ރިޕޯޓް

ކިހިނެއް މިވީ، ހަތަރު ދުވަސް ހަވަޔަށް!

Sep 20, 2017
14

ގައުމެއްގެ ހަޔާތުގެ ކަލަންޑަރުން ދުވަހެއް ގެއްލެން ވަރަށް މުހިންމު ސަބަބެއް މެދުވެރިވާންޖެހެ އެވެ. އެއީ ދުނިޔޭގެ ދުވަސް ފާހާގަ ކުރާ ޑޭޓްލައިން ރޮނގުގެ އެއް ފަޅީގައި ގައުމެއް އޮއްވާ އެ ގައުމެއް ރޮނގުގެ އަނެއް ފަޅިއަށް ލައްގައިގެން ފުރިހަމަ 24 ގަޑިއިރު ނުވަތަ އެއް ދުވަސް ގުނުމެވެ.

އެހެން ދިމާވެއްޖެ ނަމަ އެ ގައުމަކަށް ދުނިޔޭގެ ކަލަންޑަރުން އެއް ދުވަސް ގެއްލުނީ އެވެ. ރާއްޖެއަށް އެފަދަ ކަމަކާ ދިމާވި ކަމެއް އެނގިއެއް ނެތެވެ. އެހެން ނަމަވެސް މިއަހަރު ރާއްޖޭގެ ކަލަންޑަރު އުކަމުންދާއިރު ހަތަރު ދުވަހެއް އެބަ "ގެއްލެ" އެވެ. އޯގަސްޓް މަހުގެ 12 އާއި 13 ވަނަ ދުވަހެވެ. އަދި މިހިނގާ ސެޕްޓެމްބަރު މަހުގެ 19 އާއި 20 ވަނަ ދުވަހެވެ. މިއީ ކިހިނެއް ވާކަމެއް ހެއްޔެވެ؟

***

ސަރުކާރުގެ މައި ޖަލުގައި ސިފައިންގެ ބަޔަކު އަނިޔާކޮށް މ. އޭޝިޔާ، ހަސަން އީވާން ނަސީމް މަރާލުމާއި ޖަލުގެ ގައިދީންގެ ތެރެއަށް ސިފައިން ބަޑިޖަހައި ބަޔަކު މަރައި ޒަހަމް ކުރި ހާދިސާ އާއި އެ މަސްހުނިގަނޑުގައި އުފަންވެގެން އައި ކަންކަމަކީ ދިވެހި ރާއްޖެ ފެންމަތީގައި އޮތްހާ ހިނދަކު އޮބި، ގެނބިގެންދާނެ ހާދިސާތަކެއް ނޫނެވެ. ސަބަބަކީ ތާރީހުގެ ލޯ ކަނު ނުވާނެތީ އާއި މާޒީގެ ކަންފަތް ބީރުވެސް ނުވާނެތީ އެވެ. ސެޕްޓެމްބަރު 2003 ގެ "ނަވާރަވިއްސާ" އި އޯގަސްޓް 2004 ގެ "ބާރަތޭރަ" ކިތަންމެ ވަރަކަށް ފޮރުވާފައި ބޭއްވިއަސް ތާރީހުން އެދުވަސްތަކާ ބައްދަލުވުމުން އަނިޔާވެރި ހިތި އެ ހަނދާންތައް ދިވެހީންގެ ގައިގައި ބައްދައިނުގަނެއް ނުދާނެ އެވެ.

ނަވާރަވިއްސަކީ ދިވެހި ރާއްޖެ ސިއްސުވާލި ވަރަށް ތާރީހީ 48 ގަޑި އިރެވެ. އީވާން ނަސީމް މަރާލުމާއި ޖަލުގައި ބަޑި ޖެހުމަކީ ރާއްޖޭގެ ޒަމާންވީ ވެރިކަމުގެ އިންތައް ކަނޑަކަނޑައިގެން ގޮސް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކެކި އަރައިގަނެ އިސްލާހައި ދިމާއަށް ރާއްޖެ ކޮއްޕާލި ސަބަބެވެ. އޭގެ ފަހަށް 2004 ވަނަ އަހަރުން އޯގަސްޓްގައި ލައްވާލި "ބާރަތޭރަ" އިގެ ދެ ދުވަހަކީ ވެސް އެފަދަ ކަޅުފޮއިގަނޑެކެވެ.

