ރިޕޯޓް

ދިގުރަށު އުފާވެރި ފަރުކެޔޮޅު!

އދ. ދިގުރަށުން: ނާޒިމް ހަސަން
Sep 22, 2017
3

މި ރަށް، އދ. ދިގުރަށް އުފަން ސޯލިހު އީސާ (ސޯލިހުބެ) އަކީ މަސްވެރިއެކެވެ. އޭނާ އުފާ ވަނީ ރާއްޖޭގެ ރަށްތައް ވަށައިގެން ވަނީ މާސިންގާ ބޮޑެތި ކަނޑުތައް އޮންނާތީ އެވެ. މަސްވެރިކަމަކީ ދިވެހިންގެ ލޭނާރަށްވާތީ އެވެ. ދިވެހިންނަކީ ކަނޑުގެ ދަރީންނަށްވާތީ އެވެ. ދިގު ހަޔާތެއްކަނޑުމަތީގައި މަސްވެރިކަން ކުރަން ހޭދަކޮށްފައިވާ އަދި ހޭދަ ކުރާ ދިވެހިން އުޅޭތީ އެވެ. މަސްވެރިއެއްގެ ގޮތުގައި ސޯލިހުބޭގެ އުމުރުން ވެސް މިހާރު 60 އަހަރުވެއްޖެ އެވެ.

ސޯލިހުބެ މަހަށް ދާން ފެށީ އޭނާއަށް ކިރިޔާ ކަންކަން އެނގެން ފެށި ހިސާބުން ބައްޕައާއެކު އެވެ. ކަނޑުމައްޗަށް ނުކުމެ މަސްވެރިކަން ދަސްކުރީ މިހާރު ފޮތް ދަބަސް ހިފައިގެން ކުދިން ކިޔަވަންދާ އުމުރުގަ އެވެ.

"އޭރު ކިޔޭވެނެ ގޮތެއް ނޯވޭ، އެކަމަކު އާމްދަނީ ހޯދަން މަސައްކަތެއް ކުރަންޖެހޭ، އެހެންވެ ސްކޫލަށް ދާހެން ހެނދުނު ހެނދުނާ ދަނީ މަހަށް،" ސޯލިހުބެ ބުންޏެވެ.

އޭނާ ފުރަތަމަ ކަނޑުމަހަށް ނުކުންނަން ފެށީ ކުޑަ ބައްތެއްޔަގަ އެވެ. އެއީ އެތައް އަހަރެއްގެ މާޒީއެވެ. މިހާރު މަސްވެރިކަމުގެ ލޯބީގައި ސޯލިހުބެގެ މަސައްކަތަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. މަހަށް ފުރަނީ ބޮޑު ދޯންޏެއްގަ އެވެ. ކުރަނީ ކަނޑުމަހުގެ މަސްވެރިކަމެއް ނޫނެވެ. ފަރުމަހުގެ މަސްވެރިކަމެވެ. ފުޅާ ދާއިރާއެއްގައި ފަރުމަހުގެ މަސްވެރިކަން ކުރަން ފެށިތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.

"ފަރުމަހުގެ މަސްވެރިކަމަށް ބަދަލުވީ މިރަށުގެ މަސްވެރިކަމަށް އައި ބޮޑު ބަދަލަކާ ގުޅިގެން،" އޭނާ ބުންޏެވެ. "ރަށަށް ލޯކަލް ޓޫރިޒަމް ތައާރަފުވެ ކައިރީގައި ރިސޯޓްތައް ހެދުމުން ފަރުމަހަށް ބޮޑު ޑިމާންޑެއް އުފެދުމުން އޭގެ ފައިދާ އުފަލާއެކީ ހޯދަން ބޭނުންވީ،"

އޭގެ ކުރިޔަށް ދާއިރު އިހީގެ މަސްވެރިކަން ވެސް ފުޅާ ދާއިރާއެއްގައި އޭނާ ކުރި އެވެ. އެކަން ހުއްޓާލައި ފަރުކެޔޮޅު ކަމަށް ހާއްސަވީ އާ ގޮތް ގޮތް ބޭނުންކޮށްގެން އިހީގެ މަސްވެރި ކަމުގައި ޒުވާނުން ފަރުމައްޗަށާއި ފަޅުތެރެއަށް ފޭބުމުންނެވެ.

