ރިޕޯޓް

ކިޑްނީ ފެއިލްވެ ތުއްތު އުދައްޔުއަށް އުނދަގޫ ހަޔާތެއް

އުމުރުން 10 މަހުގެ، އުދައްޔު ދާވޫދު ކޮންމެ ދުވަހަކު ވެސް 15-17 ގަނޑިއިރު ހޭދަވަނީ ޑައިލިސިސް ހެދުމުގެ ތެރޭގަ އެވެ. އެ ތުއްތު ދަރިފުޅުގެ ހިތުންވުން ފަނޑުވާ ކޮންމެ ފަހަރަކު އޭނާގެ މަންމަ، ބ ހިތަދޫ، އާމިނަތު ނަޝްފާ، ނަޝްގެ ލަނގޮޑިއަށް ފިތި ބާރުވެ އެވެ. އެ ތުއްތު ދަރިފުޅަށް ދުނިޔެއަކީ ކޮބައިކަމެއް ވެސް އަދި ނޭނގެ އެވެ. އެކަމަކު ހޮސްޕިޓަލްގެ ފާރުތަކާއި، އަޑާއި އަދި ތޫނު ކަށިތަކަށް އެ ދަރިފުޅު ފަރިތަވެ، ހޭނިއްޖެ އެވެ.

ބ ހިތަދޫއަށް އުފަން އާމިނަތު ނަޝްފާ އާއި މާލެއަށް ނިސްބަތްވާ އަހުމަދު ޝުޖާއުގެ ދުނިޔެއަކީ އެ މީހުންގެ ލޮލެއް ފަދަ ދެކުދިންނެވެ. އެއީ ދޮއްޓަށް ލިބުނު ނުވަ އަހަރުގެ ފިރިހެން ދަރިފުޅާއި، އުމުރުން އަދި އެންމެ ދިހަ މަހުގެ ތުއްތުއްތު އުދައްޔު އެވެ. ފުރަތަމަ ދަރިފުޅު ލިބުނުތާ ނުވަ އަހަރުފަހުން އާއިލާއަށް އިތުރު އުފާވެރިކަން ގެނެސްދިނީ ތުއްތު އުދައްޔު އެވެ. އެއީ ވިހޭ އިރުވެސް ފެންނަ ފެނުމަށް ދުޅަހެޔޮ ލޯބި ކުއްޖެކެވެ.

ނަމަވެސް ހަތަރު މަހުގައި އާދަޔާ ހިލާފަށް ދަރިފުޅު ކެއްސައި ހޮޑުލާތީ ޑޮކްޓަރަށް ދައްކަންޖެހުނެވެ. ފުރަތަމަ ހީކުރީ އާދައިގެ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެ އުމުރުގެ ކުޑަ ކުއްޖަކަށް ބަލައި، އުދައްޔު އާދަޔާ ހިލާފަށް މަދުން ކުޑަކަމުދާކަން ފާހަގަކުރެވިގެން އަނެއްކާވެސް ދާންޖެހުނީ ޑޮކްޓަރަށެވެ. މިފަހަރުގެ ކަންތައް ވީ ޑޮކްޓަރުންނަށް ވެސް އާދައިގެ ކަމަކަށް ނޫނެވެ. އެހެންކަމުން ކިޑްނީގެ ޓެސްޓުތަކެއް ހެދުމަށްފަހު ލިބުނު ނަތީޖާ ދެފަހަރެއްގެ މަތިން ޔަގީންކުރަން އިތުރު ޓެސްޓުތަކެއް ހެދި އެވެ. އެ ޓެސްޓުތަކުގެ ނަތީޖާއާ އެކު ނަޝްފާގެ ދެ މަފިރިންގެ ހަޔާތް ބަދަލުކޮށްލި އެވެ. ތުއްތުތުއްތު އުދައްޔުއާ އެކު އެ މީހުންގެ ގިރާކުރަން އޮތް އުނދަގޫ ރާސްތާ އޭނާއަށް އަންދާޒާ ކުރެވި ގިސްލަ ގިސްލާރުޔެވެ.

