ހަބަރު

ފްލެޓް ލިބުނު މީހުންގެ ނަން ހާމަކުރަން ގޮވާލައި ޕެޓިޝަނެއް

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ޝަރުތުތައް ހަމަވެ، ފްލެޓު ލިބޭ 661 އަށް ވުރެ ގިނަ މީހުންގެ ފޯމް ނަންބަރު ހިމަނައިގެން އާންމުކޮށްފައިވާ ލިސްޓްގެ މައްސަލާގައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މި ޕެޓިޝަނަކީ އިދިކޮޅު ޕާޓީތަކުން އިސް ނަގައިގެން ކަމާގުޅޭ މުއައްސަސާތަކަށް ހުށަހެޅުމަށް މަސައްކަތް ކުރާ ޕެޓިޝަނެކެވެ. ފްލެޓް ލިބުނު މީހުންގެ ވަނަވަރު ހާމަކުރަން ގޮވާލައި އެ ޕެޓިޝަނުގައި ސޮއި ކުރުން ކުރިޔަށް ދަނީ ކުނޫޒާއި އެމްޑީޕީ ހަރުގޭގަ އެވެ.

ފްލެޓު ދޫކުރި ގޮތާ މެދު ބޮޑެތި ސުވާލުތަކެއް އުފެދި، ޝަކުވާ ބޮޑުވެފައިވާ އިރު އެ މައްސަލަ ވަނީ އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފަ އެވެ.

މިއަދު މާލޭ ސިޓީ ކައުންސިލް މެންބަރުންނާއި މާލޭގެ ބައެއް މަޖިލިސް މެންބަރުން ވަނީ އެ މައްސަލާގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރަން މަސައްކަތް ކޮށް ބައްދަލު ނުވެފަ އެވެ.

އިދިކޮޅުން މި މަސައްކަތް ކުރާއިރު ފްލެޓް މައްސަލާގައި ގިނަ ބައެއްގެ ޝަކުވާތައް ވަނީ ބަންޑުންވެފަ އެވެ.