ރާއްޖޭގެ ކަނޑު އަޑީގެ ރީތި ކަމަކީ ދުނިޔޭގައި ވެސް އެންމެ އާދަޔާހިލާފު މަންޒަރުތަކެކެވެ. ކުރިޔާ ހިލާފަށް ޑައިވިންއަކީ މިހާރު ވަރަށް ގިނަ ދިވެހިން ވެސް ޝައުގުވެރިވާ ދާއިރާއެކެވެ. ޑައިވްކޮށްގެން އާމްދަނީއެއް ވެސް ލިބޭތީ އެވެ. ޑައިވް ކުރުމުގައި ކާމިޔާބު ޒުވާނުން ވެސް މިހާރު ވަރަށް ގިނަ ވެއްޖެ އެވެ. އދ. ގެ މި ދިގުރަށުގައި ވެސް އެކަން އޮތީ އެހެނެވެ. މިރަށު ނައުޝާދު މުހައްމަދަކީ ވެސް އެފަދަ ކާމިޔާބު ޒުވާނެކެވެ. އަމިއްލަ ރަށުގައި ހުރެގެން ނައުޝާދު ރަނގަޅު އާމްދަނީއެއް ހޯދަ އެވެ. އޭނާއަކީ މި ރަށުގައި ހުންނަ އަދި ރާއްޖޭގެ ޑައިވަރުންގެ މެދުގައި ވެސް މަޝްހޫރު ކަމެއް ހޯދާފައިވާ ޑައިވިން ސެންޓަރު، "އައިލެންޑް ޑައިވާސް" ހިންގުމުގެ ހުރިހާ ކަމަކާ ހަވާލުވެ ހުރި މެނޭޖަރެވެ.
އުމުރުން މިހާރު 33 އަހަރުގެ ނައުޝާދު، ސީއެޗްއެސްސީއިން ކިޔެވުމަށްފަހު ފުރަތަމަ ވަޒީފާ އަދާ ކުރަން ދިޔައީ ރިސޯޓްތަކަށެވެ. އެ ދާއިރާއަށް އޭނާ ނުކުތީ 2004 ވަނަ އަހަރު އެވެ. ރިސޯޓްގައި މަސައްކަތް ކުރަމުން ނައުޝާދު ޑައިވިންއަށް ޝައުގުވެރިވެ، އޯޕަންވޯޓާ ދަސްކުރި އެވެ. އަދި އޭރު ރިސޯޓްގައި ވަޒީފާ އަދާކުރަމުން އޮފްޑޭތަކުގައި މާލެ ގޮސް ޑައިވް މާސްޓާ ފުރިހަމަ ކުރި އެވެ. އޭގެ ފަހުން ހުވަފެންފުއްޓާއި އިރުފުއްޓާއި ވެލާގައި ވެސް ވަޒީފާ އަދާކުރި އެވެ. އެ ހިސާބަށް ދެވުނު އިރު ކައިވެންޏެއްކޮށް ދެ ކުދިން ވެސް ލިބިފައި ވެއެވެ.
"ކުދިން ލިބުމާއެކު އާއިލާއާ ދުރުގައި ރިސޯޓްތަކުގައި މަސައްކަތްކުރަން ބޭނުމެއް ނުވި. އެެހެންވެ ރަށުގައި މަސައްކަތް ކުރެވޭނެ ގޮތެއް ފެނޭތޯ ނައުޝާދު ބަލަމުން ދިޔައީ،" އޭނާ ބުންޏެވެ.
ދެހާސް ބާރަ ވަނަ އަހަރު ނައުޝާދުގެ ދިރިއުޅުން ބޮޑު ބަދަލަކާ ކުރިމަތި އެވެ. އެއީ މިރަށަށް އައި އިންގިލާބީ ބަދަލެކެވެ. ގެސްޓްހައުސްގެ ވިޔަފާރި ފަށައިގަތީ އެވެ. މިރަށުގައި ފުރަތަމަ ހުޅުވީ ޓީއެމް ގެސްޓްހައުސް އެވެ. ނައުޝާދުގެ ޑައިވިން ސެންޓަރާއި ޓީއެމްއީ އަކީ ގާތްގަނޑަކަށް ގުޅިފައިވާ ދެ ގޮތްޕެވެ.
