ރިޕޯޓް

ބަލި މަންމައަށްޓަކައި އަންހެން ދަރިއަކު ދެކޭ ހުވަފެން

ދިރިއުޅެނީ އައިޖީއެމްއެޗްގެ ޕްރައިވެޓް ރޫމެއްގަ އެވެ. ހުރިހާ ވަގުތެއް ބަލި މަންމަގެ ހިދުމަތުގަ އެވެ. އެއް ގަޑިއެއްގައި ވެސް މަންމަ އެކަނި ދޫކޮށްނުލަ އެވެ. ޒުވާނުން އުމުރުގައި މުޅި ހަޔާތް ހޭދަކުރަމުން ދަނީ އެ ކުޑަ ކޮޓަރީގަ އެވެ. އުފަލާއި މަޖާ ވަނީ އެކަހެރިކޮށް، އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މަންމައަށް ރަނގަޅު ގޮތެއް ހޯދައިދެވޭތޯ އެވެ. މިއީ ލ. ކަލައިދޫއަށް އުފަން އައިމިނަތު ޝަބާ ސަލީމްގެ ހާލަތެވެ. ޝަބާގެ މަންމަ ފާތިމަތު ވަހީދާއަކީ ވާގިނެތި ހިނގުމުން މަހުރޫމްވެފައިވާ އަންހެނެކެވެ.

ޝަބާއަކީ ފާތިމަތު ވަހީދާއަށް ލިބުނު ދެ ދަރިންގެ ތެރެއިން ހަގު ދަރި އެވެ. ދުނިޔޭގައި ހުރި ހަމައެކަނި ދަރި އެވެ. ޝަބާގެ ބޭބެ ވަނީ ޅައުމުރުގައި ނިޔާވެފަ އެވެ. ޝަބާ ވަރަށް ކުޑައިރުން ވެސް ފެންނަމުން ދިޔައީ މަންމަގެ ބަލި ހާލަތެވެ. އަބަދުހެން ފެންނަނީ މަންމަ ބަލިވެ އުޅޭތަނެވެ. ވަހީދާއަކީ ނާރުގެ މައްސަލައެއްގެ ސަބަބުން ސްޓްރޯކް ޖެހޭ މީހެކެވެ.

ބަލި ހާލަތުގައި އުޅުނު ވަހީދާއަށް 2004 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން އޭނާގެ އެއް ފަޅި ވާގި ނެތުނެވެ. އޭރު ޝަބާ އުޅެނީ ގުރޭޑް ހައެއްގަ އެވެ. މަންމަގެ ބަލި ހާލަތާ ގުޅޭ ގޮތުން މާބޮޑު އެއްޗެއް އޭނާއަކަށް ނޭނގެ އެވެ. ވާގި ނެތުނު ނަމަވެސް އޭރު ވަހީދާ އެއްޗެހީގައި ހިފައިގެން ހިނގާ އުޅެ އެވެ. އެފަދަ ބަލި ހާލަތުގައި ވަހީދާ އުޅުނު ނަމަވެސް އެއިން އެއްވެސް ކަމަކަށް ފަރުވާއެއް އޭރު ދެވިފައެއް ނުވެ އެވެ. ސްޓްރޯކަކަށްފަހު ސްޓޯރެކެއް ވަހީދާއަށް ޖެހެމުން ދިޔަ ނަމަވެސް އެއީ ކިހިނެއްވާ ކަމެއް ކަން ވެސް އޭރު ނޭނގެ އެވެ. އާއިލާއިން ވެސް އެކަމަށް މާބޮޑު ސަމާލު ކަމެއް އޭރު ދީފައެއް ނުވެ އެވެ. އެއްވެސް ވަރަކަށް ބޭހެއް ވަހީދާ ބޭނުންކޮށްފައެއް ނުވެ އެވެ.

