ހަބަރު

ފައިސާ ދައްކާލަން މިހާރު ބޭނުންވަނީ އިނގިލި!

މިހާރު ދުނިޔޭގައި ބާރަށް ކުރިއަރަމުން އަންނަ ބަޔޯމެޓްރިކް ދާއިރާއިން އިނގިރޭސިވިލާތުގައި މުޅިން އާ ކަމެއް ތައާރަފް ކޮށްފިއެވެ. އެއީ މީހުންގެ އިނގިލި ކުރީގައިވާ ހިމަ ނާރުތަކުން އެމީހުން އެއީ ކޮންބައެއްކަން ދެނެގަނެ، އެކައުންޓްގެ ތަފުސީލަށް ގޮސް، ފައިސާ ކަނޑައިލުމެވެ.

މުޅި ދުނޔެއިން ވެސް އެންމެ ފުރަތަމަ މި ޓެކްނޮލޮޖީ ބޭނުންކުރަން ފެށި ސުޕަމާކެޓުން އެއްޗެއް ގަންނަން ދާއިރު ފައިސާ ކީއްކުރަން ކާޑެއް ވެސް ގެންދާކަށް ނުޖެހެއެވެ. ލަންޑަނުގައިވާ ބްރޫނެލް ޔުނިވާސިޓީގެ ކޮސްޓްކަޓާ ސްޓޯރުން އެއްޗެއް ގަންނަ މީހާ އެ އެއްޗެއްގެ އަގު ދައްކަން (އެ ނިޒާމުގައި ބައިވެރި ވެފައިވާ ނަމަ) ކުރަން ޖެހޭނެ ކަމަކީ ކައުންޓަރުގައިވާ ޑިވައިސްއެއްގައި އިނގިލި ޖައްސައިލުމެވެ.

އިނގިލީގެ ހިމަ ނާރުތަައް (ވެއިންތައް) ސްކޭންކޮޮށްލާ "ފިންގޯޕޭ" ސްކޭނަރުތައް ތައާރަފް ކުރަން އެ ޓެކްނޮލޮޖީ ތަރައްގީ ކުރި ސްޓާލާ ނަަމަކަށް ކިޔާ ކުންފުނިން މިހާރު އަންނަނީ އިނގިރޭސި ވިލާތުގެ ބޮޑެތި ބައެއް އެހެން ސުޕަމާކެޓް ތަކާ ވެސް ވާހަކަ ދައްކަމުންނެވެ.

އެ ނިޒާމު މަސައްކަތް ކުރަނީ ކިހިނެތް؟

އެ ނިޒާމުގެ ބޭނުން ހިފުމަށް ފުރަތަމަ ކުރާ ކަމަކީ އިންފްރާރެޑް ބޭނުން ކޮށްގެން މީހުންގެ އިނގިލިތައް ސްކޭން ކޮށްލުމެވެ. އެއަށް ފަހު މީހާގެ ނާރުތަކުގެ ބަޔޯމެޓްރިކް މެޕް ގުޅުވައިލަނީ މީހާގެ ބޭންކް ކާޑާ އެވެ. އަދި ކާޑުގެ ތަފުސީލުތައް ފޯރުކޮށްދެނީ ޕޭމެންޓް ޕްރޮވައިޑާ "ވޯލްޑް ޕޭ" އަށެވެ. މިއީ ހަމަ އޮންލައިންކޮށް ތަކެއްޗަށް އަގު ދެއްކުމުގައި ވެސް ކަންތައް ހަމަ ޖެހިފައި އޮންނަ ފަދަ އުސޫލެކެވެ.

އެ އިންްތިޒާމްތައް ހަމަ ޖެއްސުމަަށް ފަހު ހިދުމަތްދޭ ސުޕަމާކެޓުން އެއްޗެއް ގަންނަން ދާއިރު އަގު ދައްކަން ގެންދަން ޖެހޭނެ ހަމައެކަނި އެއްޗަކީ އިނގިއްޔެވެ. އިނގިލި ބޭނުންކޮށްގެން ފައިސާ ދައްކާލުމަށް ހޭދަވާނީ ވެސް އެންމެ ތިން ސިކުންތެެވެ.