ރަށަށް ވެރިވި ޓޫރިސްޓް ވިޔަފާރި އާއެކު ނައުޝާދު ވެސް ރަށަށް އައިސް ޑައިވިން ސެންޓަރެއްގެ މަސައްކަތް ފެށީ ބޮޑެތި ގޮންޖެހުންތަކާއެކު އެވެ. މި ރަށުގައި އޭރު ޑައިވިންއަށް ދާނެ މާގިނަ ޒުވާނުންނެއް ނެތެވެ. ނަމަވެސް ނައުޝާދަކީ ޑައިވް މާސްޓަރެކެވެ. އޭނާއާއެކުގައި އުޅެނީ ދެ މުވައްޒަފުންނެވެ.
"ދެން ދިޔައީ ޑައިވް އިންސްޓްރަކްޓާ ކޯސް ހަދަން ތައިލެންޑަށް، އެ ކޯސް ފުރިހަމަކޮށް އައިސް ރަށުގެ 15 ޒުވާނުންނަކަށް ޑައިވް މާސްޓަރު ފެންވަރަށް ތަމްރީނު ދިނީ،" އޭނާ ބުންޏެވެ. "އޭގެ އިތުރުން ފަން ޑައިވް ކުރެވޭ ވަރަށް ރަށުގެ ސާޅީހަކަށް ޒުވާނުންނަށް ތަމްރީނު ދިނީ،"
މި ރަށުގެ ޒުވާނުންގެ އިތުރުން މާލެއިން ވެސް ނައުޝާދުގެ ސެންޓަރަށް ގޮސް ޒުވާނުން ތަމްރީނު ހަދަ އެވެ. މިހާރު ޖުމްލަ 200 އަށްވުރެ ގިނަ ޒުވާނުންނަށް އޭނާގެ ސެންޓަރުން ތަމްރީނާއެކު ސެޓްފިކެޓް ދީފި އެވެ. މީގެއިތުރުން ސްކޫލް ދަރިވަރުންނަށް ވެސް ޑައިވިންގެ ތަފާތު ޕްރޮގްރާމްތައް އޭނާގެ ސެންޓަރުން ހިންގައެވެ.
މިހާރު ނައުޝާދަކީ ޑައިވިން ސްޓާފް އިންސްޓްރަކްޓަރެކެވެ. އެ ކޯސް އޭނާ ފުރިހަމަކުރީ ވެސް ތައިލެންޑުންނެވެ. އޭނާގެ ސެންޓަރުގައި ޑައިވް މާސްޓަރުގެ ކޯސް ހިންގާއިރު މިހާރު ތައްޔާރުވަމުން ދަނީ ޑައިވް އިންސްޓްރަކްޓަރު ކޯސް ވެސް ފަށާށެވެ. އޭގެއިތުރުން ސެންޓަރުގެ ޑައިވަރުން ކައިރި އަތޮޅުތަކަށް ފޮނުވައިގެން ހިދުމަތް ދިނުމަށް ދޭން ވެސް ވަނީ މަސައްކަތް ފަށާފަ އެވެ.
ދެ މީހުންނާއެކު ފެށި ސެންޓަރުގައި މިހާރު މުވައްޒަފުންގެ އަދަދު ވަނީ މައްޗަށް ގޮސްފަ އެވެ. ސެންޓަރު ވަނީ ކާމިޔާބު، މަގުބޫލު ނަމަކަށް ވެފަ އެވެ. ނައުޝާދު މިހާރު ތައްޔާރުވަމުން އަންނަނީ މާސްޓާ އިންސްޓްރަކްޓާ ކޯސް ހެދުމަށެވެ. އޭނާގެ އަމާޒަކީ ކޯސް ޑައިރެކްޓާ ވެސް ފުރިހަމަކުރުމެވެ.
ސެންޓަރުގެ ކާމިޔާބީއާއެކު ނައުޝާދު އެންމެ ހިތްހަމަޖެހޭ ކަމަކީ، އެ ސެންޓަރުން ރަށުގައި ޑައިވިން ކޮމިއުނިޓީއެއް ގާއިމުކޮށްދެވުމެވެ. ސެންޓަރު ހުޅުވިއިރު ރަށުގައި ޑައިވްކުރާ އެންމެ ތިން މީހުން ތިބި ނަމަވެސް މިހާރު ދިގުރަށަކީ ޑައިވިނަށް ހާއްސަ ރަށެކެވެ. އެކަންކުރާ ގިނަ ބަޔަކު އުޅޭ އެކަމަށް އޮންނަ މަގުބޫލުކަން ބޮޑު ރަށެކެވެ. ދަރިންނަށް ޑައިވިން ދަސްކޮށްދިނުމަށް މަންމަމެން ވެސް ބޭނުންވެ އެވެ. ޅަ އުމުރުގައި ޑައިވްކުރަން ދަސްކުރާ ކުދިން އެހެންކަމުން އެ ރަށުގައި ގިނަ އެވެ. އެ ބަދަލަކީ ނައުޝާދު އިސްވެ ހުރެ އެ ރަށަށް ގެނައި ބަދަލެކެވެ.