މި ހަތަރު ދުވަހުގެ ފަހަތާއި ކުރިމަތީގައިވާ މުޑުދާރު ދިގު ވާހަކަތަކުގެ ހަޑި ފަރާތަށް ނުދިޔައަސް މިދިއަ 14 އަހަރު ދުވަހުގެ ތެރޭގައި ނޭވާ ހައްޓަށް ނުފެތި ދިވެހިރާއްޖެ ތަހައްމަލު މިކުރާ ހުރިހާ ކަމެއް އަސްލަކީ ވެސް ފެށުމަކީ ވެސް އެއީ ކަމަށްވާތީ ރާއްޖެ އިސްލާހުގެ މަގަށް ގެންދަން ކެވިއަރައިގެން އެންމެން ފާހަގަ ކުރަމުން އައި ދުވަސްތަކެއް "ގެއްލުމުން" އެކަމެއް އެހެން ވާނީ ކޮންމެވެސް ކަމެއް ދިމާވެގެނެވެ. ހަރުދަނާ ސަބަބެއް އޮވެގެން ނޫނީވިއްޔާ އެވަރުގެ ފިޔަވަޅެއް އިސްލާހަށް ނުކުތް މީހުނެއް ނާޅާނެ އެވެ. މިއަކީ ޝައްކެއް ރައްދެއް އޮތް ކަމެއް ނޫނެވެ.

ފޮރުވިފައި އޮތް ކޮންމެވެސް ކަމެއް އެނގިއްޖެ އެވެ. އިވާން ނަސީމް ހަމަ އަސްލުގައި ވެސް މަރާލީ ހެއްޔެވެ؟ އެއީ ހަގީތަށް ވެސް ހިނގި ކަމެއް ހެއްޔެވެ؟ ނޫނީ އެއީ ބަޔަކު އުފެއްދި ފޯކްލޯރެއް ހެއްޔެވެ؟ ހަމަ ނުހިނގާ ކަމަކީ ހެއްޔެވެ؟ އެފަދަ ކަމެއް ހިނގާފައި ނެތީވިއްޔާ ނުހިނގަނީސް އެފަދަ "ނުބައި" ވާހަކަތަކެއް ދެއްކީ ކޮން ބައެއް ހެއްޔެވެ؟ އެފަދަ ކަމެއް ނުހިނގަންޏާ އެހާ ވިޔާނުވާ ކަމަކާއި ވާހަކައެއް އުފެއްދީ ކޮން ބައެއް ހެއްޔެވެ؟

ނޫނީ ވިއްޔާ އެއީ ހަމަ ހަގީގަތުގައި ވެސް ހިނގި ކަމެއް ހެއްޔެވެ؟ އެފަދަ ކަމެއް ހިނގީވިއްޔާ އިސްލާހަށް ނުކުތް ލަސްކަރު އިއްޔެއާއި މިއަދު އެވާހަކަ ނުދެއްކީ ކީއްވެގެން ހެއްޔެވެ؟ އަދި ނުހިނގާ ކަމެއް ކަމަށް ވަންޏާ ނުހިނގާ ކަމުގެ ހެއްކާއެކު އެ ވާހަކަތައް ދެއްކެވޭނެ ފެންވަރުގެ ބޭފުޅަކު އިސްލާހީ މަސައްކަތުގެ ތެރޭގައި މިހާރު އެބަ ހުންނެވި އެވެ. ކުނޫޒުގެ މޭދުގައި އެބޭފުޅަކު އެވާހަކަތައް ޖޯކެއްގެ ގޮތުގައި ވެސް ވިދާޅުވެ ދެއްވިދާނެ އެވެ. – މޭދަކީ ޕޯޑިއަމެވެ. މިއީ ބަހެއްގެ ވަކަރުޖަހައިލުމެކެވެ.

