ކުޑައިރުއްސުރެން ފެށިގެން ވެސް ކަސްރަތު ކުރަން ޝައުގު ހުރެ އެވެ. ގޭގައި ސިމެންތިން ބަރު ހަދައިގެން އުފުލަ އެވެ. އޭނާގެ އެންމެ ބޮޑު ފޭނަކީ ވެސް އާނޯލްޑް އެވެ. އެކަމަކު ޕްރޮފެޝަނަލް ބޮޑީ ބިލްޑިން ފެށީ މީގެ ނުވަ ވަރަކަށް އަހަރު ކުރިންނެވެ. މިހާރު އޭނާއަކީ ރާއްޖެ ފަހުރުވެރިވާ ދަރިއެކެވެ. ދެކުނު ކޮރެއާގައި މި އަހަރު ބޭއްވި "އޭޝިއަން ބޮޑީބިލްޑް އަދި ފިޒިކްސް ޗެމްޕިއަންޝިޕް" ގައި ރާއްޖެ އަށް ރަން މެޑަލް ގެނެސްދިނީ ޝާހީން އިބްރާހިމް ދީދީ އެވެ.
"ކުޑައިިރު އާޑޯލްޑްމެންގެ ފޮޓޯތައް ފެނިގެން އިންޓްރެސްޓް އުފެދުނީ. އެހެންވެ އަބަދުވެސް ބޭނުންވޭ ހަށިގަނޑު ރީތިކޮށް ބަހައްޓަން. ކޯސްޓް ކިރު ހުސް ކުރި ދަޅުގެ މެދަށް ދަނޑިގަނޑެއް ޖަހާލައިގެން ވެސް ބަރު އުފުލިން،" ސާދަ އަހަރު ކުރީގެ ހަނދާންތައް އޭނާ ކިޔައިދިނެވެ.
ގއ. ކޮނޑޭއަށް އުފަން ޝާހީން ބުނި ގޮތުގައި އެއްވެސް އެއްޗެއް ނޭނގި ހުރެގެން ވެސް އޭނާ ބެލީ ހަށިގަނޑު ރީތި ބޮޑީބިލްޑަރަކަށްވާށެވެ.
ކޮނޑޭގައި ސިމެންތި ބަރު ހަދައިގެން އެ އުފުލުމަށްފަހު، ޝާހީން މާލެ އަށް ބަދަލުވެ ގަދައަށް ޖެއްސި އެވެ. މީގެ 12 އަހަރު ކުރިން ފެށިގެން އޭނާ ބޮޑީ ބިލްޑްކުރަން ދަނީ މާލެ ފިޓްނަސް ކްލަބް އަށެވެ. އެހެން ނަމަވެސް ބޮޑީ ބިލްޑިން މުބާރާތެއްގައި ބައިވެރިވާކަށް ބޭނުމެއް ނުވެ އެވެ. އެކަހަލަ މުބާރާތްތަކަށް ދާން ލަދުގަންނަނީ އެވެ.
"ފުރަތަމަ މުބާރާތަކަށް ފުރުސަތު ލިބުނީމަ ވެސް ފިލީ، ކޮންމެވެސް އެއްޗެއް ކިޔާފައި އިންޑިޔާއަށް ދިޔައީ އޭރު ދަތުރެއް ވެސް އޮތް. އެއަށް ނާރަން ވެގެން އުޒުރެއް ދައްކާފައި ދިޔައީ،"
އޭގެ ފަހުން ޝާހީން ވަނީ ހިތްވަރުކޮށް ޖެހިގެން އައި އަހަރު މިސްޓަ މޯލްޑިވްސްގައި ބައިވެރިވެފަ އެވެ. އެ އަހަރު 60 ކިލޯގެ ކެޓަގަރީގައި ވާދަކޮށް ސިލްވަ މެޑަލް ލިބުނެވެ.