"އެހެން ނޫނަސް މަސްވެރިކަމުގެ ކަންކަމަށް ވެސް ބަދަލުތައް ދަނީ އަންނަމުން ކުރިޔާ އަޅާބަލާއިރު މިހާރު މިއޮތީ ވަރަށް ބޮޑު ބަދަލެއް އައިސްފައި،" އޭނާ ބުންޏެވެ.

މިރަށުން ފުރައިގެން ފަރުކެޔޮޅު ކަމުގައި ސޯލިހުބެ މަހަށް ނުކުންނަނީ ވަގުތުކޮޅަކަށް އެއް ދުވަހަކަށް ނޫނެވެ. އެއީ އެއް ހަފުތާހެ ދަތުރެކެވެ. ކަނޑައި ފަޅުތަކުގައި ހަތް ދުވަސް ހޭދަކޮށް 1،000 ކިލޯ އާއި 1،800 ކިލޯ ހަމަވާ ވަރަށް ފަރުމަސް ބާނަ އެވެ. އެ ދަތުރު މަތީ މިރަށުން ފުރައިގެން ފަސް ދުވަސް ތެރޭގައި ލާމާ ހަމައަށް ދަތުރުކޮށް "ފަރުތައް ކަހާލައިގެން" ރަށަށް އަންނަނީ އެވެ.

ސޯލިހުބެ ފަރުމަސް ކިރުވަނީ މާލެއިން ފަރުމަސް ގަންނަ ބަޔަކަށެވެ. އެ މަސް ރިސޯޓްތަކަށް ވިއްކަނީ އެމީހުންނެވެ. ކުރިން ސޯލިހުބެ ރިސޯޓްތަކަށް ވެސް މަސް ކިރުވައި އުޅުނެވެ.

ކަނޑުމަތީ ދުވަސްތައް ހޭދަކުރި ނަމަވެސް ސޯލިހުބެ އޭނާގެ އާއިލާއަށް އަބަދުވެސް އިސްކަން ދެއެވެ. ރޭގަނޑު އާއިލާއަށް ގުޅަ އެވެ. ހަފުތާ ބަންދު ދެ ދުވަހު އާއިލާއާއެކު ރަށުގައި އުފާ ކުރެއެވެ. އޭނާގެ ހަ ކުދީން ތިބެ އެވެ. ދެ ފިރިހެން ދަރިންނާއި ހަތަރު އަންހެން ދަރިންނެވެ. އޭގެ ތެރެއިން މަސްވެރިކަމަށް ޝައުގުވެރިވަނީ އެންމެ ކުއްޖެކެވެ.

އާމްދަނީ ހޯދާނެ ފެށި މަހު މަސައްކަތަކީ ސޯލިހުބެގެ އުފާވެރި ދިރުއުޅުމެވެ. އުމުރު ދޮށިވެގެން ދިޔަ ނަމަވެސް މަހަށް ފަރަށް ނުގޮސް ރަށުގައި ހުންނަ ހިޔާލެއް އޭނާގެ ނެތެވެ.

"މަސްވެރިކަމަކީ ޒުވާނުން ކުރަން ވެސް ރަނގަޅު މަސައްކަތެއް. މި ކަމަށް އާ ޓެކްނޮލޮޖީއާއެކު ބޮޑެތި ބަދަލުތަކެއް ވެސް ވަނީ އައިސްފައި އެ ފަސޭހަތަކުގެ ބޭނުން ހިފަން އެނގޭނީ ޒުވާނުންނަށް،" އޭނާ ބުންޏެވެ.