ރައީސް އަބްދުﷲ ޔާމީން ހާލިދުބުނު ވަލީދުގެ ގޮތުގައި އަހުމަދު އަދީބު ސިފަކުރެއްވީ ވަރަށް ފަސޭހަކޮށެވެ. އަހުމަދު އަދީބުވެސް އެމްއެމްޕީއާރުސީގެ ތެރެއިން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގީ އެހާ ފަސޭހަކޮށެވެ. އަދީބު އެމްއެމްޕީއާރުސީގެ ތެރެއިން ހިންގެވި ވައްކަން ފެނިފައި ފިތްގަނޑައިގެން ނުދަނީ ކާކު ހެއްޔެވެ؟ ދަރިންނާއި ދަރިންގެ ދަރިންގެ މިލްކިއްޔާތުގެ ގޮތުގައި ހުރި ރީތި ފަޅުރަށްތަކާއި ފަޅުތަކާއި ގިރިތައް ވިއްކާލައިގެން ހިންގި މި ބޮޑު ސިންގާ ވައްކަމުން ގެއްލުނު ފައިސާ ދައުލަތަށް ހޯދޭނެ ދުވަހެއް ވެސް ނޭނގެ އެވެ. ނުވެސް ހޯދޭނެ އެވެ.
މިހެން އޮއްވާ، ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ދޭ ފެނަކައިގެ ބިތުފަންގި އޮޑިޓް އޮފީހުން ނެގިއިރު ކަމަކު ދާކަށް ނެތެވެ. ރޯމާ ދުވާލު އެނގި ތިބެ ވަކި ބަޔަކަށް މި ވަނީ އެތައް މިލިއަން ރުފިޔާއެއް ބަހާލައިފަ އެވެ. ނިކަމެތި ރައްޔިތުން ކަރަންޓް ބިލްތަކަށް ދައްކާ ފައިސާއިން އެ ހިދުމަތް ތަރައްގީ ކުރުމަށް ވުރެ ބޮޑަށް އެ ފައިސާގެ ތެރެއިން އެތައް މިލިއަން ރުފިޔާއެއް މި އޮތީ ވަކި ބައެއްގެ ޖީބުތައް މުއްސަދިކޮށް ދިނުމަށް ހޭދަކޮށްފަ އެވެ. އެކަށީގެންވާ ބޯހިޔާވަހި ކަމެއް ނެތި އާދޭސް ކޮށްކޮށް ތިބި ނިކަމެތިންނަށް ދޭން ހުރި ފްލެޓްތައް މިވަނީ އެއެއް މިއެއް ނޭނގޭ ގޮތަށް ސިއްރުން ސިއްރުން ދީ ނިމިފަ އެވެ. މި ދަރަޖައަށް ސަރުކާރެއްގެ ކަންކަން ދިއުން އެއީ ލައްކަ ބޮޑުވަރެވެ. މިއީ ރައްޔިތުންނަށް ލިބޭ އިޔާދަ ނުކުރޭ ވަރުގެ އިންތިހާއަށް ބޮޑެތި ގެއްލުންތަކެވެ.
ސަރުކާރެއްގެ ތެރެއިން ނުކިއްސަރު ކަމެއް ވެސް ހިނގާފާނެ ކަމަށް އަޅުގަނޑަށް ވެސް ގަބޫލުކުރެވެ އެވެ. ހިނގާނެ އެވެ. ރައީސް މައުމޫންގެ ދިގު ސަރުކާރާއި އެމްޑީޕީގެ ތިން އަހަރުވީ ކުރު ސަރުކާރުގައި ވެސް ބޮޑެތި ކޮރަޕްޝަންތައް ވަނީ ހިންގާފަ އެވެ. އޭގެ ތެރެއިން ފައިދާ ލިބި ކުއްލިއަކަށް މުއްސަދިވެފައި ތިބި އެތައް ބައެއް މިއަދުވެސް މިނިވަން ކަމާ އެކު އުޅެމުން ދިޔުމަކީ އޭގެ ވަރަށް ފުރިހަމަ ހެއްކެކެވެ. ފަސާދަ އާއި ހިޔާނާތް ވަކި ސަރުކާރެއްގައި ހިންގާފައި އޮތުމަކީ، މި ސަރުކާރުގައި އެކަހަލަ ކަންކަން ހިންގުމަށް ލިބޭ ލައިސަންސެއް ނޫނެވެ.
