ހަބަރު

ރޯހިންޔާ މައްސަލަ ހައްލުކުރަން އދ ވަނުމަށް ރާއްޖޭން ބާރު އަޅަނީ

މިޔަންމާގެ ރަޚާން ސްޓޭޓްގައި ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގާ ޖަރީމާތަކުގެ މައްސަލަ އދ. މެދުވެރިވެގެން ހައްލުކުރުމަށް ރާއްޖޭން ބާރު އަޅާނެ ކަމަށް އދ.އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަދި އެމެރިކާއަށާއި ކެނެޑާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ނިއުޔޯކްގައި ހުންނަވައިގެން ވީޑިއޯ ކޯލުގެ ޒަރިއްޔާއިން ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ނަސީރު ވިދާޅުވީ ރޯހިންޔާ މައްސަލައާ މެދު އދ.ގައި ދެން ބަހުސް ކުރަން ހަމަޖެހިފައި އޮތީ އަންނަ އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

" އެދުވަހު އދ.ގެ ތާޑު ކޮމިޓީ( އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީ)ގައި މިޔަންމާގެ މުސްލިމުންގެ ހައްގުގަ އާއި ރޯހިންޔާ ނަސްލުގެ ހައްގުގައި ރާއްޖޭން އަޑު އުފުލާނެ. އެމިޓީގައި މިކަމާ ގުޅޭ ގަރާރު ފާސްކުރުމަށާ، މިމައްސަލަ ހައްލުކުރުމަށް އދ. އިން ވަނުމަށް ރާއްޖޭން ބާރު އަޅާނެ،" ނަސީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭަން އަބަދުވެސް ގަބޫލުކުރަނީ ގައުމުތަކުގައި ހިންގާ ލާއިންސާނީ އަމަލުތަކާ ނަސްލުނައްތާލުމުގެ ހަރަކާތްތައް ފަަދަ ކަންކަމުގައި އެފަދަ ކަންކަން ހިންގާ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭނީ އދ.ގައި ގައުމުތަކުން އެއްބަސްވެގެން ގާއިމްކޮށްފައިވާ އިޖުރާއަތްތަކުގެ ތެރޭން ކަމަށެވެ. އެގޮތުން ގަައުމުތަކުގެ ދާހިލީ ކަންތައްތަކުގެ ތެރެެއަށް ވަނުމާ މެދު ގޮތެއް ނިންމާނީ އދ.ގެ ސެކިއުރިޓީ ކައުންސިލުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. އަލީ ނަސީރު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ''ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އެންޑް ދަ ޕްރިވެންޝަން އޮފް ޖެނޮސައިޑް، ވޯ ކްރައިމްސް، އެތުނިކް ކްލެންސިން، އެންޑް ކްރައިމްސް އެގެއިންސްޓް ހިއުމެނިޓީ" ނުވަތަ އާރްޓޫޕީ މައުޟޫއު އދ.ގެ އާއްމު މަޖިލީހުގެ 72 ވަނަ ސެޝަންގެ އެޖެންޑާގައި ހިމަނަން ފެނޭތޯ ނެގި ވޯޓުގައި ރާއްޖޭން ބައިވެރި ނުވުމުން ސަރުކާރަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ.

މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ރޯހިންޔާ ހަނގުރާމަވެރިންގެ އަމަލުތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ފެށި ކެމްޕޭނުގައި 300000 އަށް ވުރެ ގިނަ ރޯހިންޔާ މީހުން ވަނީ ގައުމުން ބޭރުކޮށްލާފައެވެ. އެމީހުން މިހާރު ތިބީ އަވަށްޓެރި ބަންގްލަދޭޝްގަ އެވެ.