މުހިންމެ އެވެ. އޭގެ ސަބަބުތައް ވެސް ގިނައެވެ. އެއް ސަަބަބަކީ ރާއްޖޭގެ އިގްތިސޯދުގައި ޓޫރިޒަމަށް އޮތް ބަރޯސާ ކުޑަ ކުރުމެވެ. އެކަން ކުރެވޭނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ދުނިޔެ އަށް ކިޔައި ދީގެންނެވެ. މިގޮތަށް ބަލާއިރު މިއަށްވުރެ މުހިންމު ކަމެއް ނެތެވެ. ނަމަވެސް ސުވާލަކީ އިންވެސްޓްމަންޓް ފޯރަމްތަކުން ނުކުތް ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

"ކުރިން ޔޫރަޕުގެ ގައުމުތަކުގެ މީހުންނަށް ރާއްޖެ އެނގިފައި މި އޮންނަނީ ހަމައެކަނި ދޮންވެލި ގޮނޑު ދޮށާއި ރީތި ވިލުތައް އަދި ފަރުތަކެއް ހަމައެކަނި އޮތް ތަނެއްގެ ގޮތުގައި. އެމީހުން ގަބޫލެއް ނުކުރޭ ރާއްޖެއަކީ އިންވެސްޓްކޮށްގެން ފައިދާ ނެރެވޭނެ ކަމަށް. ނަމަވެސް އިންވެސްޓްމަންޓް ފޯރަމްތަކުން ރާއްޖޭގައި ހުރި ފުރުސަތުތައް އެނގި ލޯ ހުޅުވިގެން ގޮސްފި،" އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ގައުމުގެ ވިޔަފާރި އާއި އިގްތިސޯދުގައި ހުރި ބިޔަ މަޝްރޫއުތައް އިޝްތިހާރު ކުރަން ފޯމެއް ފުރަތަމަ ބާއްވާފައި މި ވަނީ 2014 ވަނަ އަހަރު އެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން ރާއްޖޭގެ އިގްތިސޯދުގައި ހުރި ފުރުސަތުތަކާއެކު އެ މަނިކުފާނު ވަޑައިގަތީ ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމަށެވެ. އެކަންވެގެން ދިޔައީ ދުނިޔޭގެ މީޑިޔާތަކުން ވެސް ފާހަގަ ކުރި ކަމަށެވެ.

ނަމަވެސް ޖެހިގެން އައި އަހަރު ފޯރަމަށް ފައްކާވަމުން ދިޔައިރު، ގައުމުގެ ސިޔާސީ މަޝްރަހު ވަނީ ބަދަލުވެފަ އެވެ. ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި އެ ފޯރަމަށް ވަޑައިގަތީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބް ރައީސްކަން ކުރެއްވި އަހުމަދު އަދީބު އެވެ. އެ ބައްދަލުން ނިންމާފައި އަދީބު ވަޑައިގަންނަވަންޖެހި ވަޑައިގަތީ ޖަލަށެވެ. އަދި ޗައިނާގައި ބޭއްވި ފޯރަމްގެ ނަތީޖާ އަދި ވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ފޯރަމާ ބެހޭ ގޮތުން ސަރުކާރުން މާ ބޮޑު ކޮމެންޓެއް ވެސް ކޮށްފައެއް ނުވެ އެވެ.

އާދަމް ވިދާޅުވި ގޮތުގައި އިންވެސްޓަމަންޓް ފޯރަމްތައް ކާމިޔާބވެ. އެކަމުގެ ހެއްކަކީ ރާއްޖޭގައި ރަޖިސްޓްރީކުރާ އިންވެސްޓްމަންޓުގެ އަދަދު އިތުރުވުމެވެ.

"ފޯރަމްތަކާއެކު ދުބާއީގެ ކުންފުންޏަކުން މިހާރުވެސް މަސައްކަތް އެބަކުރޭ ރާއްޖޭގައި ޑަރައިޑޮކިން ޔާޑެއް ހެދުމަށް. އެ ބޭފުޅުން އެ މަސައްކަތް ކުރިއަށް ގެންދަން ބަލަނީ މާލެ އަތޮޅު. މީގެ އިތުރުން ވެސް އެހެން ގައުމުތަކުގެ ކުންފުނިތައް ވެސް ދަނީ އިންވެސްޓް ކުރަމުން،" އާދަމް ވިދާޅުވި އެވެ.