ހިޔާނާތާއި ފަސާދަ އަދި ބޭއިންސާފަކީ ކޮންމެ ބަޔަކު ކުރިޔަސް، ހުދު އަޅުގަނޑު ކުރޮޔަސް ޖަސްޓިފައިކޮށްދެވޭނެ ކަމެއް ނޫނެވެ. މި ސަރުކާރުގައި މިހާތަނަށް ފަޅާއެރި ހިޔާނާތްތަކާއި އެކަންކަން ހިނގާފައިވާ މަގަށް ބަލާއިރު ސަރުކާރުގައި ހިޔާނާތް އަށަގެންފައި އޮތް ކަމަށް ގަބޫލު ކުރާނެ ހެކިތައް ބައިވަރެވެ. ބޮޑު މަންޒަރަށް ބަލާއިރު، މިއީ އަދީބާއި މިނިސްޓަރުންނާއި ޕީޕީއެމްގެ މަޖިލިސް މެންބަރުން އަދި ކުންފުނިތަކުގެ އިސްވެރިންނަށް އަދަބު ދީގެން ފަރުޖެއްސެން އޮތް ކަމެއް ނޫނެވެ.
ރަށްތަކާއި ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ލިބެމުން ދިޔަ މިލިއަން ޑޮލަރުގެ ޗެކްތައް އަމިއްލަ މީހެއްގެ ކުންފުންޏަކަށް ކޮންމެ ދުވަހަކު ޖަމާކޮށް އެ ފައިސާތައް އަމިއްލަ މީސްމީހުންގެ އެކައުންޓްތަކަށް ފޮނުވަމުން ދިޔައީ އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ހުންނެވި އަބްދުﷲ ޒިޔަތާއި އަދީބު އެކަނި ބައިވެރިވެގެން ކަމަށް ބުއްދި ގަބޫލެއް ނުކުރެވެ އެވެ.
އާދައިގެ ދިރިއުޅުމެއްގައި އުޅުއްވި އަދީބު ރާސްލާފައި އަރައިގެން ދިޔަ ބާރުމިނާއި ވެއްޓުމަށް ބަލާއިރު މިފަދަ ބޮޑު ހިޔާނާތެއް ހިންގުމަށް އަދީބާ އެކު މުޅި ދައުލަތް ބައިވެރިވެފައިވާނެ ނޫން ހެއްޔެވެ؟ އެއީ މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުން ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭނެ ކަމެކެވެ. އަދީބު ކޮރަޕްޝަންގެ އަމަލުތައް ހިންގަވާ ކަމުގެ ތުހުމަތު ރައީސް ވަހީދުގެ ސަރުކާރުގައި އާންމުވުމާ އެކު ޓޫރިޒަމް މިނިސްޓަރުކަމުން އަދީބު ދުރުކުރަން އުޅުމުން ޕީޕީއެމް އިން ބޮޑާހާކައި އޭރުގެ ސަރުކާރުން ވަކިވާނެ ކަމުގެ އިންޒާރުދީ އަދީބު އެ މަގާމުގައި ބެހެއްޓި އެވެ.