ތުއްތު އުދައްޔުގެ ކިޑްނީ ޓެސްޓުތަކުން ޑޮކްޓަރުންނަށް ދެނެގަނެވުނީ ވަރަށް މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެކެވެ. ޕްރައިމަރީ ހައިޕެރޯޒަލޫރިއާ ޓައިޕް 1 ނަމަކަށް ކިޔާ މި ބައްޔަކީ ކިޑްނީގެ ދުވަސް ދުއްވާލާ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގައި، ކިޑްނީ އިން ފިލްޓާކޮށް ކުޑަކަމުދާ ތަކެތީގައި ހިމެނިގެން ހަށިގަނޑުން ބޭރުކޮށްލާ އޮކްސަލޭޓް ކިޔާ މާއްދާއެއް ހަށިގަނޑުގައި އިތުރުވެ އެވެ. އަދި އިތުރުވާ އޮކްސަލޭޓް އާއެކު ކިޑްނީ އާއި ބްލެޑާގައި ހިލަ އުފެދެން މެދުވެރިވެ، މާގިނަ ދުވަހެއް ނުވެ ކިޑްނީ ފެއިލްކޮށްލަ އެވެ.

މި ބަލީގެ އެންމެ ފަހު ސްޓޭޖްގެ ފަރުވާއަކީ ކިޑްނީ އާއި ލިވާ އެއްކޮށް ޓްރާންސްޕްލާންޓްކުރުމެވެ. އެއީ އަގު ބޮޑު އެހާމެ ނުރައްކާ ވެސް ބޮޑު އޮޕަރޭޝަނެކެވެ. އެކަމަކު 10 މަހުގެ އުދައްޔުގެ މުސްތަގުބަލު އޮތީ އެ ރިސްކް ނަގައިގެން އެވެ.

ތުއްތު އުދައްޔުގެ ދެ ކިޑްނީގެ މަސައްކަތް ނިމުމަކަށް އައިސް، ކުޑަކަމުދިޔުން މުޅިން ހުއްޓި، ކުއްޖާ މާ ބޮޑަށް ދުޅަވާން ފެށުމުން ވީ އެންމެ އަވަހަކަށް ފަރުވާއަށް ބޭރަށް ފުރަން ޖެހުނީ އެވަގުތު ރާއްޖޭގައި ހުންނެވި ޑޮކްޓަރު ރާއްޖެއިން ބޭރުގައި ހުރުމާއެކު ކޭސްގެ ސީރިއަސްކަމުން އޭޑީކޭ ހޮސްޕިޓަލްގެ ބޮޑު އެހީތެރިކަމާ އެކު، އެއް ދުވަސްތެރޭ އާސަންދަ ހަމަޖެހިގެންނެވެ.

"ސީދާ ބައްޔަކީ ކޮބައިކަން ދެނެގަނެވުނީ އިންޑިޔާއިން ސާމްޕަލް ނަގައިގެން ޖަރުމަނުން ހެއްދި ޓެސްޓުގެ ނަތީޖާ ލިބުމުން. އެއިން އެނގުނު ގޮތުގައި ބޭބީގެ ދެ ކިޑްނީ ފެއިލްވެފައިވާ ރޭޓަކީ އެ ބަލީގައިވެސް އުމުރުގެ ކުއްޖެއްގެ ކިޑްނީ ފެއިލް ނުވާހާ ހަލުވި ރޭޓެއް،" ނަޝްފާ ކިޔައިދިނެވެ.

އުދައްޔުގެ ކިޑްނީގެ މަސައްކަތް ހުއްޓި ބަލި ކަށަވަރުވުމާއެކު ބަނޑަށް ހޮޅިއެއް ލައްވައި ޑައިލިސިސް ފެށުނެވެ.

