ރިޕޯޓް

އެންމެ އަމާން ފަސްކިލޯ މީޓަރު!

އދ. ދިގުރަށުން: ނާޒިމް ހަސަން
Sep 22, 2017
40

މާ ބޮޑު ސަމާލު ކަމެއް ދެވިފައި ނެތް މިރަށަކީ ހަނި ދިގު ރަށެކެވެ؛ ރީތި ވެސް ރަށެކެވެ. މިރަށުގެ ރީތިކަމާ އެއްވަރަށް ރަށް އިސްތިހާރުވެފައިވާހެނެއްވެސް ހީއެއްނުވެއެވެ. ކޮންމެވެސް ސަބަބުތަކަކާހުރެ ފޮރުވިފައި އޮތް ދިގުރަށަކީ ލޯކަލް ޓޫރިޒަމް ފައްކާވަމުން އަންނަ ރަށެކެވެ. ތަފާތު މާހައުލެކެވެ.

ގެސްޓް ހައުސް ރަށްތަކުގެ ގޮތުގައި ވަކި ރަށްތަކެއް ނަން ކަނޑާއަޅާފައިވާއިރު މިރަށަކީ މީގެ ތެރެއަށް ކުރިއަށް އޮތްތާ ވަންނާނެ ރަށެކެވެ. އެ ރަށަކީ އެހެން ރަށްރަށުގައި ނެތްފަދަ ރީތި ކަމެއް ލިބިފައިވާ ރަށަކަށްވުމުން މިއީ މިރަށު ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ނަސީބެކެވެ.

ރަށުގެ މެދުގައި ހުރެ ބަލާލާ އިރަށް ދެ ފަރާތުން މޫދުން ފެނެ އެވެ. އެހާވެސް މި ރަށް ހަންޏެވެ. އެކަމަކު އަނެއް ދެކޮޅުން، ކޮޅު ހޯދަން އުޅެގެން އެއީ ފަސޭހަކަމަކަށް ނުވާއިރު މި ރަށުގެ ދިގުމިނުގައި ގާތްގަނޑަކަށް ފަސް ކިލޯ މީޓަރު ހަމަވެ އެވެ. އެންމެ ހިތްގައިމު ކަމަކީ އޭގެ ތެރެއިން އެއް ކިލޯ މީޓަރަކީ މިރަށުގެ ނަލަނަލަ ހުދު ފަހުގެ ތުނޑިއަށްވާތީ އެވެ. ރީތި ފަސް އޮންނަ މިރަށުގެ ދިގު ތުނޑިއަކީ ފޫހިނުވާނެ ތަނެކެވެ.

މިރަށަށް ރަށަށް އަރާ ޓޫރިސްޓުންނާއި ދަތުރު އަންނަ ދިވެހިން ވެސް މި ތުނޑި މަތީގައި ވެއްޔާ މޮޑެވި އާޝޯހުވެ އެވެ. މި ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ލަކްސް ރިސޯޓަށް ވެސް ހިނގާލާފައި ދެވެން އޮތުމަކީ ހިތްގައިމުކަން އިތުރުވެގެންދާ ކަމެކެވެ.

މިރީތި ތުނޑި މި ރަށުގެ ރައްޔިތުން އެކި ގޮތްގޮތަށް ބޭނުން ކުރެ އެވެ. ޓޫރިސްޓުންނަށް ޕިކްނިކް ހެދޭނެ ގޮތް ހަދައިދީގެން ރަށަށް އާމްދަނީ ވައްދަ އެވެ. ރަށުގެ ރައްޔިތުންނަށް މިއީ ޖޮގިން ޓްރެކެވެސްމެ އެވެ. ހެނދުނާއި ހަވީރު އަންހެންވެރިން ވެސް ކަސްރަތަށް ތުނޑީގެ އެއްކޮޅުން އަނެއް ކޮޅަށް ހިނގަ އެވެ. ކިހާ ހިތްގައިމު ކަމެއް ހެއްޔެވެ؟ ކަނޑުން އަރައިގެން އަންނަ ރީތި،ހިތްފަސޭހަ ވައި ރޯޅިފަށް ބީހީލާފައި ދާއިރު މި މާހައުލުގައި ކަސްރަތަށް ހިނގާލުމުން ސިއްހަތަށް ލިބޭނެ ފައިދާ ޑޮކްޓަރު ގާތު އަހާށެވެ.

