ވިޔަފާރި

ރެކޯޑު އަދަދަށް މިއަހަރު ޓޫރިސްޓުން އަންނާނެ

ވޭތުވެދިޔަ ހަތަރު އަހަރާ އަޅާބަލާއިރު، މި އަހަރު ރާއްޖެ އަށް ރެކޯޑު އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބަދަލުގައި، ހޮޓެލް އޭޝިޔާ ހުޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހަތް ލައްކަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ ކަމަށާ މިއީ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި އަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު 1.3 މިލިއަނަށް އަރާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

މި އަހަރު ރާއްޖެ އަށް 1.3 މިލިން ޓޫރިސްޓުން ޒިޔާރަތް ކޮށްފިނަމަ މިއީ ވޭތުދިޔަ ހަތަރު ވަރަކަށް އަހަރާ އަޅާ ބަލާއިރު ރެކޯޑު އަދަދެއްގެ އިތުރު ވުމެކެވެ. އަދި މި އަހަރަކީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ އަހަރަށްވާނެ އެވެ. ދެހާސް ދޭރަ ވަނަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ 1.1 މިލިއަން މީހުންނެވެ. އަދި ދެހާސް ސާދަ ވަނަ އަހަރު މި އަދަދު 1.2 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރިއިރު، ޖެހިގެން އައި އަހަރާއި މިދިޔަ އަހަރު ވެސް ޒިޔާރަތް ކުރީ މި އަދަދަށެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ބަލާއިރު ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު ދެ އަކުރުގެ އަދަދަކުން އިތުރުވެފައިވުމަކީ ހެޔޮފާލެއް ކަމަށެވެ.

"މިއިން ދައްކުވައި ދެނީ އަޅުގަނޑުމެންގެ ޒަމާންވީ ޓޫރިޒަމް މާކެޓް އެނބުރި އަންނަކަމުގެ ނިޝާނެއް،" މުނައްވަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މި އަހަރުގެ ޖުލައި މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޔޫރަޕުން މިހާތަނަށް 362,354 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތް ކުރި 327,093 މީހުންނާ އަޅާ ބަލާއިރު 10.8 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެ އަށް ޒިޔާޔަތް ކުރާ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ފެއާތަކުގައި ބައިވެރިވުމުގެ އިތުރުން ސޯޝަލް މީޑިޔާ މެދުވެރިކޮށް މާކެޓިން ހަރަކާތްތައް ހިންގަ އެވެ.