ރާއްޖޭގައި ފޯރަމް ނުބޭއްވޭނެތަ؟

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ދެން ދަތުރުކުރީ އިންޑިޔާގެ ދިއްލީ އަށެވެ. އިންޑިޔާގެ ވެރިރަށް ދިއްލީގައި ފޯރަމް ބޭއްވި ދުވަސްވަރު މުޅިން ނުބައެވެ. ސަބަބަކީ އިންޑިޔާގައި ބޭނުން ކުރަމުން ދިޔަ ފައިސާގެ ގިނަ ނޫޓުތަކެއް ކުއްލިއަކަށް އުވާލުމާއެކު، އެ ގައުމު އޮތީ އޭރު ގަޑުބަޑުވެފަ އެވެ. މުޅި އިންޑިޔާގައި އޮތީ ފައިސާގެ ކިޔޫތަކެވެ. ނިއުދިއްލީގައި ބޭއްވި ފޯރަމަށް ދިޔަ ދިވެހި ވަފުދަށް ވެސް މީގެ ދަތިތައް ކުރިމަތިވި އެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިން ފައިސާ މާރުކުރަން އެއާޕޯޓުގައި އެތައް އިރަކު ތިބެން ޖެހުނެވެ. އިންޑިޔާގެ ވިޔަފާރީގެ މަރުކަޒު މުމްބާއީގެ ބަދަލުގައި ދިއްލީގައި މި ފޯރަމް ބޭއްވުމަކީ ފޯރަމަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ އެއް ސަބަބެވެ. އެކަން ދިވެހި ވަފުދުންގައި ބައިވެރިވެވަޑައިގަތް ބައެއް ވިޔަފާރިވެރިން ވެސް ފާހަގަ ކުރި އެވެ.

ދިއްލީ ފޯރަމަށް ދިޔަ ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އަދި ވިދާޅުވި ގޮތުގައި އިންވެސްޓްމަންޓް ފޯރަމްތައް ރާވާ ގޮތް ބަދަލުކޮށްގެން ނޫނީ އެކަށީގެންވާ ފައިދާ ނުނެރެވޭނެ އެވެ.

"ފޯރަމްތައް ރާވާއިރު ފޯރަމްގެ ކުރިން ކްރިއޭޓް ކުރަން ޖެހޭ އިންވެސްޓްމަންޓް ހައިޕް އެއް ނުފެނޭ. މީގެ މާނައަކީ އެކަން ރަނގަށް ނުކުރެވެއޭ. އެކަން ރަނގަޅު ކުރާނަމަ އެކްސްޕޯ ވަަރަށް ކާމިޔާބު ވާނެ،" އޭނާ ވިދާޅުވި އެވެ.

އަނެއް ކަމަކީ އިންވެސްޓްމަންޓް ފޯރަމެއް ރާވާއިރު އެކަމުގެ މައުލޫމާތު ބޭރުގައި ފެތުރުމެވެ. ނިއުދިއްލީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމަށް އިންޑިޔާގެ މީޑިޔާތަކުގެ އެއްވެސް ސަމާލުކަމެއް ނުލިބުނެވެ. ފޯރަމް ނިމެމުން ދިޔައިރު ވެސް ދެ މީޑިޔާއެއް ނޫނީ ފޯރަމް ކުރިއަށްދިޔަ ތަނަކުން ނުވެސް ފެނެ އެވެ.

ނަމަވެސް، އިކޮނޮމިކް މިނިސްޓްރީން ގަބޫލު ކުރާ ގޮތުގައި ފޯރަމްގެ ގިނަ ކަންތައްތައް އިންޑިޔާގެ ސަމާލު ކަމަށް ދިޔައެވެ.

