ރިޕޯޓް

މި ދަތުރު އަހަރެން ދިގުރަށުގައި!

އދ. ދިގުރަށުން: ނާޒިމް ހަސަން
Sep 22, 2017
6

ވައި މަގުން 15 ވަރަކަށް މިނެޓްގެ ދަތުރަކުން އާދެވިފައި މިހުރީ އދ. ދިގުރަށަށެވެ. މި ރަށުގައި ޕްރޮމޯޓް ކުރާ ގޮތަށް "ދަ ޕީސްފުލް އައިލެންޑަ" ށެވެ. ރަށަށް އެރުމާއެކު މަރުހަބާއާއެކު ތައާރަފްކޮށްދިނީ "ޕީސްފުލް" ނުވަތަ އަމާން ރަށެއްގެ ގޮތުގަ އެވެ. އެއީއަކީ ދޮގެއް ނޫނެވެ. މިރަށުން ފެންނަނީ އަމާން އޮމާން މާހައުލެކެވެ.

އަތިރިމަތީގައި ކާފަ ދަރި ގޮވައިގެން އެކަކު އުނދޯލި ހެއްލަނީ އެވެ. ގޮނޑުދޮށުގައި ޅަފުރާގެ ދެ ކުއްޖަކު ކިރިލީގައި މަސް ބާނަނީ އެވެ. ހިތްފަސޭހަ ވައި ލިބޭ ރުއްގަނޑު ތެރޭގައި އަންހެންވެރިން ފަންގި ވިންނަނީ އެވެ. ރަށުފުށުގެ ހިތް ފަސޭހަކަން މި ދިގު ރަށުން ހިތަށް ވައްދައިދެ އެވެ. މި ރަށުގެ އެންމެންގެ މޫނު މަތިން ވެސް ފެނަނީ ހިނިތުންވުމާއި އުފާވެރިކަމެވެ.

ކުޑަކުދިން ރަށު ތެރޭގައި އުފާކޮށް މަޖާކުރަނީ ބިރަކާ ނުލަ އެވެ. ޒުވާނުން ރަށުގައި ތިބެގެން ލޯކަލް ޓޫރިޒަމުގެ ބޭނުން ފުރިހަމައަށް ހިފަމުންދެ އެވެ. އެމީހުން ވަޒީފާ އަދާކުރަނީ އާއިލާއާއެކުގަ އެވެ. ވަޒީފާއެކޭ ޗުއްޓީ ދަތުރެކޭ ތަފާތެއް ނުފެނެ އެވެ.

ކުރިންސުރެ ނަމުން ޝައުގުވެރިވާ ދިގުރަށަށް އައުމަށް ފުރުސަތު ލިބި އާދެވުނު އިރު މި ފެނުނު އެކުވެރިކަމަކީ ހިތަށް ލިބުނު އެންމެ ބޮޑު ހަމަޖެހުމެވެ. ފެނުމާއެކު އެންމެން ވެސް ހީނލަ އެވެ. ހަބަރު އަހައިލަ އެވެ.

މި ރައްޔިތުން އެންމެ ލޯބި ކުރަނީ ތިމާވެއްޓަށެވެ. އަހަރެން ދިގުރަށަށް އައީ ތިމާވެށި ރައްކާތެރިކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތަކަށެވެ. ގޮނޑުދޮށް ސާފުކުރުމަށް ކައުންސިލުން ގޮވާލުމުން ގިނަ އަދަދެއްގެ ރައްޔިތުން ހެނދުނު ހެނދުނާ އެއްވި އެވެ. އެކުވެރިކަމާއި ހީނ ސާމަސާގެ އަންބާގައި އެ މަސައްކަތް ކުރި އެވެ. ޒުވާނުން އިސްނަގައިގެން ގޮނޑުދޮށުންނާއި ފަޅުތެރެއިން ވަރަށް ގިނަ ކުންޏާއި ޕްލާސްޓިކް ނެގި އެވެ. އޭގައި ގިނައީ ދިގުރަށަށް ލައްގާފައި ހުރި ފުޅިފަދަ ތަކެއްޗެވެ. މިރަށަކީ ކުނި މެނޭޖްކުރާ ވެސް ރަށެކެވެ.

މިރީތި ދިގުރަށަށް އަލްވަދާއުކީ ނަމަވެސް އެނބުރި އަހަރެން އުމުރު ދިގު ކުރައްވައިފިނަމަ ދިގުރަށަށް އެނބުރި އައުމަށް ނިޔަތް ގަނެގެންނެވެ.