މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން ހުޅުމާލެ އިން ވަގަށް ނެގި މައްސަލައިގައި ދައުވާކޮށްފައިވާ ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދު ދައުވާ އުފުލިއިރު މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ކްރިމިނަލް ކޯޓަށް އަންގައިފި އެވެ.
މިއަދު އޮތް އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި، އެ މައްސަަލަ ބައްލަވައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އާދަމް އާރިފް ވިދާޅުވީ އެ މައްސަލައިގައި ދައުވާ ލިބޭ ސުއައިދު އަށް ކޯޓުން ޗިޓް ރައްދުކުރަން މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އޭނާ މިހާރު މަރުވެފައިވާ ކަމަށް އާއިލާއިން ކޯޓަށް އެންގި ކަމަށެވެ.
އެކަމާ ގުޅިގެން ޕީޖީގެ ވަކީލުން ވިދާޅުވީ ސުއައިދު މަރުވި ކަމުގެ މައުލޫމާތެއް ފުލުހުން ދީފައި ނެތް ކަމަށާއި އެހެން ނަމަވެސް އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. ދައުލަތުގެ ޖަވާބާ ގުޅިގެން ގާޒީ އާދަމް އާރިފް ވިދާޅުވީ އޭނާ ވީތަނެއް އިމިގްރޭޝަން މެދުވެރިކޮށް ސާފުކުރަން އެ ކޯޓުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސުއައިދުގެ މައްޗަށް ޝަރީއަތް ހިންގާނީ އޭނާއަށް ވީގޮތެއް ސާފު ކުރުމަށް ފަހު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލައިގައި ސުއައިދުގެ އިތުރުން ދެން ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކޮށްފައި ވަނީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އެ ދެ މީހުން ވެސް މިއަދުގެ ޝަރީއަތަށް ހާޒިރުވެފައިވެ އެވެ. އެ ދެ މީހުން މައްސަލާގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާއެކު ކަމަށް ބުނުމުން ވަކީލަކު ހަމަޖައްސަން ގާނޫނުން ދެވެން އޮންނަ ދިގު މުއްދަތް ކަމަށްވާ 10 ދުވަހުގެ މުއްދަތެއް ގާޒީ ވަނީ ދެއްވާފަ އެވެ.
ރިލްވާން ގެއްލުނުތާ ތިން އަހަރު ފަހުން މި މައްސަލައިގައި ދައުވާ އުފުލިއިރު، ސުއައިދު އަކީ ރިލްވާން ގެއްލުނު ރޭ އޭނާއަށް ފާރަލީ މީހެއް ކަމަށް ފުލުހުންގެ ތަހުގީގުގައި ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރު ކުރި ނަމަވެސް ކޯޓުން ފަހުން ވަނީ ސުއައިދު ދޫކޮށްލައިފަ އެވެ. އޭނާ ރާއްޖެއިން ފުރީ، ކޯޓުން ދޫކޮށްލުމާ އެކު އެވެ.
މީގެ ކުރިން އަޑުފެތުރިފައިވާ ގޮތުގައި ސުއައިދު މަރުވީ ސީރިއާއަށް ގޮސް އެ ގައުމުގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި އުޅެނިކޮށެވެ.