ހަބަރު

ރިލްވާން މައްސަލާގެ ޝަރީއަތް މާދަމާ ފަށަނީ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ދައުވާކޮށްފައިވާ ތިން މީހުންގެ ޝަރީއަތް މާދަމާ ފެށުމަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ. އެ ތިން މީހުންގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

މިދިޔަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ޕީޖީއިން ދައުވާ އުފުލާފައިވަނީ ހ. ހިލްޓަން، އަހުމަދު އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ މުހައްމަދު ސުއައިދުގެ މައްޗަށެވެ.

އާލިފް ރައޫފާއި ނޫރައްދީންއަކީ މި މައްސަލާގައި މީގެކުރިން ހައްޔަރުކޮށްފައިވާ ދެ މީހުންނެވެ. އެމީހުން ދޫކޮށްލީ ބަންދު އިތުރުކުރުމަށް ގެންދިޔުމުން ކޯޓުންނެވެ.

ރިލްވާން ގެއްލުނު މައްސަލާގެ ތަހުގީގު މިހާތަނަށްވެސް ފުރިހަމަނުވާ އިރު މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ވަނީ ރިލްވާންގެ ތަހުގީގާ ގުޅޭ ބައެއް ވީޑިއޯތައް އާންމު ކޮށްފަ އެވެ. އަދި އެ ވީޑިއޯތަކަށް ބިނާކޮށް ފުލުހުން ބުނެފައި ވަނީ ރިލްވާން އަށް އެރޭ ދެ މީހަކު ފާރަލީ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކާރެއްގައި ހުރި އިސްތަށިން ހޯދުނު ޑީއެންއޭ ރިލްވާންގެ ޑީއެންއާއާ ދިމާވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.