އޭރު ޕީޕީއެމްގެ ވެރިންނަށް އެކަން އެންމެ ކުޑަމިނުން ތަހުގީގު ކޮށްލަން ވެސް ފުރުސަތެއް ނުދިނެވެ. އަދީބު ހިންގަވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ ކުޑަމިންވަރެއް އޭރުގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ފަޅާއަރުވާލުމުން އޭނާއަށް ދިން ހަދިޔާއަކީ ގާނޫނަށް ގެނައި ކުއްލި ބަދަލަކުން ނިޒާމުގެ ތެރެއިން އެމަނިކުފާނުގެ މަގާމު ގެއްލުވާލުމެވެ. އެ ރިޕޯޓްގައި ހުރި ކަންކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް ބީރުކަންފަތެއް ދެއްވައި އަދީބަށް އެއްވެސް އިދާރީ ފިޔަވަޅެއް ނޭޅުއްވި އެވެ. ބަދަލުގައި އަދީބަކީ އެމަނިކުފާނު އެންމެ އަރިސް، "ބޮޑު ވަޒީރަކަށް" ހެއްދެވީ އެވެ. އެހާ ކައިރީގައި އުޅުއްވި އިރުވެސް، އަދީބަކީ ހިޔާނާތްތެރިއެއްކަން ރައީސް ޔާމީން އަށް އެނގިވަޑައިގަތީ އެމަނިކުފާނުގެ އަމިއްލަ ފުރާނަފުޅަށް ނުރައްކާވާ ހިސާބަށް އަދީބުގެ އަމަލުތައް ދިޔައިމާބާއޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ؟
ޒާތީ ގޮތުން މައްސަލަ ޖެހުނު ހިސާބުން އަދީބާ މެދު ފިޔަވަޅު އެޅުއްވި އިރު ދައުލަތުގެ ބައިތުލްމާލު އޮތީ ނޮޅައިގެން ކައިފަ އެވެ. ބުނާ އަޑުއިވެނީ، ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކަށާއި މަޖިލިސް މެންބަރުނަށް އެ ފައިސާއިން ބައި އުޅުނު ވާހަކަ އެވެ.
ކެމްޕޭނަށް އަދީބު ފައިސާ ހޭދަކުރިއޭ، އެ ހާބައިވަރު ފައިސާ އަދީބު ހޯދާ ގޮތެއް ނޭނގެއޭ، އިންޓެލިޖެންސް ރިޕޯޓް ވެސް ފުލުހުން ނުފޮނުވައޭ ބުނެ ބަހަނާ ދައްކައިގެން ރައީސަކަށް ވެސް ވަކި ފަރުޖައްސާލެވޭނެ ހެއްޔެވެ؟ އަދީބުގެ މުސާރައާ ނުބައްދަލު ގިނަ އަދަދެއްގެ ފައިސާ އަދީބު ގެންގުޅުއްވާ އިރު އެ ފައިސާ ޖާޑީގެ ހަގީގަތް ހޯދަން ރައީސް މަސައްކަތް ނުކުރެއްވީ ކީއްވެ ހެއްޔެވެ؟
ހަމަ ގައިމުވެސް އަޅުގަނޑު ވޯޓްލީ ދައުލަތުގެ ކަންކަން އަދީބާ ހަވާލު ކުރާކަށް ނޫނެވެ. ރައްޔިތުންގެ ބައިތުލްމާލަށް ރައްކާތެރިވެ އަމާނާތްތެރިވާން ﷲ ގަންދީ ރައީސުލްޖޫމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވިތަން އަޅުގަނޑު ހަމަގައިމުވެސް ދުށީ ރައީސް އަބްދުﷲ ޔާމީނެވެ. ކޮންމެ ސަބަބަކާ ހުރެ ވިޔަސް އެ ބައިތުލްމާލުން ފައިސާތަކެއް ގެއްލޭ ކަމަށް ކިރިޔާ ވެސް ޝައްކެއް ހިނގާ ނަމަ އެކަނިކުފާނުުގެ ބާރުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭނެ އެވެ. އެހެން އެކަން ނުކުރެވި އޮތް ނަމަ އެއީ ޒިންމާ އުފުއްލަވަން ޖެހޭނެ ކަމެކެވެ.
