ލަވަ ކިއުމަކީ ނާފިޒް މުޖުތަބާ (ބެރު ނާއްޕެ) ކުރިން ދަންނަ ކަމެއް ނޫނެވެ. އެކަން ކުރަން ބޭނުމެއްވެސް ނޫނެވެ. ޝައުގުވެރިކަމެއް ވެސް ނެތެވެ. އެެހެން ނަމަވެސް އެހެނެއްވެސް ނުވި އެވެ. މިހާރު ނާއްޕެ އަކީ އަރަމުން އަންނަ ބޮޑުބެރު ގްރޫޕެއްގެ ލީޑް ވޯކަލިސްޓެކެވެ. ނާއްޕެ އަކީ މިހާރު "އެކަތަ" ބޮޑުބެރު ގްރޫޕްގެ ލީޑް ވޯކަލިސްޓެވެ.
މިއުޒިކާއި ލަވަޔާއި ދިމާއަށް ނާއްޕެގެ ޝައުގުވެރިކަން ދަމައިގަތީ ސްކޫލްގައި އުޅުނު އިރު މަދަހަ މުބާރާތުގައި ބައިވެރިވި ހިސާބުންނެވެ. އޭރު އޭނަ އުޅުނީ ގްރޭޑް ހަތެއްގަ އެވެ. ނާއްޕެގެ މަދަހަ ކަމުގޮސްގެން ގިނަ ބަޔަކު އެ ވާހަކަ ދެއްކި ނަމަވެސް އެކަމާ މާބޮޑަކަށް އޭނަ އަޅައެއް ނުލަ އެވެ. ނަަމަވެސް ގްރޭޑް 10 އެއްގައި އުޅުނު އަހަރު ސްކޫލް ޕްރިފެކްޓުންނަށް ޝޯއެއް ދޭން ޖެހުމުން ބޮޑުބެރު ޝޯ ދޭން ރޭވިއިރު ލަވަ ކިޔާނެ ކުއްޖަކު ނެތިގެން ގިނަ ކުދިންގެ އެދުމުގެ މަތިން އިސް ނަގައިގެން ލަވަ ކީ އެވެ.
އެ ފަހަރު ހަމައެކަނި ލަވައެއް ކިޔާލާފައި ނާއްޕެ ނިންމާލީ އެއް ނޫނެވެ. ބެރު ޖަހަންވެސް ދަސްކުރި އެވެ. ޕްރިފެކްޓުންގެ ދުވަސް ފާހަގަކުރަން ބެރު ޖެހި ގޮތަށް ނާއްޕެއަށް ބެރު ދޫކޮށެއް ނުލެވުނެވެ. ސްކޫލް ނިންމާލާފައި ނުކުތް އިރު ނަމުގެ ފަހަތަށްވެސް ބެރު އިތުރު ކޮށްގެން ރައްޓެހިން ކިޔަން ފަށައިފި އެވެ. އެހާ ހިސާބުން ނާއްޕެ ބެރު ނާއްޕެއަށް ބަދަލުވީ އެވެ.
ސްކޫލަށް ފަހު ނާއްޕެ ގުޅުނީ ރަށުގައި އޮންނަ ބޮޑުބެރު ގްރޫޕް ކަމަށްވާ ވައިއެފްއެމް ގްރޫޕާ އެވެ. އެފަހުން ރަށުގައި ޝޯތަކުގައި ނާއްޕެ އައީ މެދުކެނޑުމެއްނެތި ލަވަ ކިޔަމުންނެވެ. ގިނަ ޝޯތައް ދެމުންނެވެ. އަދި 2013 ވަނަ އަހަރު އަންތަރީސް ބޮޑުބެރު ގްރޫޕާއި ގުޅިގެން އެ އަަހަރު ކުރިއަށް ގެންދިޔަ ބޮޑުބެރު ޗެލެންޖުގައި ވެސް ލަވަ ކިޔެވެ. އެ ގްރޫޕްގައި އުޅުމަށްފަހު ބިދަބިން ބޮޑުބެރު ގްރޫޕާއި ނާއްޕެ ގުޅުނެވެ. އަންތަރީސް ގްރޫޕްގައި ވެސް ނާއްޕެވަނީ ގިނަ ޝޯތަކެއް ދީފަ އެވެ. ގިނައިން ރަށް ރަށުގަ އެވެ.
ބިދަބިން ގްރޫޕްގައި ހަތް މަސް ހޭދަކުރި އިރު ގިނަ އެއްޗެހިތަކެއް ވަނީ ދަސްވެފަ އެވެ. އެ ދެ ގްރޫޕްގައި ގިނަ ޝޯތަކެއް ދީ، ބްރޭކެއް ނެގުމަށްފަހު އަލަށް ހެދި އެކަތަ ބޮޑުބެރު ގްރޫޕާއި އޭނާ ގުޅުނީ މާލޭގައި ހުންނަ ގެ ކައިރީގައި އުޅޭ ކުދިންތަކެއް އިސްނަގައިގެން ހެދި ގްރޫޕަކަށްވެފައި ފަސޭހަ ވެސް ވާނެތީ އެވެ. އަދި ވީ މާ ގިނަ ދުވަހެއް ނުވެ އެވެ. އެހެން ނަމަވެސް މިދިޔަ ބޮޑު އީދުގައިވެސް ދެ ތިން ރަށުގައި ޝޯ ދިނެވެ.
މިހާތަނަށް ބޮޑުބެރު ލަވަތައް ކީ ނަމަވެސް ނާއްޕެގެ ހިތް އޮތީ ހަމައެކަނި ބޮޑުބެރު ލަވަޔަށް ހުސްވެފަ އެއް ނޫނެވެ. ބޮޑުބެރު ލަވަ ނޫން ލަވަތައް ކިޔަން އޭނަ ބޭނުމެވެ. ނާއްޕެގެ އަމިއްލަ ލަވައެއް ވެސް ލަސް ނުވެ ވިގެން ދާނެ އެވެ. ލަވައިގެ ޅެމާއި ރާގުވެސް އިނީ ނިމިފަ އެވެ. މިހާރުވެސް އަމިއްލައަށް ކިޔާފައި ކަވާ ލަވަތަކުން ތަންތަންކޮޅު ފޭސްބުކްގައި އެބަ ހުއްޓެވެ. ނާއްޕެގެ ކަވާ ލަވަތައްވެސް ވަރަށް އަވަހަށް ނެރޭނެ އެވެ.
ލަވަޔަށް ކިތަންމެ ޝައުގުވެރިކަން ހުރި ނަމަވެސް ނާއްޕެގެ ދިރިއުޅުމުގައި ލަވަޔަކީ ޕާޓް ޓައިމް ޖޮބެކެވެ. ބޮޑުބެރުން އޭނާ ބްރޭކް ނެގީވެސް ކިޔަވާށެވެ. ޓޫރިޒަމް ދާއިރާގެ ހިއުމަން ރިސޯސް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށްފަހު މިހާރު ވަޒީފާއަކާވެސް ގުޅިއްޖެ އެވެ. އެކަމަކު އޭނާ ރިސޯޓަކަށް ދިއުމުގެ ވިސްނުމެއް ނެތެވެ. އެ ދާއިރާއިން ނާއްޕެ ވަޒީފާ އަދާކުރާނީ މާލޭގައި ހުރެގެންނެވެ. އެއީ ލަވަޔާއި ބޮޑުބެރަށް ވަގުތު ހުސްކޮށް ފުރުސަތު ހޯދާށެވެ.