ސްޓާލާއިން ބުނީ ފިންގަވެއިން ސްކޭނިން އަކީ ޖަޕާނުގައި އޭގެ ރަނގަޅުކަން ކަށަވަރުކޮށްފަައިވާ ޓެކްނޮލޮޖީއެއް ކަމަށެވެ.

ފައިދާ

ފިންގަ ވެއިން ސްކޭނިން ތައާރަފްވެފައި މިވަނީ ސްމާޓްފޯނުތަކުގައި ފިންގަޕްރިންްޓް ރިކޮގްނައިޒް ކުރުމުގެ ނިޒާމުތަކަކީ ވެސް ހެކް ކުރެވޭ ނިޒާމުތަކެއް ކަމަށް ދިރާސާތަކުން ދައްކާފައިވާ ދުވަސްވަރެއްގަ އެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި އިނގިލި ކާއްތާލުމުން ހުންނަ ފާހަގަ ކޮޕީ ކޮށްގެން ވެސް އެފަދަ ނިޒާމުތަކަށް ވަދެ ގަނެވެ އެވެ.

ސްޓާލާއިން ބުނެފައި ވަނީ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަން މެތަޑްތަކުގެ ތެރެއިން އެންމެ ރައްކާތެރި ގޮތަކީ ވެއިން ޓެކްނޮލޮޖީ ކަމަށެވެ. އެހެނީ އެއީ ކޮޕީވެސް ނުކުރެވޭނެ، ވަގަށް ވެސް ނުނެގޭނެ ނިޝާނެކެވެ.

ދަ ޑެއިލީ ޓެލެގްރާފް ނޫހާ ވާހަކަ ދައްކަމުން ކޮމާޝަލް ޑައިރެކްޓަރު ސިމޯން ބިންސް ބުނެފަައި ވަނީ މަރުވެފަައިވާ އިނގިއްޔެއް ބެނުންކޮށްގެން ނިޒާމުގެ ތެރެއަށް ދެމި ނުގަނެވޭނެ ކަމަށެވެ. އެހެންވީމާ ހައްދުފަހަނަ އަޅާފައި ހުރި ވަގަކު މީހެއްގެ އިނގިލި ބުރިކޮށްލައިގެން ގެންދިޔަސް އެކައުންޓްގައި ހުރި ފައިސާކޮޅު އެ ވަގުގެ އަތަކަށް ނާރާނެއެވެ.

"އިނގިލި ޖައްސައިލުމުން ސްކޭނަރުން ބަލާނެ ތިބާ ދިރިހުރިތޯ؟ ވިންދު ޖަހާތޯ ބަލާނެ، ހިމޮގްލޮބިން އަށް ބަލާނެ. ތިބާގެ ވެއިން ޕެޓާން ވާނީ ރައްކާތެރި ކުރެވިފައި. އެހެނީ އެމައުލޫމާތު ޑާޓާބޭސްގައި ރައްކާކުރެވިފައި ވާނީ އެންކްރިޕްޓެޑް ފޯމްގައި، ބައިނަރީ ނަމްބަރުތަކެއްގެ ގޮތުގައި. ކާޑުގެ އެއްވެސް މައުލޫމާތެއް އަހަރެމެންގެ އަތަކުވެސް އަދި ރީޓެއިލަރުންގެ އަތަކުވެސް ނުހުންނާނެ. އެމައުލޫމާތު ހުންނާނީ 'ވޯލްޑްޕޭ' ގައި. މިއީ އޮންލައިންކޮށް އަގު ދައްކާ އިރުވެސް ކަން އޮންނަ ގޮތް،" ބިންސް ބުނެފައި ވެއެވެ.

ސްޓާލާ އިން ބުނީ ބްރޫނެލް ޔުނިވާސިޓީގެ ގިނަ ދަރިވަރުންތަކެއް އެނިޒާމުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. އެތަނުގެ 13000 ދަރިވަރުންގެ ތެރެއިން 3000 ދަރިވަރުން މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް އެ ނިޒާމުގައި ބައިވެރިވާނެ ލަފާ ކުރެވޭ ކަމަށް ވެސް ބުންޏެވެ.