ދިވެހި ރައްޔިތަކު އަމުދުން 19 އަހަރުގެ ޒުވާން ކުއްޖަކު ބިޑިއަޅުވައި ބާއްވައި އެތެޅި ތެޅީނުން، ތަޅައި ފުރާނަ ދުއްވާލުން އެއީ އާދައިގެ ކަމެއް ނޫނެވެ. އޭނާ ދިވެހި ރައްޔިތު ކަމުން މިހާރު އޮންނަނީ ކަނޑާފައި ހެއްޔެވެ؟ މީހަކު މަރުވެއްޖައީ ވިއްޔާ ވިހާ މަރުވާ ފޮތުން އޭނާގެ ނަން އުނިކޮށް އެ ފޮތުގައި އެ ވަނަރު ލާން ޖެހޭ ގޮޅިއަށް ލާނެ އެވެ. އެކަމަކު ދިވެހި ރައްޔިތުކަން އެ އީވާންގެ ނަފުސުން ކަނޑާލީ ކޮން އިރަކު ހެއްޔެވެ؟ ނޫނީ ވަކި ދުވަހެއް ހަމަވީމާ ކަނޑާލާ އުސޫލެއް މިހާރު އޮންނަނީ ހެއްޔެވެ؟ އޭނާގެ މަންމައަށް ކުރިއަސަރު މިހާރު ފިލައިގޮސް ހަވައަށް އެރީ ހެއްޔެވެ؟ މާފުށީ ޖަލުގައި ބަޑި ޖަހައިގެން މަރުވި މީހުނާއި ޒަހަމްވި މީހުންނާއި އާއިލާތަކުން ރުއި ރުއިމާއި އެމީހުންނަށް ކުރި އަސަރު މިހާރު ނެތިގެން ދިޔައީ ހެއްޔެވެ؟

މި ހާދިސާތަކާ ގުޅިގެން ރާއްޖެ މަތީން ގުގުމާލާފައި އޮތީ "ޖައްވަށް ހަވަޔަށް ފަޒާއަށް" ޖެހި ބަޑީގެ އަޑެވެ. އެ އަޑުތައް އަރައިގެން އެދިޔަ ދިމާއަކަށް ގޮސް ހުސްވީ ހެއްޔެވެ؟ އެ އަޑު މިދިއަ ދެ ދުވަހަށް ރާއްޖެ މަތީން ކެނޑުނީ ކީއްވެގެން ހެއްޔެވެ؟ ވަޒަން އުދުއްސި ދުވަހު މާލޭގައ ހިނގި ހާދިސާތައް ކޮބައި ހެއްޔެވެ؟ އެއާ ގުޅިގެން ޓެރަރިޒަމް ދައުވާ ކުރި "ކުދީން" ކޮބައި ހެއްޔެވެ؟ އެ ކުދީން ނިޔާވެ ދިޔައީ ހެއްޔެވެ؟ ނުވަސް ހައްދަވާ ނޫޙެއްގެ ކެމެރާމަނަކަށް ހެދި ކުއްޖާއާ އެ ކެމެރާ ކޮބައި ހެއްޔެވެ؟

އެ ދެ ދުވަހުގެ އިލްޒާމްތައް އެޅުވިި މީހުންނާއި އިލްޒާމްތައް އެޅޭ މީހުން އެތަނަކުން އެއް އިސްޓޭޖަށް އަރާ ތިބެގެން ނަގާފައިހުރި ފޮޓޯތައް ކޮބައި ހެއްޔެވެ؟ އެ ހުރިހާ ކަމެއް ވެސް ހުދުކާފޫރު އާތްވަށް ވެގެން ހަވަޔަށް ފަޒާއަށް އަރައިގެން ދިޔައީ ހެއްޔެވެ؟