ފިންޏަށް މި ރަށުގެ ބަނދަރުމަތީގައި ޖައްސާލައިގެން ތިބޭ ދުވަސްވީ މީހުންނާއި ފަންގިވިނުން ފަދަ މަސައްކަތުގައި ތިބޭ އަންހެންވެރިންނާއި އެއް ގަހުން އަނެއް ގަހަށް އަރައި އުނދޯލި ހެއްލާ ކުޑަކުދިންނާއެކު ފެންނަނީ އަމާންކަމާއި ހިތްގައިމު ކަމެވެ. ރަށްފުށުގެ ރީތި އާދައިގެ ދިރިއުޅުމެވެ.

ލޯކަލް ޓޫރިޒަމް ފައްކާވެ، މިހާރު ގެސްޓްހައުސްތައް އިތުރުވަމުން އަންނަ މި ރަށް، ކައުންސިލުން ޕްރޮމޯޓް ކުރަނީ "ދަ ޕީސްފުލް އައިލެންޑް" ނުވަތަ އެންމެ އަމާން ރަށުގެ ގޮތުގަ އެވެ. ހަގީގަތަކީ ވެސް އެއީ އެވެ. މި ރަށުން ފެންނަނީ އަމާން ކެމެވެ. ރަށުގައި ކުށް މަދެވެ. އަމުދުން ކުށުގެ ވެއްޓެއް ނެތޭ ވެސް ބުނެވިދާނެ އެވެ.

ފުލުސް ސްޓޭޝަންގައި ދެ ފުލުހުން ތިބޭއިރު ބޮޑެތި ކުށްތަކުގެ ރިޕޯޓެއް ނެތެވެ. ވަގުންނެއް ރަށުގައި ނޫޅެ އެވެ. ކިތަންމެ އަގު ބޮޑު މުދަލެއް ބަހައްޓާފައި ދިޔަ ނަމަވެސް އެ މުދަލެއް އެތާ ބެހެއްޓި ގޮތަށް ގެއްލުމެއް ނުލިބި ހުރެ އެވެ. ސައިކަލްތަކުގައޮ ތަޅުދަނޑި ޖަހާފައި ދާން ކެރެ އެވެ. ގޭގެ ދޮރު އަބަދު ތަޅުލާފައި ބަހައްޓާކަށް ނުޖެހެ އެވެ. މަސްތުވެ ބިއްޖެހިފައިވާ ޒުވާނުން މި ދިގުރަށުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގިއަސް ނުފެންނާނެ އެވެ.

ދިގުރަށުން ފެންނަނީ މަސައްކަތްތެރި ރަށް ދެކެ ލޯބިވާ ޒުވާނުންތަކެވެ. މި ރަށުގެ ރައްޔިތުންގެ މައިގަނޑު މަސައްކަތަކީ ކަނޑަށް ފީނުމާއި މޫދު ކުޅިވަރެވެ. ރަށުގެ ގޮނޑުދޮށް ސާފުކޮށްލައި ދޭން ނުކުތުމަށް ކައުންސިލުން ގޮވާލުމުން މޫދުދެކެ އިންތިހާއަށް ލޯބިވާ ޒުވާނުން ނުކުތީ ފޯރީގަ އެވެ. އެއް ފޯރިއެއްގައި މުޅި ގޮނޑުދޮށް ސާފުކޮށް ފީނައިގެން ފަޅު ތެރެ ވެސް ސާފުކުރި އެވެ.

ޓޫރިޒަމުން ރަށަށް އާމްދަނީ ލިބެމުންދާތީ، ގެސްޓްހައުސް ވިޔަފާރީގައި ގިނަ ޒުވާނުން ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ނަފާ ގިނަ ރައްޔިތުންނަށް ލިބެ އެވެ. މިރަށުގެ ތަރައްގީއަށް ޒުވާނުން އިސްކަންދޭއިރު މިހާ ރީތި އަމާން ރަށެއްގައި އާއިލާއާއެކު ތިބެ އާމްދަނީއެއް ލިބުމަކީ އެ ޒުވާނުން ދެކޭ ގޮތުގައި އެންމެ ބޮޑު ނަސީބެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މި ރަށާއި މާލެއާ ދެމެދު ލޯންޗުގެ ދަތުރުތައް އޮންނައިރު މިއީ ހަޔާތުގެ ދަތުރުގައި ހިމަނަންޖެހޭ ރަށެކެވެ. އެއް ފަހަރު އާދެވިއްޖަނަމަ އަދިވެސް އަނާނެ އެވެ. މި އަމާން މާހައުލާ ވަކިވެގެން މިދަނީ އަދި އަންނަ ހިތުން ދިގުރަށަށް އައުމުގެ ދިގު އިންތިޒާރެއް ވެސް ކުރަމުންނެވެ.