ރ. މަޑުއްވަރީ، ޑޯރެންސް، މުހައްމަދު ރަޝީދުވެސް އެހެން މީހުނެކޭ އެއްފަދައިން ޒުވާން ދުވަސްވަރުން ފެށިގެން ހުވަފެންތަކުގައި ކުލަ ޖައްސަން މަސައްކަތް ކުރި އެވެ. އާއިލާ އާ ދުރަށް ރިސޯޓަށް ގޮސް ވަޒީފާ އަދާކުރީ ރީތި މާދަމާއެއް ހޯދާށެވެ. ނަމަވެސް ތަގުދީރު ރޭވިފައި އެގޮތަކަށް ނޫނެވެ. އެއް ރޭ ޑިއުޓީ ނިންމާފައި އަނެއް ދުވަހުގެ މަސައްކަތަށް ނުކުންނަށް ހިތުލައިގެން ލޯ މަރާލި ނަމަވެސް އޭގެ ފަހުން އިންނަން ޖެހިފައި ވަނީ ގޮނޑީގައެވެ.
ރަޝީދުގެ ވާހަކަ ކިޔައިދިން އޭނާގެ ޅިޔަނު އަހުމަދު ސުޖާއު ބުނި ގޮތުގައި ރަޝީދަށް ނުހިނގުނީ މަސައްކަތް ކުރުމަށްފަހު އަރާމުކޮށްލަން ޖައްސާލައިގެން އޮއްވާ ހަށިގަނޑަށް ގޮތްތަކެއް ވުމަށް ފަހު އެވެ. އޭގެ ފަހުން އޭނައަކަށް ނުހިނގެ އެވެ. އެއީ 1992 ވަނަ އަހަރެވެ.
އޭރު ރާއްޖޭގެ ސިއްހީ ނިޒާމް އޮތީ މިހާރު އޮތް ފެންވަރާ އަޅާ ބަލާއިރު އެތައް ތަނެއް ފަހަތުގަ އެވެ. އެކަމަކު އޭރުވެސް މާލެ އައިސް ފަރުވާ ހޯދި އެވެ. ޑޮކްޓަރުން ބުނީ މާބޮޑަށް ފިނި ބޮޑުވެގެން ލޭގެ ޕްރެޝަރު ދަށްވެ އެކަށީގެންވާ ވަރަށް ލޭ ދައުރު ނުކުރަނީ ކަމަށެވެ.
ބޭހުން އެއްވެސް ލުޔެއް ނުލިބުމުން އޭޑީކޭއަށް ދިޔަ އެވެ. ރަޝީދަށް ނުހިނގުނު ސަބަބު ދެނެގަނެވުނީ އެހާ ހިސާބުންނެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނީ ނާރުގެ މައްސަލައެއް ކަމަށެވެ. ރާއްޖެއިން ބޭރަށް ގޮސް އެކަށީގެންވާ ފަރުވާއެއް ނުހޯދިއްޖެނަމަ އުމުރު ދުވަހަށް ގޮނޑީގައި އިންނަން ޖެހިދާނެ ކަމަށެވެ. އެ އާއިލާއަކީ މާ ތަނަވަސް އާއިލާއަކަށް ނުވެފަ އަދި ރަޝީދަށްވެސް ފައިސާއެއް ރައްކާކުރެވިފައި ނެތުމުން ބޭރަށް ގޮސް ފަރުވާ ކުރަން ދަތިތަކެއް ކުރިމަތިވި އެވެ. ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ކުރެވުނީ އޭޑީކޭގައި ހަ މަސް ވާންދެން ފަރުވާ ކުރުމަށް ފަހުގަ އެވެ.
އޭޑީކޭއިން ދިން އިރުޝާދައި އެއް ގޮތަށް ސްރީލަންކާއަށް ގޮސް އޮޕަރޭޝަން ކުރި ނަމަވެސް ރަޝީދު ބޭނުންވި ފަދަ ޖަވާބެއް ނުލިބުނެވެ. އެނބުރި ރަށަށް އައީ ދުވަހަކުވެސް ހިނގޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ބުނެ ޑޮކްޓަރު ދިން ޖަވާބާއެކު މާޔޫސް ވެގެނެވެ. އެހެން ނަމަވެސް ރަޝީދުގެ ހިތްވަރު ދެރައެއް ނުކުރެ އެވެ. އުންމީދު ކަނޑައެއްނުލަ އެވެ. ޝިފާ ދެއްވަނީ އެހެން ފަރާތަކުންކަން އެންމެ ވަގުތުކޮޅަކަށް ވެސް އޭނަގެ ހަނދާނުން ކައްސާނުލަ އެވެ.
