ބޯހިޔާވަހިކަން ހައްލު ކުރަން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނިންމި މީހުން ނިސްބަތްވާ ޕާޓީތަކުގެ މައުލޫމާތު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ތަފްސީލު ކޮށްދެއްވައިފި އެވެ.
މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ އެންމެ ބިޔަ ހައުސިން ޕްރޮޖެކްޓްގައި ފުރަތަމަ ތާވަލް ކޮށްފައި އޮތީ 7000 މީހުންނަށް ފްލެޓް ދޭށެވެ. ނަމަވެސް އެ އަދަދު ފަހުން ވަނީ މަދުކޮށްފަ އެވެ. ނިމިގެން ދިޔަ ސަރުކާރުގައި ފްލެޓް ލިބުނު މީހުންގެ ލިސްޓު ރިވިއުކޮށް ރޭ ވަނީ ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފަ އެވެ. އެ ލިސްޓްގައި ކުރީ ލިސްޓުގައި ހިމެނުނު ކިތަންމެ ބައެއްގެ ނަން ވަނީ އުނިކޮށްފައެވެ.
ކުރީގެ އިދިކޮޅުން އެންމެ ބޮޑަށް އުފެއްދި ސުވާލަކީ އޭރު ލިސްޓްގައި ހިމެނިފައިވަނީ ގިނައިން ޕީޕީއެމްގެ މެންބަރުކަމެވެ. އެ ތުހުމަތުތަކަށް އޭރުވެސް މުއިއްޒު ރައްދު ދެއްވިއެވެ. ނަމަވެސް ފުރަތަމަ ފަހަރަށް މުއިއްޒު ވަނީ ކުރީ ސަރުކާރުން އެކުލަވާލި ލިސްޓްގައި ހިމެނޭ މީހުން ނިސްބަތްވާ ޕާޓީތަކުގެ ތަފްސީލް ހިއްސާކޮށްފައެވެ.
މުއިއްޒު ވިދާޅުވީ އޭރުގެ އިދިކޮޅުން ދެއްކި ވާހަކަތަކުގެ ސަބަބުން ލިސްޓްގައިވާ މީހުންގެ އައިޑީކާޑު ނަންބަރު ޖަހައިގެން ނިސްބަތްވާ ޕާޓީ ބަލާފައިވާ ކަމަށެވެ. އެކަން ކުރީ މިދިޔަ 2020 ގައި ކަމަަށްވެސް ވިދާޅުވިއެވެ. އެ ބެލި ބެލުމުން 7،000 ފްލެޓުން 3591 ފްލެޓް ލިބުނީ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީ އޮތް މީހުންނަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި 1959 މީހަކީ ޕީޕީއެމްގެ ދަފްތަރުގައި ނަަން އޮތް މީހުން ކަމަށާ އެ ނޫން ޕާޓީތަކަށް ނިސްބަތްވާ 517 މީހަކު އަދި ޕާޓީއަށް ނުވަންނަ 913 މީހަކު ހުރި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"ކޮބާތޯ އަޅުގަނޑުމެން ޕާޓީ މީހުންނަށް އިސްކަން ދީފައި. 3591 މީހުންނަކީ އެމްޑީޕީ މީހުންނޭ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގާނޫނީ ހުރިހާ މަރުހަލާއެއް ފުރިހަމަ ކޮށްފައިވާ ލިސްޓަކަށް މި ސަރުކާރަށް ބަދަލު ނުގެނެވޭނެ ކަމަށެވެ. އަދި ނިކަމެތި އެތަށް ރައްޔިތުންނެއްގެ އަތުން މިވަރުގެ ހައްގެއް ނިގުޅައިގެން ސަބަބު ރައީސް ސޯލިހު ސާފުކޮށްދޭން ޖެހިވަޑައިގަންނަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ހިތްވަރެއް ހުރިނަމަ އެ ސަބަބުތައް ސާފުކޮށް ދެއްވުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ.
މުއިއްޒު ވިދާޅުވީ ހައްގުތައް ގެއްލުނު މީހުންނަށް ޕީޕީއެމްގެ ވެރިކަމެއްގައި ހައްގުތައް ހޯދައިދޭނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ހިންގޭ ހައުސިން މަޝްރޫއު ހާއްސަކުރާނީ އެ މީހުންނަށް ކަމަށް ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ފަރާތްޕުޅުން އަޅުގަނޑުމެން ޕީޕީއެމް، ޕީއެންސީން ދޭ ޔަގީން ކަމަކީ އިރާދަކުރެއްވިއްޔާ ދެން އަންނަ ވެރިކަމެއްގައި އެންމެ ފުރަތަމަ އިމާރާތް ކުރެވޭ ފްލެޓްތައް ލިބޭނީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނިޔާވެރި ކަމުގައި ފްލެޓްތައް ނިގުޅައިގެން ފަރާތްތަކަށް،"
އަގުވެސް ތިރިކޮށްދޭނެ
ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނަގާނީ މަހަކު 11000 ރުފިޔާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ކުރީ ސަރުކާރުގައި ނިންމާފައިވަނީ މަހަކު 5600 ރުފިޔާ ނެގުމަށެވެ. އެ ނިންމުން ނިންމީ އޮކްޓޯބަރު 17، 2018 ގައެވެ.
ރައީސް އޮފީހުގެ އެއިރުގެ ސޯޝަލް އެފެއާޒްގެ ސްޓޭޓް މިނސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއި ކުރައްވައި ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހިޔާ ފްލެޓަކަށް ކުލީގެ ގޮތުގައި މަހަކު ނަގާނީ 5600 ރުފިޔާ ކަމަށާއި މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ނެގުމަށެވެ.
މުއިއްޒު މިއަދުވެސް ވިދާޅުވީ އެންމެ ގިނަވެގެން ކޮންމެ މަހަކު 7000 ރުފިޔާގެ ކުއްޔަކުން ވެސް އެޗްޑީސީއަށް 15 އަހަރުގެ ތެރޭގައި ފައިދާ ވާނެ ކަމަށެވެ. އަދި އެއީ މަޝްރޫއަށް ހިނގި ހަރަދުތަކުގެ އިތުރަށް މަޝްރޫއާ ގުޅިގެން ހިނގި އިދާރީ ހަރަދުތައް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. މަޝްރޫއަށް 434 މިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، މަޝްރޫއާ ގުޅިގެން ކޮށްފައިވާ ހިންގުމާއި އިދާރީ ހަރަދުތަކާއެކު ޖުމުލަ 563 މިލިއަން ޑޮލަރު އަރަ އެވެ. އަދި ކޮންމެ މަހަކު ކޮންމެ ފްލެޓަކުން 7000 ރުފިޔާ ނަގަނާމަ 15 އަހަރުގެ ތެރޭގައި އެޗްޑީސީއަށް 572 މިލިއަން ޑޮލަރު ލިބެ އެވެ.
މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއް ފެށޭއިރަށް ފްލެޓްތަކުގެ އަގު ތިރިކޮށްދޭނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެން އިހުލާސްތެރިކަމާއެކު ދައްކާ ވާހަކަ. އަޅުގަނޑުމެންގެ އަގަކީ 6،600 ރުފިޔާ. އެހެންވީމަ އެ އަގު ހިފަހައްޓާނެ އަޅުގަނޑުމެން،" މުއިއްޒު ވިދާޅުވިއެވެ.