ޝަބާއަށް ގޮތްގޮތް އެނގެން ފެށިއިރު މަންމަގެ ބަލި ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ. މަންމަ އެއްކޮށް ވާގި ނެތިއްޖެ އެވެ. އެއްގޮތަކަށް ނުހިނގި ބަލި އެނދަށް ވަހީދާއަށް އަރަން ޖެހުނީ 2012 ވަނަ އަހަރު އެވެ. އެ ދުވަހުން ފެށިގެން ވަހީދާއަށް ފަރުވާ ހޯދުމަށް ޝަބާ ގެންދަނީ ގަދައަޅާ މަސައްކަތް ކުރަމުންނެވެ. ރަށުން ދެވޭނެ ފަރުވާއެއް ނެތުމުން މަންމަ މާލެ ގެންނަން ޝަބާ ބޭނުންވި ނަމަވެސް އެކަމަށް އޭނާ އަތުގައި ފައިސާއެއް ނެތެވެ.

އެކި ގޮތްގޮތުން ކުރި މަސައްކަތުން މަންމަ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށީ މީގެ ނުވަ މަސް ކުރިންނެވެ. މިހާރު އުމުރުން 66 އަހަރުވެފައިވާ ވަހީދާ އައިޖީއެމްއެޗްގެ ޕްރައިވެޓް ރޫމްގައި އޮންނަތާ މިހާރު ނުވަ މަހެވެ. އެ ރޫމްގެ އަގަށް ކޮންމެ މަހަކު 13،000 އެއްހާ ރުފިޔާ ދައްކަންޖެހޭއިރު އެ ފައިސާ ދައްކާނެ ތަނަވަސްކަމެއް ވެސް ޝަބާގެ ނެތެވެ. މަންމަ އެ ރޫމްއިން ނެރޭނަމަ އެ ފައިސާ ދައްކަންޖެހޭއިރު އެކަމަށް އޭނާ އެހީ ބޭނުންވެ އެވެ. މިހާރު ވެސް އައިޖީއެމްއެޗްއިން ވަނީ ވަހީދާ ޑިސްޗާޖްކޮށްފަ އެވެ. ނަމަވެސް ވަހީދާ އެ ރޫމް ނުރެނެ ޝަބާ ގެންގުޅޭ ސަބަބަކީ ދާނެ އިތުރު ތަނެއް ނެތުމެވެ. އިތުރު ފަރުވާއަށް އިތުރު ތަނަކަށް ދިޔުމުގެ ގާބިލުކަމެއް އޭނާގެ ނެތެވެ. ފަރުވާއެއް ދެވެން ނެތް ރަށަށް މަންމަ ގޮވައިގެން އޭނާ ދާން ބޭނުމެއް ނުވެ އެވެ.

ރަށުގައި ހުރި މުސްކުޅި ބައްޕައަށާއި މަންމައަށް ލިބޭ އިނާޔަތުން ކެއިން ބުއިމުގެ ކަންކަން ޝަބާ ހަމަޖައްސަމުން ދިޔަ ނަމަވެސް މަންމައަށް ކުރަންޖެހޭ ބޮޑު ހަރަދު ހަމަޖެއްސޭނެ ގޮތެއް ނެތެވެ. މަންމަގެ ހިދުމަތުގައި އަބަދުމެ މަންމަ ކައިރީގައި އިންނަން ޝަބާއަށް ޖެހޭއިރު އާމްދަނީއެއް ހޯދުމަށް އޭނާއަށް ވަޒީފާއަކަށް ދެވެން ނެތެވެ.