ރައްޔިތުން އެމަނިކުފާނާ ވެސް މަގާމު ހަވާލުކުރީ އެ ޒިންމާ މަތިކޮށްފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަކީ ބޮޑު ޝަރަފެއްގެ އިތުރުން ޒިންމާތަކެއް ވެސް މަތިކޮށްފައި އޮތް މަގާމެކެވެ. ކޮރަޕްޝަނަށް ތުހުމަތުވާ ކަމެއް ހިނގާ ނަމަ ރައްޔިތުން މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީތަކުން އެކަމަށް އެޓެންޑް ކުރަން ޖެހޭނެ އެވެ. އެކަން ނުކުރެއްވި އޮތް ނަމަ މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް ޒިންމާ ނަގަންޖެހޭނެ އެވެ. އޭސީސީ އާއި އެހެން ވެސް މިނިވަން މުއައްސަސާތަކުން ހިޔާނާތާ ދެކޮޅަށް ފިޔަވަޅު ނޭޅި އޮތްނަމަ އެކަންކަމަށް ވެސް އެތަންތަނުގެ ވެރިން ޒިންމާ އުފުއްލަވަން ޖެހޭނެ އެވެ. އެންމެން ދަންނަ އެންމެ ނަޒާހަތްތެރި ގޮތަކީ ޒިންމާ އުފުލުމުގައި އިހުމާލުވެފައި ވާނަމަ، އަވަހަށް މަގާމުތަކުން ފެޔަށް ޖެހިވަޑައިގަތުމެވެ. އެހެން ނޫން ނަމަ، "ދޫވެއްސަށް ވަނީ ހަލާލު ފައިސާ ނޫން ކަމަށް" ރައީސް ވިދާޅުވި މައްސަލަ އެބޭފުޅުން ތަހުގީގު ކުރައްވާނެ އެވެ. ދުނިޔޭގެ އެހެން ގައުމެއްގައި ނަމަ، "ޕަބްލިކް އިންކްއަރީ" ނޫނީ ހުޅުވާލެވިފައިވާ ތަހުގީގެއް ހިންގާނެ އެވެ. އެހެން އެކަން ނުދާނަމަ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާ މެދު އެވަނީ ބޮޑު ސުވާލެއް އުފެދިފަ އެވެ.
މިހާރު ފެންމަތިވެގެން މިއުޅޭ ފެނަކަ ކޯޕަރޭޝަންގެ އެތައް މިލިއަން ރުފިޔާއެއްގެ ހިޔާނާތުގައި ވެސް ކަންހިނގާފައި އޮތީ މިކަހަލަ ގޮތަކަށެވެ. ހިޔާނާތުގެ ތުހުމަތުތަކާ ހުރެ ރައީސް ވަހީދުގެ ވެރިކަމުގައި އޭރުގެ ފެނަކަ އެމްޑީއަކަށް ނިމާލް ހުންނަވަނިކޮށް އޭނާ އެ މަގާމުން ވަކިކުރި އެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ފެނަކައިގެ އެމްޑީކަން އަނެއްކާ ވެސް ދެއްވީ ނިމާލް އަށެވެ. ނިމާލް އެ މަގާމުން ކުރިން ދުރުކުރެވުނު ގޮތް ރައީސް ޔާމީނަށް އެނގިވަަޑައި ނުގެން އޮވެދާނެ ކަމަށް އަޅުގަނޑުގެ ހިތެއް ނުބުނެ އެވެ. އެހެން ކަމަށްވާ ނަމަ، އެފަދަ ތުހުމަތުތަކެއް ކުރެވުނު ބޭފުޅަކު އަލުން އެ މަގާމަށް ލުމަކީ ރައީސްއަކު އެތައްހާސް ފަހަރަކު ވިސްނަން ޖެހޭނެ ކަމެކެވެ. އެކަމަކު އެކަމަށް ފަރުވާލެއް ނުބަހައްޓާ އަނެއްކާ ވެސް ނިމާލް ހަމަ އެ ގަމާމަށް ހަމަޖެއްސުމަކީ ރައީސް ޒިންމާ ނަންގަވަން ޖެހޭނެ ކަމެކެވެ.
