އައްޑު އަތޮޅު ހިތަދޫއަށް އުފަން އިބްރާހިމް މޫސާ (54އ) އާއި އޭނާގެ އަންހެނުން ހަމަ އެރަށު ޝާދިޔާ މޫސާ (50އ) އަކީ ތިން ކުދިންނާއި އެކު ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުން އައި ދެމަފިރިންނެވެ. އިބްރާހިމް މޫސާ އަކީ މީގެ ކުރިން ވަރަށް ހީވާގި މަސައްކަތްތެރިއެކެވެ. އެގޮތުން، އޭނާ ދެހާހުގެ އަހަރުތަކުގައި މާލޭގައި ބޮޑެތި ލޮރީ އާއި ޕިކަޕާއި ކާރު ދުއްވުމުގައި އުޅުނެވެ.
ދެހާސް އަށް ވަނަ އަހަރާއި ހަމަޔަށް މިފަދަ ބުރަ މަސައްކަތްކޮށްގެން ދިރިއުޅުން ބިނާ ކުރަމުންދިޔަ މި ކުޑަ ކުޑަ އާއިލާ އަށް ހިތާމައިގެ ބޮޑު ރާޅެއް ބިންދާލީ އިބްރާހިމްގެ ލޮލަށް އަރާފައިވާ މަސްކޮޅެއް ނެގުމަށް ކުރި އޮޕަރޭޝަނަށް ފަހު އެވެ. މި އޮޕަރޭޝަނަށްފަހު އިބްރާހިމްގެ ހަޔާތް އަނދިރިވި އެވެ. އޭނާގެ ލޮލުގެ ފެނުން ގެއްލުނީ އެވެ. ހަޔާތުގެ ބޮޑުބައި އާއިލާއަށްޓަކާ ބޮޑެތި ގުރުބާނީތައްވަމުން އައި އިބްރާހިމްގެ ދޮށީ ދަރިއަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. އެއާއެކު، ލޮލުގެ ފެނުމުން މަހުރޫމުވިނަމަވެސް އަނބިމީހާގެ އެހީތެރި ކަމާއެކު ދިރިއުޅެވެ އެވެ.
"ލޯފަން މީހެއްކަން އިހްސާސްނުވާ ވަރަށް އަޅާލުމާއި ލޯބި ޝާދިޔާގެ ފަރާތުން ލިބެމުންދިޔަ. ނަމަވެސް އަޅުގަނޑުގެ ހަޔާތް ފުނޑުވެގެން ދިޔައީ ލޯބިވާ އަނބިމީހާ އަށް ސްޓްރޯކެއް ޖެހި އެއްފަޅި ވާގި ނެތިގެންދިޔަ ހިސާބުން." އިބްރާހިމް އޭނާގެ ވާހަކަ ހިއްސާކުރަން ފަށަމުން ބުނެލި އެވެ.
އިބްރާހިމް ބުނީ އޭނާގެ އަނބިމީހާއަކީ ވަރަށް ހީވަގި އަދި ގޭތެރޭގެ މަސައްކަތް ކުރުމުގައި އަވަދިނެތި އުޅެމުން އައި މީހެއް ކަމަށެވެ. އޭނާ ބުނީ އެއްދުވަހު ހެނދުނު ތެދުވިއިރު ޝާދިޔާ އަނގައިން ނުބުނެ އެއްވެސް ހަރަކާތެއް ނެތި ހުއްޓިފަ އޮތް ކަމަށެވެ.
"އެހިސާބުން އަޅުގަނޑު ހީކުރީ މަރުވީކަމަށް. ވަރަށް ހިތްދަތިވި އެވަގުކޮޅުގަ. އަޅުގަނޑު އަވަހަށް އާއިލާ މީހެއްގެ އެހީތެރި ކަމާއެކު އެމްބިއުލާންސަށް ގުޅައިގެން އޭނަ ގެންދިޔައީ ހޮސްޕިޓަލަށް. ދެން އެތާނގަ ދެ ހަފްތާވަރު ބޭއްވި. އޭރުވެސް އަލޫގަނޑު އަންހެނުންނަށް ވީގޮތެއް ނޭނގެ. ޑޮކްޓަރުން ބުނީ މާލެ ގެންދާށޭ. ދެން މާޅެ އައިސް އައިޖީއެމްއެޗްގަ މަހަކަށްވުރެ ގިނަ ދުވަސް ވަންދެން އެތާނގަ ބޭއްވި. އެތައް ޓެސްޓެއް ހެދި" އިބްރާހިމް ކިޔައިދިނެވެ.
"އެކަމަކު މައްސަލައެއް އުލޭ ކަމަކަށް ނުދައްކާ. ދެން އޭޑީކޭއަށް މިދިޔައީ. އެތަނުން އެމްއާރްއައި ހެދީ. އެތަނުންވެސް ދިނީ ހަމަ އެއް ޖަވާބެއް. ދެން ބުނީ އަޅުގަނޑު ދުވަހަކުވެސް އުންމީދު ނުކުރާފަދަ ޖަވާބެއް. ބުނީ އަޅުގަނޑުގެ އަންހެނުން މަކަރު ހަދަނީއޭ."
