ހަބަރު

ދައުލަތުގެ ހަރަދު ކުޑަ ކުރަން ފިޔަވަޅުތައް އަޅަން ނިންމައިފި

ދައުލަތުގެ ހިނގުމުގެ ހަރަދު ކުޑަ ކުރުމަށް މިއަދުން ފެށިގެން ފިޔަވަޅުތަކެއް އެޅުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކުރި ސާކިއުލާއެއްގައި ބުނެފައި ވަނީ މިއަހަރުގެ ބަޖެޓް ޑިފިސިޓު ކުޑަ ކުރުމުގެ ގޮތުން
؛މިއަދުން ފެށިގެން ސަރުކާރުގެ އޮފީސްތަކުގައި އިތުރު ގަޑި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް މަސައްކަތްތައް ރާވާ، ޑިއުޓީ އުސޫލުން މަސައްކަތް ކުރާ އޮފީސްތައް ފިޔަވާ އެހެން އޮފީސްތައް އެންމެ ލަސްވެގެން 2:30 ގައި ބަންދު ކުރަން ޖެހޭނެ ކަމަށެވެ.

އަމަލީ މަސައްކަތް ފެށިފައިވާ މަރާމާތުގެ މަސައްކަތްތަކާއި، މަރާމާތު ކުރުމަށް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ މަރާމާތު ކުރުންތައް ފިޔަވާ އިތުރު އެއްވެސް މަރާމާތެއް ނުކުރުމަށް ވެސް އެ ސާކިއުލާގައި އަނގާފައިވެ އެވެ. އަދި ދެމުން ގެންދަ ހިދުމަތްތައް މެދު ކެނޑުނަ ނުދިނުމަށްޓަކައި ރައީސް އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކެޕިޓަލް ހަރަދެއް ފިޔަވާ އެހެން އެއްވެސް ކެޕިޓަލް ހަރަދެއް ނުކުމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ގައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަސްތައް ފިޔަވާ ބަޖެޓުން ހަރަދުކޮށްގެން އެއްވެސް މުނާސަބާއެއް ފާހަގަ ނުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވެ އެވެވ.