ކުންފުންޏެއްގެ އެމްޑީއަކު ނޫނީ މިނިސްޓަރަކު ކުރައްވާ ހުރިހާ ކަމެއް ރައީސަށް އެނގިވަައި ނުގެން އޮވެދާނެ އެވެ. އެކަމަކު މި ހާލަތުގައި އެކަން ގަބޫލުކުރަން އެބަ އުނދަގޫވެ އެވެ. ފެނަކައާ ގުޅޭ ގޮތުން މީގެ ކުރިން ތުހުމަތުވެފައިވާ މައްސަލަތަކަށް ބަލާއިރު، ޕީޕީއެމްއަށް ނިސްބަތްވާ މަޖިލީހުން މެންބަރުންނަށް ތެލުގެ ވިޔަފާރީގެ ކޮންޓްރެކްޓްތައް ދީގެން އޭގެން ލިބޭ ފައިދާގެ ބޮޑު ބައެއް ޕީޕީއެމްގެ ކެމްޕޭންގެ ހަރަކާތްތަކަށް ހޭދަކުރާ ވާހަކައަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެހެން ކަމަށް ވާނަމަ، ރައީސްް ޔާމީންއަށް އެވާހަކަ އެނގިވަޑައިނުގެން އޮވެދާނެ ހެނެއް ހިއެއް ނުވެ އެވެ. އެހެން ވީމާ، ދާދި މިދާކަށް ދުވަހާ ޖެހެންދެން ނިމާލް އެ މަގާމުގައި ބަހައްޓައިގެން އެހެން ކުންފުންޏެގެ އިސް މަގާމެއް ވެސް ހަވާލު ކުރައްވައިގެން އެއަށް ފަހު ތުހުމަތުތަކުގެ ތަހުގީގެއް ހިންގުމަށް އިސްނުނަގަންވާ ހުންނެވުމަކީ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމެއް ނޫން ހެއްޔެވެ؟
ހިޔާނާތާއި ފަސާދައިގެ ބޮޑެތި މައްސަލަތަކެއް ފުލުފުލުގައި ހާމަވަމުން އަންނަ އިރު، ސަރުކާރުން އަދިވެސް ކަންކަން އިސްލާހު ކުރަން އުޅޭތަނެއް ނުފެނެ އެވެ. ފްލެޓް ލިބުނު މީހުންގެ ނަމާއި މައުލޫމާތު ހާމަނުކޮށް ހަރުކަށިކަމާ އެކު ބަހަނާތަކެއް ދައްކަން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުފެނެ އެވެ. ގައުމީ ސަލާމަތަށް ނުރައްކާ ނުވާ ނަމަ، ކަމެއްގެ މައުލޫމާތު ހާމަކުރުމަކީ މައްސަލައެއް ނޫނެވެ. އަދި އެއީ ކަމެއްގެ ދެ ފުށް ފެނި ޝައްކުގެ ނަޒަރަކުން ކަންކަމާ މެދު ބަލާނެ ޖާގަ ކުޑަކޮށްދޭނެ ކަމެކެވެ. ކަންހިނގާފައި ހުރި މަގަށް ބަލާއިރު، ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރުކޮށްގެން ހައުސިން މިނިސްޓަރު މުއިއްޒު އުޅުއްވަނީ އެމަނިކުފާނު އަމިއްލަ ނިންމުމަކުންނޭ ބުނަން އަޅުގަނޑަށް ވަރަށް އުނދަގުލެވެ. މި ލިސްޓެއް ފޮރުވައިގެން އުޅުއްވާކަން ރައީސްއަށް މިހާރު ނޭނގި ހުންނާނެ ހެއްޔެވެ؟ އެކަމަށް ހަފްތާއެއްވީއިރުވެސް ރައީސް އޮފީހުން އެކަމުގެ ބަހެއް ވެސް ބުނެ ނުލަ އެވެ. އަދީބާއި ޒިޔަތާއި ނިމާލާއި މުއިއްޒު އެކަނި ކުށްވެރިކޮށް އަދަބު ދީގެން މި މައްސަލަތައް ނިންމާލެވެން ނެތީ މިހެން ކަންކަން ހިނގާތީ އެވެ. ވަރަށް ވުރެ ބޮޑަށް ހިޔާނާތާއި ފަސާދައިގެ މޫ މިވަނީ ދައުލަތުގެ އެންމެ އެތެރެއަށް ވެސް ފައިބައި ވަކިހިއްޕާލައިފަ އެވެ. މިހެން ވިޔަސް އަދީބާއި ޒިޔަތައް ވެސް ހައްގު އަދަބު ލިބެން ޖެހޭނެ އެވެ. އެކަމަކު އެ ލިސްޓަކީ އެެބޭފުޅުންނާ ހަމައިން ނިމެން އޮތް ކަމެއް ނޫނެވެ. އެކަން ހަނދާން ނައްތާލައިގެން ނުވާނެ އެވެ.