ހަބަރު

ރޯހިންޔާ މީހުންނަށް އެހީވާން އެއްްބާރުލުންދޭން ރާއްޖެ ގޮވާލައިފި

މިޔަންމާގެ ރަޚާން ސްޓޭޓުގައި ހާލުގައި ޖެހިފައިވާ ރޯހިންޔާ ދަރިކޮޅުގެ މީހުންނަށް އިންސާނީ އެހީދޭން މަސައްކަތް ކުރާ ޖަމިއްޔާތަކަށާއި އދ. ގެ އެޖެންސީތަކަށް އެއްބާރުލުން ދޭން ރާއްޖޭން މިޔަންމާއަށް ގޮވާލައިފި އެވެ.

ސުވިޒަލޭންޑްގެ ޖެނީވަގައި އިއްޔެ ބޭއްވި ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ 36 ވަނަ ރެގިއުލާ ސެޝަންގެ 17 ވަނަ ބަައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޔޫއެންގެ ޖެނީވާ އޮފީހުގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު ވިދާޅުވީ ރަޚާން ސްޓޭޓުގައި އެންމެ ފަހުން ފެށުނު ހަމަނުޖެހުންތަކާ މެދު ރާއްޖޭން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އަދި ވިދާޅުވީ ރޯހިންޔާ މީހުންނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓާލައި ބައިނަލް އަގުވާމީ ގާނޫނުތަކަށް ބޯލަނބަން ބައިނަލް އަގުވާމީ މުޖުތަމައިން ގޮވާލަމުންދާ ގޮވައިލުންތަކުގައި ރާއްޖޭން ބައިވެރިވާ ކަމަށެވެ.

"ރޯހިންޔާ މީހުންނާ ދެކޮޅަށް ހިންގާ ހުރިހާ ޖަރީމާތަކެއް ވަގުތުން ހުއްޓައިލުމަށާއި ފެކްޓްފައިންޑިން މިޝަން އަށް ފުރުސަތު ދިނުމަށާއި އެހީދޭ ޖަމާއަތްތަކާއި ޔޫއެންގެ އެޖެންސީތަކަށް ފުރިހަމައަށް އެއްބާރުލުންދޭން ދިވެހިރާއްޖޭން މިޔަންމާ ސަރުކާރަށް ގޮވައިލަން،" ހާލާ ވިދާޅުވިއެވެ.

ރޯހިންޔާ މީހުންނާ ދެކޮޅަށް ހަމަނުޖެހުންތައް ހިންގާތާ ގާތްގަނޑަކަށް 40 އަހަރު ވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އާއްމުންނަށް ލިބޭ އަނިޔާތަކާ މެދުވެސް ރާއްޖޭން ކަންބޮޑުވާކަމަށް އޭނާ ވިދާޅުވިއެވެ.
މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ރޯހިންޔާ ހަނގުރާމަވެރިންގެ އަމަލުތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ފެށި ކެމްޕޭނުގައި 300000 އަށް ވުރެ ގިނަ ރޯހިންޔާ މީހުން ވަނީ ގައުމުން ބޭރުކޮށްލާފައެވެ. އެމީހުން މިހާރު ތިބީ އަވަށްޓެރި ބަންގްލަދޭޝްގަ އެވެ.