"ޑައިލިސިސް ފެށިފަހުން ވެސް ރާއްޖެއަށް އައިން. އެކަމަކު ދަރިފުޅު ވަރަށް ބަލިވާތީ މެނޭޖް ނުކުރެވިގެން ލަންކާއަށް ބަދަލުވީ. ފިރިމީހާއަށް ވެސް މަސައްކަތްކުރުން ހުއްޓާލަންޖެހުނީ. އަޅުގަނޑު ވަޒީފާއަށް ނުދާތާ ނުވަ އަހަރު ވެއްޖެ. އަޅުގަނޑުމެން މިކޮޅުގެ ހަރަދުތައް މި ހަމަޖައްސަނީ ހަމައެކަނި އާއިލާއާއި ރައްޓެހިންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމުން،" ނަޝްފާ ކިޔައިދިނެވެ.

ނަޝްފާގެ ދެމަފިރިންނާއި އުދައްޔު، އަށް ދެން އޮތީވެސް ބޮޑު އިމްތިހާނެކެވެ. ކިޑްނީއާއި ލިވާ އެއްކޮށް ޓްރާންސްޕްލާންޓްކުރުމަކީ ވެސް އުނދަގޫ މަރުހަލާއެކެވެ. ނަމަވެސް އެ ދެމަފިރިންގެ އުންމީދު ފަނޑެއް ނުވެ އެވެ. ތުއްތު އުދައްޔުގެ ވެސް އުންމީދަށް ފަނޑުކަމެއް ނާދެ އެވެ. ވޭނުގައިވެސް އެއީ ފޮޅުފައި އޮންނަ މަލެއް ފަދަ ތުއްތު ކުއްޖެކެވެ. ނަޝްފާގެ ރިހޭ ހިތުގެ ފަރުވާއަކީ އޭނާގެ ބަލި ދަރިފުޅުގެ ތުންފަތް މަތިން އަބަދު ފިލައިގެން ނުދާ ހިނިތުންވުމެވެ.

"އަޅުގަނޑުގެ ބޭބީ އަކީ ވަރަށް ހިއްވަރުގަދަ ކުއްޖެއް. އަބަދު ހީލާފަ ހިނިތުންވެފަ އޮންނާނީ. އެހެންވެ، އޭނަގެ ހިނިތުންވުން ފިލާ ގަޑިއެއްނަމަ އަޅުގަނޑުގެ ހިތް ބިރުގަނޭ. ދަރިފުޅުގެ ހިނިތުންވުން ފިލާނީ ލައްކަ ވޭން އަޅާތީކަން އިހުސާސްކުރެވޭ،" ދަރިފުޅުގެ ވޭންތަކަށް ލުޔެއް ލިބުމަކީ ނަޝްފާގެ އަބަދުގެ ދުއާ އެވެ.

އުދައްޔުގެ ފަރުވާއަށް ވަޒީފާއިން ވަކިވެގެން ލަންކާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ނަޝްފާގެ ދެމަފިރިން މިހާރު ވަނީ ފައިސާގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފަ އެވެ. އެ މީހުން އާދޭސް ކުރަނީ ދީލަތި އެހީއަށެވެ.

"ފައިސާއިން އެހީ ނުވެވޭ ފަރާތްތަކުގެ ދުއާ އަކީ ވެސް މިވަގުތު އަޅުގަނޑުގެ ދަރިފުޅަށް އެހީއެއް. މިހާރުވެސް އަޅުގަނޑު ޝުކުރު އަދާކުރަންޖެހޭ މީހުން އެތައް ބައިވަރު. އަޅުގަނޑުމެންގެ ހެޔޮ އާއިލާއާއި ރައްޓެހިންނާއި އެހީ ދޭ ހުރިހާ ފަރާތްތަކަށް އަބަދުވެސް ހެޔޮކަން ދެއްވުން އެދި ދުއާކުރަން،" ނަޝްފާ ބުންޏެވެ.

މުހައްމަދު ޝުޖާއު (އުދައްޔުގެ ބައްޕަ)
ރުފިޔާ އެކައުންޓް: 7704140918001
ޔޫއެސް ޑޮލަރު އެކައުންޓް: 7704140918002
ފޯނު ނަންބަރު: މުހައްމަދު ޝުޖާއު (އުދައްޔުގެ ބައްޕަ) ވައިބާ 7866418