ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް ބަންދުކުރި މައްސަލާގައި ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލާގެ ބެންޗު އެންމެފަހު ވަގުތު ބަދަލުކުރުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ މެދު އެ ކޯޓުން އަދިވެސް ގޮތެއް ނިންމާފައިނުވާތީ ފާރިސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފާރިސްގެ ފަރާތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ، އޭނާގެ މައްސަލާގެ ބެންޗަށް ބަދަލު ގެނެސްފައިވަނީ ގާނޫނު އަސާސީ އާއި ސުޕްރީމް ކޯޓުތަކުގެ ނިންމުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން ހައިކޯޓުން އަމަލުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކަމަށް ކަނޑައަޅައި، އެކަމުގައި ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށެވެ. އެކަމާމެދު ފިޔަވަޅު ނޭޅުމަކީ ފާރިސްއަށް އިންސާފު ލިބުމުގައި އެޅޭ ހުރަހެއް ކަމަށް ވެސް ސިޓީގައިވެ އެވެ.
މީގެކުރިން ވެސް ސުޕްރީމް ކޯޓުގެ ނިންމުންތަކާ ހިލާފަށް އެހެން ކޯޓުތަކުން އަމަލުކޮށްފައިވާ ދަނޑިވަޅުތަކުގައި ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާކަން ފާހަގަކުރައްވައި ސިޓީގައި ފާރިސް ފާހަގަކުރައްވާފައިވަނީ އޭނާގެ މައްސަލާގައި ވެސް ސުޕްރީމް ކޯޓުން އަވަހަށް ފިޔަވަޅު އަޅައިދިނުމަށެވެ. އަދި އެ މައްސަލަ ފުރަތަމަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އޭނާއާމެދު ހުކުމް އިއްވުމުގެ އަމުރެއް ނެރެދެއްވުމަށެވެ.
ފާރިސް މައުމޫން ހައްޔަރުކޮށް ބަންދުކުރި މައްސަލާގައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ ބަލާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރަކަށް ފަނޑިޔާރު ޝުޖާއު އުސްމާނު މިހާރު ވަނީ ހަމަޖައްސަވާފަ އެވެ.
ފަނޑިޔާރު ސުޖާއު އުސްމާނަކީ ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރެކެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭ ހައިކޯޓުގައި ތިން މަސް ދުވަހަށް މަސައްކަތް ކުރައްވަން އަންގާފަ އެވެ. އެ ފަނޑިޔާރުން އެގޮތުގެ މަތިން މަސައްކަތް ކުރައްވަން ފެއްޓެވީ އިއްޔެއިން ފެށިގެންނެވެ. ފަނޑިޔާރު ސުޖާއު އުސްމާނު މިފަހުން ހުންނެވީ ލިބިވަޑައިގަތް އިންޒާރުތަކަކާއެކު ދެކުނު ގޮފީގެ މަސައްކަތްތައް ދޫކުރައްވައި މާލެ ވަޑައިގެންނެވެ.
ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް ބަންދުކުރި މައްސަލާގެ އިސްތިއުނާފީ އަޑުއެހުންތައް ނިންމާލާފައިވާތާ ގިނަ ދުވަސްތަކެއްވެފަ އެވެ. މިއަދަށް އެ މައްސަލާގެ އަޑުއެހުން ތާވަލުކުރި ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. މިއަދަށް އަޑުއެހުމެއް ތާވަލުކުރީ މައްސަލާގެ ބެންޗަށް ބަދަލު ގެނެސްފައިވާތީ އެވެ. މައްސަލަ ބައްލަވާ ބެންޗަށް ބަދަލު ގެނެސްފިނަމަ ވަކި އަޑުއެހުމެއް އާންމު ގޮތެއްގައި ބާއްވަ އެވެ.
މި މައްސަލާގެ ބެންޗަށް ފަނޑިޔާރު ސުޖާއު އުސްމާނު ހަމަޖައްސާފައިވަނީ އެ މައްސަލަ ކުރިން ބެއްލެވި ފަނޑިޔާރު އަލީ ސަމީރުގެ ބަދަލުގަ އެވެ. ބެންޗުގައި ދެން ތިއްބަވަނީ ކުރިން ވެސް ތިއްބެވި، އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ފާރިސްގެ މައްސަލާގެ އަޑުއެހުންތައް މަޑުޖެހުނީ އިސް ފަނޑިޔާރު ދީދީ އެ މައްސަލަ ބެއްލެވި ސެކްޝަނުން މައްސަލަ ނެންގެވުމުންނެވެ. އެ މައްސަލަ ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
ސުޕްރީމް ކޯޓަށް ފާރިސް ހުށަހަޅުއްވާފައިވާ މައްސަލާގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ މެންޑާމަސް އަމުރުގައި މައްސަލަ ބައްލަވާނެ ފަނޑިޔާރުންގެ ބެންޗް ގާނޫނީ ގޮތުން ކަނޑައަޅާފައިވަނިކޮށް ބެންޗުގައި ހިމެނޭ ފަނޑިޔާރަކު އެ މައްސަލައެއް ބެއްލެވުމަށް ޑިސްކޮލިފައިވާ ގާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ބެންޗުގައި ހިމެނޭ ފަނޑިޔާރަކު އެންގުމަކާ ނުލާ ބަދަލުކޮށް ބެންޗަށް ބަދަލު ގެނައުމަކީ ކޯޓުތަކުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)އާ ހިލާފު ކަމެއް ކަމަށް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.
އެ މައްސަލާގައި ބުނެފައިވަނީ ފާރިސްގެ މައްސަލާގެ ޝަރީއަތް ހިންގެވި އެއްވެސް ފަނޑިޔާރަކު މައްސަލައިން ތަނާޒަލްވެފައިނުވާ ކަމަށް ވެސް ހައިކޯޓުގެ އިސް ފަނޑިޔާރު ބިއުރޯއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފާރިސްގެ މައްސަލަ ބައްލަވާ އެއްވެސް ފަނޑިޔާރަކު ޑިސްކޮލިފައިވާ ނުވަތަ ތަނާޒަލްވާ ހާލަތެއް މެދުވެރިވެފައިނުވަނީސް މައްސަލާގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރުގެ ސެކްޝަނުން އިސް ފަނޑިޔާރުގެ ސެކްޝަނަށް މައްސަލަ ބަދަލުކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް މައްސަލާގައި ބުނެފައިވެ އެވެ. އެހެންކަމުން މައްސަލަ އިސް ފަނޑިޔާރުގެ ބިއުރޯއިން ނަންގަވާފައިވަނީ ސުޕްރީމް ކޯޓުގެ މެންޑާމަސް އަމުރާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ފާރިސް ވަނީ އެދިވަޑައިގެންފަ އެވެ.