ފްލެޓު ލިބުނު ފަރާތްތަކުގެ ވަނަވަރު ހާމަ ނުކުރާ މައްސަލައާ ގުޅޭ ގޮތުން ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
ފްލެޓުތަކުގެ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އެވެ. އެ މައްސަލާގައި ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް އެ ކޮމިޓީގެ މެންބަރުންގެ ފޯނަށް މެސެޖު އައިސްފައިވާ ކަމަށް މެންބަރު ރޮޒޭނާ ކަށަވަރުކޮށްދެ އެވެ. ރޮޒޭނާ މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު އަލުން ކެންސަލް ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިދިކޮޅު ތިން މެންބަރު ރައްޔިތުން މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދުއަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ ފްލެޓުތައް ހައްގުވާ ފަަރާތްތައް ކަމުގައި ބުނެ، އިއުލާންކޮށްފައި ވަނީ އެ ފްލެޓުތައް އެންމެ ހައްގުވާ ފަރާތްތަކެއް ނޫން ކަމަށާއި އެކަން ދެފުށް ފެންނަ ގޮތަށް ނުކުރުގެ ސަބަބުން އެތަށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.
ފްލެޓުތައް ދިނުމުގައި ޝޯޓްލިސްޓު ކުރެވިފައިވާ ފަރާތްތަކަކީ ކޮބައިކަމާއި އެ ކަންކަން ކުރުމުގައި ގެންގުޅޭ އުސޫލުތަކަކީ ކޮބައިކަން ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ސާފުވާން ޖެހޭ ކަމަށާއި ރައްޔިތުންގެ ފައިސާއިން އަޅާ ފްލެޓުތަކަކީ އެތަންތަން އެންމެ ހައްގުވާ ފަރާތްތަކަށް ދޫކުރެވުނު ތަންތަން ކަމުގައި ކަށަވަރު ކުރުމަކީ ވެސް އެ ކޮމިޓީގެ މައްސޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ސަރުކާރުގެ މައްސުލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ބެލުމަށް ބައްދަލުވުމެއް ބާއްވައި ދިނުމަށް އިދިކޮޅު ތިން މެންބަރުން ވަނީ އެދިފަ އެވެ.
އެ މައްސަލައާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައި ވަނީ ފްލެޓު ލިބުނު މީހުންގެ މައުލޫމާތުތައް ހާމަ ނުކުރަނީ އެ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކަަމަށެވެ. އަދި އެކަން ކުރިޔަށް އޮތް ތަނުގައި ވެސް ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަޖިލީހަށް އެ މައްސަލަ ހުށަހަޅާފައިވާ އިރު އަމިއްލަ ފަރާތަކުން އެ މައްސަލަ އެންޓި ކޮރޮޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހަޅާފަ އެވެ.