ލައިފްސްޓައިލް

މޫދަށް ކުނި އަޅާ މީހުނަށް ފޮޓޯ މެސެޖެއް!

ދިގު ދަތުރުތައް ކުރުކޮށްލުމަށް އަދި ކަނޑުމަތީގެ ފޫހި ވަގުތުތަކުގެ ފަޅުކަން ފިލުވައިލަން ގިނަ މީހުން ކުރާ ކަމަކީ ކޮންމެވެސް ލުއި އެއްޗެއް ކެއުމެވެ. ކައިފައި ހުސް ޕެކެޓުތަކާއި ފުޅިތައް އުކާލަނީ މޫދަށެވެ. ބައެއް ރަށްރަށުގައި އަދިވެސް ބައެއް ކަހަލަ ކުނި މޫދަށް އުކާލުމުގެ ސަގާފަތް އެބަ އޮތެވެ. މޫދަށް ކުނި އުކައިގެން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ނޭނގޭތީއެއް ނޫނެވެ. ފަރުވާކުޑަ ކޮށްލެވެނީ އެވެ.

މޫދަށް އުކާލާ ކުނީގައި ޖެހި ބައެއް ކަހަލަ މަހާއި ވެލާ ފަދަ ކަނޑުގެ ދިރުންތައް މަރުވެފައިވެސް އެބަހުއްޓެވެ. އެފަދަ ފޮޓޯއެއް އާންމުވާ ކޮންމެ ފަހަރަކު އެ ނޫން ވާހަކައެއް ނުދައްކަ އެވެ. އެހެން ނަމަވެސް މޫދަށް ކުނި އެޅުން ހުއްޓާލާ މީހުން މަދެވެ.

ދާދި ފަހުން ވައިލްޑްލައިފް ފޮޓޯގްރާފަރު ޖަސްޓިން ހޯފްމަން ނެގި އެފަދަ ފޮޓޯއެއް ވެސް ވަނީ އިންޓަނެޓު ހިސޯރުކޮށްފަ އެވެ. އޭނާގެ ފޮޓޯގައިވަނީ ސީހޯސް އެއް ކަފަ ބުރެއް އޭގެ ނިގުލުގައި ހައްޔަރުކޮށްލައިގެން ގެންދާ މަންޒަރެވެ. މޫދަށް އަޅާ ކުނިން އެތަކެތީގެ ވެށި ސަލާމަތް ކުރަން މަސައްކަތްކުރާ މަންޒަރެވެ. އޭގެ އިތުރުން ދުރުން ޕްލާސްޓިކް ކޮތަޅުވެސް މޫދަށް އަޅާފައި ހުއްޓާ ފެނެ އެވެ. އެ ފޮޓޯ ނަގާފައިވަނީ އިންޑޮނޭޝިއާގެ ކަނޑުންނެވެ.

އެ ފޮޓޯ އާ ގުޅޭގޮތުން ހޯފްމަން ބުނި ގޮތުގައި އެންމެ ފުރަތަމަ އެ ސީހޯސް އޭނާއަށް ފެނުނީ އެކަންޏެވެ. ނަމަވެސް އޮޔާއި ދިޔަވަރު ބަދަލުވުމާއެކު މޫދަށް އަޅާފައިވާ ކުނިތައް އެކި ތަންތަނަށް ދަތުރުކުރަން ފެށުމުން މުޅި ސަރަހައްދު އެކަށް ފުސްވެ ހަޑިވި އެވެ. އަދި އެކަމުގެ ސަބަބުން އެ ހިސާބުގައި އުޅެމުންދިޔަ ކަނޑުގެ ދިރުންތަކަށް ގެއްލުންތައް ލިބުނެވެ. އަދި އެއީ ދުނިޔެއަށް ފެންނަންޖެހޭ މުހިންމު މަންޒަރެއް ކަމަށް ދެކެ އެފޮޓޯ ނެގީ އެވެ.

އެއީ އެންމެ ފޮޓޯ އެކެވެ. އެފަދަ އެތައް ނުފެންނަ ފޮޓޯތަކާއި މަންޒަރުތައް ހުންނާނެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި މޫދަށް އުކާލާ ޕްލާސްޓިކް ކުނީގެ ސަބަބުން އަހަރެއްގެ މައްޗަށް 100،000 އެކި ކަހަަލަ ކަނޑުގެ ދިރުންތައް މަރުވެ ނެތިދެ އެވެ. ޕްލާސްޓިކަކީ އޭގެ ޒާތުގައި ނެތިފަނާވެދާން އެތައް އަހަރެއް ހޭދަވާ އެއްޗެކެވެ. މޫދަށް އަޅާ ކުނީގެ ސަބަބުން އެންމެ ގިނައިން ގެއްލުންތައް ލިބޭ ދިރުންތަކަކީ ވެލާ، ސީލް އާއި ސީ ލަޔަން، ކަނޑުދޫނި، އަދި ކޯމަހާއި، ބޮޑުމަސް އަދި އެކިހަކަލަ މަސްމަހާއި މެއްސަށެވެ.