އިސްލާހުގެ ލަސްކަރާއި ދެން އޮތް ލަސްކަރުގެ ދެ ޖަޑިބުން އެކުވީ އެވެ. އެއްވުމަކުން މައްސަލައެއް ނެތެވެ. ސިޔާސީ ދަނޑުގައި އޮންނަނީ އެއްވުމާއި ބެވުމެވެ. އެކަމަކު ޕަސްޕަސް ލާފައި ތަޅައިގަތް ގަތީނުން މީހަކު މާރާލި ނޫން ހެއްޔެވެ؟ ބަޑި ތަޅައިގަތް ގަތީނުން ބަޔެއްގެ ދުވަސް ދުއްވާލި ނޫން ހެއްޔެވެ؟ އެވާހަކަތައް ގޮވި ނޫން ހެއްޔެވ؟ އެ ހަނދާތައް އާކުރި ނޫން ހެއްޔެވެ؟ ވީމާ ޒުވާން ކުއްޖަކު މަރާލި ކަމަށް ތުހުމަތު ކުރާ މީހާވެސް އެއްކަލަ މޭދަށް އަރާ ބަވާ މީހާއާ އެއްވަރުވަނީ ހެއްޔެވެ؟ ހަމަ ގުޅެހެން ވީހެއްޔެވެ؟ އެހެންވިއްޔާ ނުގުޅެންވީ ކާކާ ހެއްުޔެވެ؟

***

ގަލްފު ހަނގުރާމާގެ ތެރޭގައި އުރުދުންގެ ހުސައިން ރަސްގެފާނު އެމެރިކާއަށް ތާއީދު ކުރެ އެވެ. އެކަމާ އިރާގުގެ ރައީސް ސައްދާމު ހުސައިން، ބަވައިގަތެވެ. އޭގެ ޖަވަބުގައި ހުސައިން ރަސްގެފާނު ވިދާޅުވަނީ ތިމަން ރަސްގެފާނު ކަން މިކުރެއްވީ އެންމެ ރަނގަޅަށެވެ. ތިމަން ރަސްގެފާނު ކަން މިކުރެއްވި ގޮތަކީ "ބޮޑު ސައިތޯނާ މަރަން ކުޑަ ސައިތޯނާއާ ގުޅުނީ" އެވެ. މި ރާއްޖޭގައި މިހާރު ހަދައިގެން މިއެނީ އެހެން ހެއްޔެވެ؟ އެހެން ހަދާ ކަމަށް ވަންޏާ މީހުން މަރާ ކަމަށް ކުރަން ބުނެ ތުހުމަތު އެޅުވި މީހަކީ އެ ވައްތަރުގެ މީހެއް ހެއްޔެވެ؟

***

ނޮވެމްބަރު ތިނަކީ ރާއްޖޭގެ ނަސްރުގެ ދުވަހެވެ. އެކަމަކު އެއީ ބައެއް މީހުން މަލާމާތް ކުރާ ދުވަހެކެވެ. ސިފައިންނަށް ފުރައްސާރަ ކުރާ ދުވަހަކެވެ. މިހާރު ވެގެން މިއުޅޭ ގޮތަކުން ކުރީގެ ރައީސް މައުމޫނަށްޓަކައި އެ މީހުން ނޮވެމްބަރު ތިނެއް ފާހަގަ ކުރަން ޖެހެ އެވެ. އެކަމަކު މައްސަލައެއް އެބަ ދިމާވެ އެވެ. އެ ދުވަހު ލުތުފީގެ ވާހަކަ ދައްކާނީ ކޮން އަނގައަކުން ކިހިނެއް ހެއްޔެވެ؟ ކޮންމެވެސް ޝާހިދާ އިސްމާއީލެއްގެ ވާހަކަ ގައުމީ ސަލާމަތަށްޓަކައި އެ ދުވަހު އުނި ކުރާނީ ހެއްޔެވެ؟ އަދި ހުރިހާ "ބާޣީން" ނާއެކު ފެބުރުއަރީ 7 ފާހަގަ ކުރަން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއްކަލަ ދޮންނަ މެޝިނަށް ހަދާނީ ކިހިނެއް ހެއްޔެވެ؟

ގޮތެއް އެބައޮތެވެ. އެއީ ދީނަށްޓަކައި ގައުމަށްޓަކައި ސިފައިން ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ހެލިގަންނަހަރޭ ގޮވައިލާނީ އެވެ. އެކަމަކު އެ ސިފައިން ފުރާނަ އަތް މައްޗަަށް ލައިގެން ނުކުތް ދުވަސް ފާހަގަ ނުކޮށް މަލާމާތާއި ފުރައްސާރަކޮށްފައި އޮތުމުން އެހަންދާތަން ފިލައި ނުގޮސް ތިބި މީހުން ޖަހާނެ ބަޑިއެއް ނޭނގެ އެވެ.