ދީލަތި އެތައް ބައެއްގެ އެހީތެރިކަމާއެކު އިތުރު ފަރުވާއަކަށް ރަޝީދަށް އިންޑިއާއަށް ދެވުނީ 2003 ވަނަ އަހަރެވެ. އެފަހަރު ކުރި އޮޕަރޭޝަނަށްފަހު ފިޒިއޯ ހަދައިގެން ހިނގޭނެ ކަމުގެ އުންމީދު ޑޮކްޓަރުން ދިނެވެ. އިންޑިއާގައި ތިބި ދުވަސްކޮޅު ފިޒިއޯ ހަދައިގެން ރަނގަޅު ނަތީޖާތަކެއްވެސް ލިބުނެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާއި ހުރެ އަނބުރާ މާލެ އަންނަން ޖެހުނީ އެވެ. ރާއްޖެއިން އެންމެ އެކަށީގެންވާ ގޮތަކަށް އެކަން ކުރެވޭކަށް ނެތެވެ.
އެހެން ކަމުން އަނެއްކާވެސް ކުރީގެ ހާލަތަށް އޭނަ ރުޖޫއަވީ އެވެ. އިތުރަށް އޭނަގެ ހާލު ދިޔައީ ގޯސްވަމުންނެވެ. އެތައް ބައެއްގެ އެހީތެރިކަމާއި އާސަންދައިގެ އެހީތެރިކަމާއެކު މި އަހަރުވެސް އިންޑިއާއަށް ގޮސް އިތުރު އޮޕަރޭޝަނެއް ކޮށްފި އެވެ. މި ފަހަރުވެސް ޑޮކްޓަރުން ވަނީ އޭނާއަށް ހިނގޭނެ ކަމުގެ އުންމީދު ދީފަ އެވެ. ނަމަވެސް އަދިވެސް އިތުރު ފަރުވާ ކޮށްފިނަމަ އޭނާއަށް ހިނގޭނެ އެވެ.
އެހެން ނަމަވެސް މިއަދު ރަޝީދުގެ ހާލުވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ދިފާއީ ނިޒާމް ބަލިކަށިވެފަ އެވެ. ކުޑަކަމު ދިއުމަށް ޔޫރިން ބޭގް ގުޅާފައި ހުންނައިރު ފުރަގަސް ފަރާތް ފާރުވެފައި ހުންނަތާ ހަތަރު މަހެއްހާ ދުވަސްވީ އެވެ. އެކަށީގެންވާ ފަރުވާއެއް ނުދެވިއްޖެނަމަ ކެންސަރަށް ބަދަލުވެދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން އޮތީ ދީފަ އެވެ.
ރަޝީދުގެ ފަރުވާއަށް ކުރިންވެސް އިންޑިއާއިން ފަރުވާކުރި އަމްރިތާ ހޮސްޕިޓަލަށް ދިއުމަށް ޑޮކްޓަރުން އޮތީ އިރުޝާދު ދީފަ އެވެ. ފަރުވާއަށް ބޭނުންވާ ފައިސާ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. ރަޝީދުގެ އޮޕަރޭޝަނަށް އެކަނިވެސް 1،500 އެއްހާ ޑޮލަރު ހަރަދުވާނެ ކަމަށް ޑޮކްޓަރުންވަނީ ލަފާ ދީފަ އެވެ. އާސަންދައިގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އާސަންދައިން އެހީތެރިކަން ލިބިއްޖެނަމަ 2،500 ވަރަކަށް ޑޮލަރުން ހުރިހާ ފަރުވާއެއް ކުރެވޭނެ އެވެ. އެހެން ނަމަވެސް އާސަންދަ ހަމަޖެހޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ސުޖާއު ބުންޏެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގޮތުގައި އެކަށީގެންވާ ފަރުވާއަކަށް އެދި ރަޝީދު އާދޭސް ކުރާތާ 25 އަހަރުވީ އެވެ. ރަޝީދު އެދެނީ ތިފަރާތްތަކުގެ ދީލަތި އެހީ އަށެވެ.