މިއޮތީ އޭގެ ފަހުން ޝާހީންގެ ކާމިޔާބުތަކުގެ ލިސްޓެވެ. އޭނާ 2015 ވަނަ އަހަރު ފުރަތަމަ ފަހަރު ބީޗް ގޭމްސްގައި ވާދަ ކުރި އެވެ. އެފަހަރު ލިބުނީ ހަތަރު ވަނަ އެވެ. ދެން ދިޔައީ މިސްޓަ އޭޝިޔާއަށެވެ. އެ މުބާރާތުން ފަސް ވަނަ ލިބުނެވެ. އަދި ވޯލްޑް ޗެމްޕިއަންޝިޕުގައި ފައިނަލް ޝޯ އަށް އަރައި، ގަދަ ފަހެއްގެ ތެރޭގައި ހިމެނުނެވެ.
"ވޯލްޑް ޗެމްޕިއަންޝިޕެއްގައި މިއީ މިހާތަނަށް ރާއްޖެ މި މުބާރާތުގައި ކުރިއަށް ދިޔަ އެންމެ މަތި. އެއީ އަސްލު ވަރަށް ބޮޑު ކާމިޔާބީއެއް. އިންޑިޔާ ފަދަ ބޮޑެތި ގައުމުތައް ވެސް އޮއްވާ، ގަދަ ފަހެއްގެ ތެރޭގައި ހިމެނުން،" ބޮޑީ ބޮލްޑިންގެ ގައުމީ ޓީމްގައި ހިމެނޭތާ ހަތަރު އަހަރުވެފައިވާ ޝާހީން ބުންޏެވެ.
މި ހުރިހާ މުބާރާތްތަކަށް ވުރެ ނިމިގެން ދިޔަ މުބާރާތް ހާއްސަ އެވެ. އޭނާ މުބާރާތަށް ދިޔައީ ގިނަ މަސައްކަތް ތަކެއް ވެސް ކޮށްގެންނެވެ. ކުރީ އަހަރުތަކުގައި ލިބުނު ތަޖުރިބާ އާއި ބުރަ މަސައްކަތުގެ ނަތީޖާ ފޮންޏެވެ. އެ މުބާރާތަށް ތައްޔާރުވާން ޝާހީން އެވްރެޖު ގޮތެއްގައި ޖިމްގައި ކޮންމެ ދުވަހަކު ފަސް ގަޑިއިރު މަސައްކަތް ކުރި އެވެ.
"ފަސް މުބާރާތުގައި ބައިވެރިވީއިރު އަބަދު ވެސް މި ލިބެނީ ހަތަރެއް ނޫނީ ފަހެއް. އެހެންވެ ބްރޯންޒް އަޅާ ހިސާބު މިއީ. އެހެންވެ ވަރަށް މަސައްކަތް ކުރިން. ހަމަ ބެލީ ގައުމަށް ރީތި ނަމެއް ގެނެސް ދިނުން. ގައުމީ ޓީމަށް ނެގުމާއެކު ހުރިހާ ފޯކަސްއެއް ބެހެއްޓީ ގައުމަށް ރީތި ނަމެއް ހޯދައިދޭން. އެކަން އިރާދަ ކުރެއްވިއްޔާ ވެއްޖެ،" ޝާހީން ބުންޏެވެ.
މިސްޓަ މޯލްޑިވްސްގެ ދެވަނަ ވެސް މި އަހަރު ހޯދި ޝާހީން ވަނީ، އޭޝިއާގެ ބޮޑީ ބިލްޑް ޗެމްޕިއަންޝިޕްގައި، 89 ގައުމަކުން ވާދަކޮށް ރާއްޖެ އަށް ރަންވަނަ ގެނެސްދީފަ އެވެ. އޭނާ ބުނި ގޮތުގައި ރާއްޖެއަށް ގޯލްޑް މެޑަލް ލިބި ދިވެހި ގައުމީ ސަލާމް ކިޔަން ޖެހުނު ވަގުތު އޭނާ އަށް އުފަލުން ރޮވުނެވެ.
