"ރައީސް ޔާމީން 2018 ސްޕޯޓްސް ފިއެސްޓާ"ގެ ނަމުގައި ޕީޕީއެމުން ކުރިއަށް ގެންދާ ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ފިއެސްޓާގެ ގޮތުގައި ބާއްވާ އެ ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ.
އެ ހަރަކާތަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތައް ހާސިލް ކުރެވިފައިވާ މިންވަރު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ. އަދި މި ސަރުކާރަށް ތާއީދު ހޯދުމުގެ އިތުރުން ޒުވާނުންނަށް ކުޅިވަރުގެ ދާިއރާއިން އިތުރު ފުރުސަތުތައް ހޯދައިދީ ކުރިއަށް ދިއުމަށް މަގުފަހިކޮށް ދިނުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ.
އެ ހަރަކާތުގެ ތެރެއިން ފިރިހެނުންނަށް ހާއްސަ ފުޓްސަލް މުބާރާތަކާއި އަންހެނުންނަށް ވޮލީ މުބާރާތެއް ކުރިއަށް ގެންދާނެ އެވެ. އެގޮތުން މުޅި ރާއްޖެ 20 ޒޯނަށް ބަހާލައި އަތޮޅު މުބާރާތަކާއި ޒޯން މުބާރާތެއް އަދި އެ ދެ މުބާރާތުން ހޮވޭ ޗެމްޕިއަނުންނަށް މުބާރާތެއް ކުރިއަށް ގެންދާނެ އެވެ. މުބާރާތުގެ ކަންކަން ބަލަން ހަތް ކޮމެޓީއެއް ވަނީ އުފައްދާފަ އެވެ.
އެ މުބާރާތުގެ ފައިނަލް ބުރު ކަމުގައިވާ ޗެމްޕިއަނުންގެ ބުރުގެ ޗެމްޕިއަން ޓީމަށް ދެ ލައްކަ ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅާފަ އެވެ. އަދި ރަނަރަޕް ޓީމަށް ދޮޅު ލައްކަ ރުފިޔާ އަދި ފެއާ ޕްލޭ ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމް ދޭން ވަނީ ކަނޑައަޅާފަ އެވެ. އެ ބުރު ކުޅޭނީ މާލޭގަ އެވެ.
ސްޕޯޓްސް ފިއެސްޓާގައި އަންހެނުންގެ ވޮލީ މުބާރާތަކާއި ފިރިހެނުންގެ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ކުރިއަށް ގެންދާނީ 20 އަތޮޅު، ހަ ޒޯނަކަށް ބަހާލައިގެން ތިން ބުރެއްގެ މައްޗަށެވެ. އެއީ އަތޮޅު މުބާރާތާއި ޒޯން މުބާރާތާއި ޗެމްޕިއަނުންގެ މުބާރާތެވެ.
އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ އަދި ރަނަރަޕް ޓީމަށް 30،000 ރުފިޔާގެ އިނާމެއް ދޭން ވަނީ ހަމަޖައްސާފައިވާއިރު އެ ބުރުގެ ފެއާ ޕްލޭ ޓީމަށް ދޭން ހަމަޖައްސާފައިވަނީ 20،000 ރުފިޔާ އެވެ. ޒޯން މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، ރަނަރަޕް ޓީމަށް 75،000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް ބައި ލައްކަ ރުފިޔާ ދޭން ވަނީ ހަމަޖައްސާފަ އެވެ.
އަތޮޅު މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް މުބާރާތަށް ތައްޔާރުވާން 15،000 ރުފިޔާ ދޭން ވަނީ ނިންމާފަ އެވެ. އަދި ޒޯން މުބާރާތަށް ދާ ކޮންމެ ޓީމަކަށް 50،000 ރުފިޔާ އަދި ޗެމްޕިއަން މުބާރާތަށް ދާ ކޮންމެ ޓީމަކަށް މުބާރާތަށް ތައްޔާރުވާން އެއް ލައްކަ ރުފިޔާ ދޭން ވަނީ ނިންމާފަ އެވެ. އެ ކުޅިވަރު މުބާރާތްތަކާއި ބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭން ހާއްސަ ވެބްސައިޓެއް ލޯންޗު ކުރަން ވަނީ ނިންމާފަ އެވެ. އެ ވެބްސައިޓު މެދުވެރިކޮށް ބައިވެރިވާ ޓީމްތަކަށް މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ހުށަހެޅޭނެ އެވެ. އަދި މުބާރާތުގެ ލައިޕް އަޕްޑޭޓްތަކާއި މުބާރާތައި ބެހޭ ހުރިހާ މައުލޫމާތުތަކެއް އެ ވެބްސައިޓް މެދުވެރިކޮށް ކުރިއަށް ގެންދާނެ އެވެ.
ފިއެސްޓާގެ މޯބައިލް އެޕްލިކޭޝަނެއްވެސް މި ހަފްތާގެ ތެރޭގައި ލޯންޗުކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި މުބާރާތާއި ގުޅޭ ކުއިޒެއްވެސް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.