ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ތެރެއިން މާލެ ކެޓަގަރީތަކުން ފްލެޓު ހައްގުވާ ފަރާތްތަކުގެ ވަނަވަރު ހައުސިން މިނިސްޓްރީން ސިއްރުކޮށްފައިވީ ނަމަވެސް އެ ލިސްޓު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.
އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސެން ވިދާޅުވީ
ފްލެޓު ހައްގުވެ، އެންމެ ފުރަތަމަ ޕޮއިންޓު ދިން ފަރާތްތަކުގެ ލިސްޓެއް އިދިކޮޅު ފަރާތްތަކަށް ހައުސިން މިނިސްޓްރީގެ ތެރެއިން ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. އެ ލިސްޓުގައި ފްލެޓު ލިބެން ޖެހެނީ ކޮން ބައެއް ކަމަށާއި ފްލެޓު ދީފައި ވަނީ ހާލަތަށް ބަލައިގެން ކޮން ތަރުތީބަކުން ކަން އެނގެން އޮންނާނެ ކަމަށާއި އެ ލިސްޓު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހައުސިން މިނިސްޓްރީ ތެރެއިން އެބަ ލިބޭ ފްލެޓު ހައްގުވެ އެންމެ ފުރަތަމަ ޕޮއިންޓު ދިން ލިސްޓު، އިރާދު ކުރެއްވީއަ އެކަން ހާމަ ކުރާނަން، އެ ލިސްޓުގައި ފްލެޓު ލިބެން ޖެހޭ މީހުން ކަނޑައަޅާފައި ފްލެޓު ލިބޭ މީހުންގެ ތަރުތީބެއް އެބައޮތް، އޭގެ ފަހުގައި ލިސްޓަށް އުނި އިތުރު ގެނައި ގޮތް އިދިކޮޅު ފަރާތްތަކުން ހާމަކޮށްދޭނަން،" ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ އޭނާގެ ދާއިރާގައި ވެސް ފްލެޓު ބަހައްގެން ސަރުކާރުން އުޅެނީ ހިތުހުރި ގޮތަކަށް ކަމަށާއި އެތަނުގެ ޕީޕީއެމް ޖަގަހައިން ފޮނުވާ ލިސްޓާ އެއްގޮތަކަށް ކަމަށެވެ. އެހެންކަމުން އެކަން ކުރަމުން އަންނަނީ އިންސާފުން ބޭރުން އެއްވެސް ޝަރުތަކަށް ބެލުމެއް ނެތި ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
"ފްލެޓު ދީފައި ވަނީ ރަދުން ހަނޑޫ ބަހާ ގޮތަށް، ހަނޑޫ ހޯދުމަށްޓަކައި އަބްދުވެސް ރަދުން ކައިރީގައި އުޅެން ޖެހޭ، އެ މީހުން ކޯފާވެއްޖެއާ އެ ހަނޑުގެ އިނާޔަތް ކަނޑާލާ، މުޅި ގައުމު މިއަދު މި އޮތީ ފެއިލްވެފައި، މިކަމުން ސަލާމަތްވާން ޖެހޭ،" ސައުދު ވިދާޅުވި އެވެ.
ފްލެޓުތައް ލިބުނު ފަރާތްތަކުގެ ނަން ހާމަ ނުކުރާ މައްސަލާގައި މިއަދު ބޭއްވި މަޖިލީހުގެ ކޮމިޓީގައި ވަނީ އެކަމާ ބެހޭ ހުރިހާ މައުލޫމާތެއް ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ގެންނަން ނިންމާފަ އެވެ.