"ވަރަށް އުފާވި. އެންމެ އުފާވީ ރާއްޖެ އަށް ރީތި ނަމެއް ލިބުނީމަ. މިއީ އަމިއްލަ އަށް ލިބުނު ނަމަކަށް ވުރެ ގައުމަށް ހޯދައި ދެވުނު ރީތި ނަމެއް. ގައުމީ ސަލާމް ޖެހަން ފެށީމަ އުފަލުން ރޮވުނު. ހާއްސަކޮށް ބޮޑެތި މީހުން ގިނަ ގައުމުތަކާ ވާދަކޮށް ގޯލްޑް ލިބުނީމަ ވަރަށް އުފާވި،" ޝާހީން ބުންޏެވެ.
"ވަރަށް އުފާވި. އެންމެ އުފާވީ ރާއްޖެ އަށް ރީތި ނަމެއް ލިބުނީމަ. މިއީ ގައުމަށް ހޯދައި ދެވުނު ރީތި ނަމެއް. ގައުމީ ސަލާމް ޖަހަން ފެށީމަ އުފަލުން ރޮވުނު. ހާއްސަކޮށް ބޮޑެތި، މީހުން ގިނަ ގައުމުތަކާ ވާދަކޮށް ގޯލްޑް ލިބުނީމަ ވަރަށް އުފާވި"-- ޝާހީން އިބްރާހިމް ދީދީ
"މާލޭގެ ފާލަން ކައިރީގައި ތިބީ ގިނައިން ރަށު މީހުން. ސަތޭކަ އަށް ވުރެ ގިނަ މީހުން ތިބި. އަނެއްހެން ބުނެވިދާނެ ތިބީ ހުސް ރަށު މީހުންނޭ ވެސް،" ޝާހީން ބުންޏެވެ.
"މުބާރާތައް ތައްޔާރުވީ އަމިއްލަ އަށް. ވަރަށް މަސައްކަތް ކުރިން. ގައުމީ ޓީމަށް ނެގީމަ ކޯޗެއް ހަވާލުވި. ކޯޗު ވެސް ވަރަށް ކެއަރިން."
ޝާހީންގެ މި ކާމިޔާބީއާއެކު ރަށުގައި ވެސް ބޮޑީ ބިލްޑިންގެ ފޯރިދަނީ ހިފަމުންނެވެ. އެގޮތުން މިހާރު ރަށުގައި ޖިމެއް ހުޅުވަން ވެސް ދަނީ ތައްޔާރުވަމުންނެވެ.
"އެއްވެސް ވަރަކަށް ބޭރުން ނުކަން. ތަންތަނުން ކޮފީ ބޮން. ވީކެންޑުގައިވެސް ކާން އިންދާ ނުފެންނާނެ. މުޅިންވެސް ކަނީ ގެއިން. މިއަދު މި ހިސާބަށް އައުމުގައި އާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ހާއްސަކޮށް ދައްތަ އާއި ވައިފް،" އުމުރުން 35 އަހަރުގެ ޒުވާނާ ބުންޏެވެ.
ޝާހިންގެ ދެ ކުދިން ތިބެ އެވެ. ފަސް އަހަރާއި 10 އަހަރުގެ ދެ އަންހެން ކުދިންނެވެ. ކުދިން ވެސް ބައްޕަގެ މަސައްކަތަށް ވަރަށް ސަޕޯޓު ކުރެ އެވެ. އެ ކުދިންގެ ވަރުން ހިތްވަރުވެސް ދެ އެވެ.
"ދެ ކުދިން ވެސް ވަރަށް ސަޕޯޓު ކުރާނެ. މީގައި މުޅި އާއިލާ ބައިވެރިވޭ. އެހެންވެ ސަޕޯޓު ދިން ހުރިހާ މީހުންނަށް ވެސް ޝުކުރު އަދާކުރަން ބޭނުންވޭ."