ހަބަރު

ހުޅުމާލެއަށް ހާއްސަ ފޮޓޯ ނެގުމުގެ މުބާރާތެއް ފަށައިފި

Sep 19, 2017
3

ހުޅުމާލެއަށް ހާއްސަ ފޮޓޯ ނެގުމުގެ މުބާރާތެއް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

އެޗުޑީސީން ބުނީ މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ "އާބަން އެޓްރެކްޝަން ހުޅުމާލެ" މުބާރާތަށް ތިން އިނާމެއް ހުށަހަޅާފައިވާ ކަމަށެވެ.

"މި މުބާރާތަށް ނަގަން ޖެހެނީ ހުޅުމާލޭގެ ފޮޓޯ. ހުޅުމާލޭގެ އާއްމު ދިރިއުޅުމާއި މިތަނާ [ހުޅުމާލެ] ގުޅުން ހުރި ފޮޓޯ،" ކޯޕަރޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

މި މުބާރާތަށް އެޗުޑީސީން ފައިސާގެ ތިން އިނާމެއް ވެސް ހުށަހަޅާފައިވެ އެވެ. މީގެ ތެރޭގައި އެއްވަނަ އިނާމަކަށް 10،000ރ. ދޭއިރު ދެވަނަ އިނާމަކަށް 5،000ރ. އަދި ތިން ވަނަ އިނާމަކަށް 3،000ރ. ލިބޭނެ އެވެ.

"އާބަން އެޓްރެކްޝަން" ހުޅުމާލެ ފޮޓޯ ނެގުމުގެ މުބާރާތަށް ނަގާ ފޮޓޯތައް ހޭސްޓެގް "އާޓްފެސްޓިވަލް 2017" އަދި "އާޓްއެޓްރެކްޝަންހުޅުމާލެ" އާއި "އެޗްޑީސީމޯލްޑިވްސް" ނުވަތަ "މައިހުޅުމާލެ" އާއެކު ފޭސްބުކް އާއި އިންޓަގްރާމަށް ލެވޭނެ އެވެ. ވަނަތައް ހޮވުމުގައި އެންމެ ގިނަ ލައިކް ލިބޭ ފަރާތްތަކަށް ބަލާނެ އެވެ. މާކްސްގެ 60 ޕަސެންޓް ހިމަނާނީ ލައިކްސްއިންނެވެ. ބާކީ 40 ޕަސެންޓަކީ އެޗްޑީސީގެ ތިން ޖަޖުންގެ ހިމެނޭ ޕެނަލްއެއްގެ މާކްސް އެވެ.

އެޗްޑީސީން ދާދިފަހުން ވަނީ ބޮޑު އާޓް ފެސްޓިވަލްއެއް ވެސް ބާއްވާފަ އެވެ. އެ ފެސްޓިވަލްގައި ތައްޔާރުކުރި އާޓް އިންޓޮލޭޝަންތައް، ބާބެކިއު އޭރިއާ އާއި ކޮމާޝަލް ބްލޮކް ފާރުގެ އިތުރުން ފެރީ ޓާމިނަލް އާއި ސެންޓްރަލް ޕާކުގައި ވަނީ ބޭނުންކޮށްފަ އެވެ.