"ކުރިން އިންޑިޔާގެ ފަރާތްތަކުން ވެސް ރާއްޖެއާމެދު ދެކޭ ގޮތް ތަފާތު. ނަމަވެސް އިންވެސްޓްމަންޓް ފޯރަމާއެކު އެމްބަސީއިން ވެސް ގުޅި. ގުޅާފަ ބުނި މިވެނި ޕްރޮޖެކްޓެއްގެ މައުލޫމާތު އެ ގައުމުގެ ކުންފުނިތަކަށް ބޭނުންވާ ވާހަކަ،" އާދަމް ވިދާޅުވި އެވެ.

ދެން އޮތީ، މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރާއްޖޭގައި ބޭއްވުން ކިހިނެއްވާނެތޯ ކުރެވޭ ސުވާލެވެ. މިކަމަކީ ސަރުކާރަށް ވަރަށް ފަސޭހަ ކަމެވެ. ރާއްޖޭގައި ހުރި ދުނިޔޭގެ މަޝްހޫރު ހޮޓެލް ބްރޭންޑުތާއި ރާއްޖެއަށް އުދުހޭ ދުނިޔޭގެ އެއާލައިންތަކާއެކު މިކަން ކުރެވިދާނެ އެވެ. އޭރުން ދައުވަތު ދީގެން ދުނިޔޭގެ އެންމެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ އިސްވެރިން ރާއްޖެ ގެނެވިދާނެ އެވެ. ގެނެސް އެމީހުންނަށް ރާއްޖޭގެ އެންމެ މަތީ މެހުމާނުދާރީ ދިނުމަށް ފަހު މިފަދަ ފޯރަމްތައް ބޭއްވިދާނެ އެވެ.

ރާއްޖޭގައި ބޭރުގެ ވިޔަފާރީގެ ހަރަކާތްތައް އިންތިޒާމުކުރަމުންދާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި އިންވެސްޓްމަންޓް ފޯރަމް މިހާރު ބާއްވާ ގޮތުން ލިބޭނެ މަންފާ ވަރަށް ކުޑަވާނެ އެވެ. ނަމަވެސް ދައުވަތު ދީގެން ގެނެސްފިނަމަ އެކަން ވެގެންދާނީ ރާއްޖެއަށް ލިބޭނެ ބޮޑު އިސްތިހާރަކަށެވެ.

"ރާއްޖެ އަށް އިންވެސްޓަރުން ގެނައީމަ ދެ ފައިދާއެއް ކުރާނެ. އެއް ފައިދާއަކީ އެމީހުންނަށް އިންވެސްޓް ކުރަން ހުރި ފުރުސަތު ފޮޓޯ އަކުން ދައްކައިލުމުގެ ބަދަލުގައި ތަފްސީލުކޮށް ކިޔައި ދެވުން،" އޭނާ ވިދާޅުވި އެވެ.

މި ފަހަރު ޔޫއޭއީގައި ފޯރަމް

ކުރިން އިންވެސްޓްމަންޓް ފޯރަމް ބާއްވަން ނިންމާފައި އޮތީ ގަތަރުގަ އެވެ. ނަމަވެސް އެ ގައުމާއެކު އޮތް ގުޅުން ކަނޑާލުމާއެކު ސަރުކާރުން މިހާރު އިންވެސްޓްމަންޓް ބާއްވަން ނިންމާފައި އޮތީ ޔޫއޭއީގަ އެވެ. ސުވާލަކީ މިއީ ކޮން ކަހަލަ ނިންމުމެއް ހެއްޔެވެ؟

ޔޫއޭއީގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވާނަމަ އެންމެ ރަނގަޅު އެއް ގައުމޭ ބުނެވިދާނެ އެވެ. އެ ގައުމުގައި މިހާރުވެސް މަޝްހޫރު ފޯރަމެއް ކޮންމެ އަހަރަކު އޮވެ އެވެ. އެނުއަލް އިންވެސްޓްމަންޓް މީޓީން (އެއިމް) ގެ ނަމުގައި އޮންނަ މި ފޯރަމަކީ ދުނިޔޭގެ ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް އެއް ފުރާޅެއްގެ ދަށަށް ޖަމާވާ ހަރަކާތެކެވެ. މީގެ އިތުރުން އޮންނަ އަނެއް އިންވެސްޓްމަންޓް ފޯރަމަކީ ދަ ޔޫއޭއީ ގްލޯބަލް އިންވެސްޓްމަންޓް ފޯރަމް އެވެ.