އޭނާ ބުނީ އޭޑީކޭ އިން ދިން ޖަވާބާއެކު އަނބުރާ ރަށަށް އައިސް ހުއްޓާ އޭގެ ހަފްތާއެއްވަރު ފަހުން ޝާދިޔާ ނިދާ ހޭލާފަ ތިމަންނަ އަށް ނުތެދުވެޔޭ ބުނި ކަމަށެވެ. އަދި ވަގުތުން ހިތަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭރު ސްޓްރޯކެއް ޖެހިފައިވާ ކަމެއް އެނގިފައިނުވާ ކަމަށެވެ. ނަމަވެސް އަނބިމީހާގެ ހާލު އިތުރަށް ގޯސްވާތީ އަނެއްކާ ޥެސް މާލެ އައިސް އައިޖީއެމްއެޗަށް ދެއްކި ކަމަށެވެ. ނަމަވެސް އެ ވަރުން ވެސް ބަލި ދެނެނުގަނެވޭ ކަމަށެވެ.
އިބްރާހިމް ބުނީ ރާއްޖޭން އޭނާގެ އަންހެނުންނަށް ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން އޭނާ ގޮވައިގެން ރާއްޖެއިން ބޭރަށް ދާން ނިންމި ކަމަށެވެ. ދެން އާއިލާ އާއި އަވަށްޓެރިންގެ އެހީތެރިކަމާއެކު އޭނާ ގޮވައިގެން އިންޑިއާއަށް ދިޔަ ކަމަށްވެސް ބުންޏެވެ. އަދި ބުނީ އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ޝާދިޔާ އަށް ސްޓްރޯކެއް ޖެހިފައި ހުރި ކަމަށް ބުނި ކަމަށާއި އަދި ރާއްޖޭގެ ތިބީ ކޮންކަހަލަ ޑޮކްޓަރުންތޯވެސް އިންޑިއާއިން ސުވާލު ކުރި ކަމަށް އޭނާ ބުންޏެވެ.
އިބްރާހިމް ބުނީ ޝާދިޔާއަށް ސްޓްރޯކެއް ޖެހުނު ފަހުން އެކަމަށް ފަރުވާއެއް ހޯދުމަށް ގާތްގަނޑަކަށް ފަސް ފަހަރު މިހާރު އިންޑިޔާގައި ހޭދަވެއްޖެ ކަމަށާއި ކޮންމެ ފަހަރަކު ވެސް ދަނީ ހެޔޮ އެދޭ އެތައްބައެއްގެ ފަރާތުން އެހީ ލިބިގެންނެވެ. ޝާދިޔާގެ މި ބައްޔަށް ރާއްޖޭން ބޭރުން ފަރުވާ ކުރުމަށް އާސަންދައެއް ނުލިބޭއިރު، އެންސްޕާގެ އެހީވެސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. ޝާދިޔާ ބައިންދާނެ ފުރޮޅުލީ ގޮނޑިވެސް ހޯދީ ބޭސް ފިހާރައެއްގެ ވެރި މީހާ ކައިރީ އާދޭސް ކޮށްގެން ކަމަށް އޭނާ ބުންޏެވެ.
އިބްރާޙިމް ކިޔައިދިން ގޮތުގައި ދިރިއުޅުމަށް ކުރަންޖެހޭ އެއްވެސް ކަމެއް މިހާރު ނުކުރެވޭ ކަމަށެވެ. ކައިގެން ބޮއެގެން އުޅެވެނީ އާއިލާ މީހުންގެ އެހީތެރި ކަމާއެކު އެވެ. އުމުރުން 18 އަހަރު ފުރިފައިވާ ކުއްޖާ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމަށާއި ދެން ތިބެނީ 18 ނުފުރޭ ކުޑަ ދެކުދިން ކަމަށްވެސް ބުންޏެވެ.
އިބްރާހިމް ބުނީ އިންޑިއާއިން ބޭސް ކުރަން ފެށިފަހުން ޝާދިޔާގެ ބައްޔަށް ވަރަށް ބޮޑަށް ކުރިއެރުން އަންނަކަމަށާއި އަލުން ޑޮކްޓަރަށް ދައްކަން ދާން ޖެހިފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު އަތްމަތި ދަތިވެފައިވުމުގެ ސަބަބުން ޝާދިޔާގެ ފަރުވާ އަށް އިންޑިއާއަށް ފުރޭ ގޮތެއް ވެފައިނުވާ ކަމަށް ބުންޏެވެ. އެހެން ކަމުން އިބްރާހިމް އެދެނީ ދީލަތި އެހީތެރި ކަމެވެ.