ވަހީދާގެ ހާލު މިހާރު ވަރަށް ދެރަ އެވެ. ފަރުވާއެއް ނުލިބި އޮންނަން ޖެހުމުން ސިކުނޑީގައި ވެސް ވަނީ ފެން އުފެދިފަ އެވެ. އަތްފައިގައި އެއްވެސް ހަރަކާތެއް ނެތްއިރު ވަހީދާގެ ސިކުނޑީގައި އުފެދިފައިވާ ފެން ނެގުމަށް އޮޕަރޭޝަން ކުރެވޭ ވަރަށްވުރެ ވަހީދާގެ ހަށިގަނޑު ދެރަ އެވެ. އޮޕަރޭޝަން ކުރެވެން އޮތީ ހަށިގަނޑަށް ވަރުޖެހިގެނެވެ. އެކަމަށް ޑޮކްޓަރުން ލަފާދީފައިވަނީ ތެޔޮ ދަމާ، ދިވެހި ބޭސްކުރުމެވެ. މިފަހުން ޝަބާ ވަނީ ވަރަށް ބޮޑު ހަރަދުދީ ތެޔޮ ދަމާ މީހަކު ގެނެސް ވަހީދާގެ ގައިގާ ތެޔޮ ދަމާފަ އެވެ. އޭގަފަހުން ވަހީދާގެ ފަރާތުން ހަރަކާތްތައް ފެނިފައިވެ އެވެ. މޫނު މަތިން ހިނިތުން ވެސް ފެނުނެވެ. ނަމަވެސް އެކަމަށް ކުރަންޖެހުނު ހަރަދު ބޮޑެވެ. އަބަދަށް އެކަން ކުރާނެ ފައިސާއެއް އޭނާގެ އަތުގައި ނެތުމުން ހުއްޓާލަން ޖެހުނީ އެވެ. މިހާރު ވެސް ޝަބާ ބޭނުން ވަނީ މަންމަ ގައިގާ ތެޔޮ ދަމާ ދޭނެ މީހަކު ގެނެވޭ ވަރަށް ފައިސާގެ އިންތިޒާމް ހަމަޖެހުމެވެ. ނޫނީ ރަށަކަށް މަންމަ ގެންގޮސް ދިވެހި ބޭސް ކުރެވޭނެ ގޮތްވުމެވެ. އެއަށްފަހު މަންމަ ރަނގަޅުވެލީމަ ރާއްޖެއިން ބޭރަށް ގެންގޮސް މަންމަގެ އޮޕަރޭޝަން ކުރުމަކީ އޭނާ މަންމައަށްޓަކައި ދެކެމުން އަންނަ ހުވަފެނެވެ.

މަންމައާއެކު ކުޑަ ކޮޓަރިއެއްގެ ތެރޭގައި ހަޔާތުގެ ދުވަސްތައް ޝަބާ ގުނަމުންދާއިރު އާއިލާގެ ފަރާތުން އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދަނީ އޭނާގެ ދޮންބެ އެވެ. އެއީ ވަހީދާގެ ކޮއްކޮ އެވެ. އެ އާއިލާއަކީ މާލީ ގޮތުން ތަނަވަސް ބަޔަކަށް ނުވާތީ ޝަބާ ވަނީ އެހީ ހޯދުމަށް ސިޔާސީ ބޭފުޅުންނަށް ކައިރިއަށް ވެސް ގޮސްފަ އެވެ. މުއައްސަސާތަކަށް ވެސް ގޮސްފަ އެވެ. ނަމަވެސް މަންމައަށްޓަކައި އެދުނު އެހީ ލިބޭ ގޮތެއް ނުވެ އެވެ.

އިތުރު ގޮތެއް ނެތުމުން ޝަބާ އެދުނީ އާންމުންގެ އެހީއަށެވެ. މަންމަގެ ފޮޓޯ އާންމުކޮށް އެހީއަށް އެދެން އޭނާ މިހުރިހާ ދުވަހު ބޭނުންނުވެފައިހުރެ އެކަން ކުރީ މަޖުބޫރުވެގެންނެވެ. އެ ނޫން ގޮތަކުން އެހީއެއް ނުލިބުމުންނެވެ. އުމުރުން 24 އަހަރުގެ ޝަބާ، ހެޔޮ އެދޭ މީހުންގެ ފަރާތުން އެދެނީ އޭނާ، މަންމައަށްޓަކައި ދެކެމުންދާ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެމީހަކަށް ދެވެން އޮތް މިންވަރަކުން އެހީއެއްވެދިނުމެވެ.

ފާތިމަތު ވަހީދާއަށް އެހީވުމަށް

ފޯނު: 7643840 އަދި 9827577
އެކައުންޓް ނަމްބަރު: 7730000071891 AMTH.S.SALEEM/FATH.WAHEEDHA