ޑައިވިން ސެންޓަރު ރަށުގައި ހިންގައިގެން ރަނގަޅު އާމްދަނީއެއް ރަށުގައި ހުރެގެން ނައުޝާދަށް ލިބޭއިރު އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލަކީ ދެ ދަރިން ކައިރީގައި ރަށުގައި ހުންނަން ފުރުސަތު ލިބޭތީ އެވެ.
ނައުޝާދުގެ ސެންޓަރުން ދޭ ތަމްރީނުތަކުގެ ފީއަކީ އާންމުކޮށް ޑައިވިން ސެންޓަރުތަކުން ނަގާ ފީއާ އެއްވަރެއްގެ ފީތަކެކެވެ. ނަމަވެސް މިރަށުގެ ޒުވާނުންނަށް އެ ސެންޓަރުން ވަނީ ހާއްސަ އިނާޔަތްތަކެއް ދީފަ އެވެ. ރަށުގެ ޒުވާނުންނަށް ތަމްރީނު ދިނުމަށްފަހު ވަޒީފާ ހޯދައިދީ، އޭގެ ފަހުގައި ތަމްރީނަށް ފައިސާ ދައްކާ ގޮތަށް ވެސް އެ ސެންޓަރުން އިންތިޒާމްތައް ހަމަޖައްސާފައިވެ އެވެ. ބޭނުމަކީ ދިގުރަށަކީ ޑައިވަރުން ގިނަ ރަށަކަށް ހެދުމެވެ.
ނައުޝާދުގެ "އައިލެންޑް ޑައިވާސް" ސެންޓަރުން މައިގަނޑު ގޮތެއްގައި ހިދުމަތް ދެނީ ޓީއެމްއީ ގެސްޓް ހައުސްގެ ގެސްޓުންނަށެވެ. އޭގެ އިތުރުން ދިގުރަށު އެހެން ބައެއް ގެސްޓް ހައުސްތަކުގެ ގެސްޓުންނާއި އެކި ރިސޯޓްތަކުން ޔޮޓްތަކުގައި އަންނަ ގެސްޓުންނަށް ވެސް އެ ސެންޓަރުން ހިދުމަތްދެ އެވެ. ދިގުރަށް ކައިރިއަކީ ވޭލް ޝާކްގެ ހަބަކަށްވާއިރު އެ ސަރަހައްދަށް ފީނުމަށް ގިނަ އަދަދެއްގެ ގެސްޓުން ރިސޯޓްތަކުން ވެސް އާދެ އެވެ.
ނައުޝާދު ދެކޭ ގޮތުގައި ރަށުގައި ހުރެގެން އާމްދަނީ ހޯދުމަށް ދިގުރަށް ފަދަ ލޯކަލް ޓޫރިޒަމް ފައްކާވަމުން އަންނަ ރަށްރަށުގެ ޒުވާނުން ކުރަން މިއީ ވަރަށް ރަނގަޅު މަސައްކަތެކެވެ. މި ދާއިރާއަކީ އިތުރަށް ފުޅާވެގެންދާނެ ދާއިރާއަކަށްވާއިރު ގިނަ ވަޒީފާތަކެއް ވެސް އުފެދިގެންދާނެ އެވެ. ފަތުރުވެރިކަމުގެ ދާއިރާއަކީ ޒުވާނުން މަސައްކަތް ކުރުމަށް ހަމަ އެންމެ ރަނގަޅު ދާއިރާ ކަމަށް ނައުޝާދު ދެކެ އެވެ. ޑައިވިންގެ ދާއިރާއިން ކުރިއަށްދާ ބޭނުންވާ ހުރިހާ ޒުވާނުންގެ އަތުގައި ހިފަން ވެސް ނައުޝާދު ހުރީ ތައްޔާރަށެވެ.