ރިޕޯޓް

ފަތީނަށް އައްސަރިބަހަކާއި ސާބަހެއް!

ގައުމު ފަހުރުވެރި ކުރެވެނީ ވަކި ކަމަކުން ވަކި ކުޅިވަރަކުން ނޫނެވެ. ދިވެހިންގެ ހުނަރުވެރިކަމާއި ގާބިލުކަން ގިނަ ދާއިރާތަކުން ވަނީ އިތުރުވެފަ އެވެ. ރާއްޖެއަށް ރީތި ނަން ހޯދައިދީ، ޝަރަފު ގެންނަ ދިވެހިން މިހާރު މަދެއް ނޫނެވެ. އެ ލިސްޓަށް އިތުރުވެ، މިހާތަނަށް ދިވެއްސަކު ގެނެސްފައިނުވާ ވަރުގެ ބޮޑު ޝަރަފެއް ކެއްކުމުގެ ދާއިރާއިން ޝެފް އަހުމަދު ފަތީން މި ވަނީ ރާއްޖެ ގެނެސްފަ އެވެ.

ދުބާއީގައި ބޭއްވި "މާސްޓާ އޮފް ސީޒަނިން" މުބާރާތުގައި ވާދަކޮށް ފަހުރުވެރި އެއްވަނަ ފަތީން ހޯދާފައިވަނީ ސައުދި އަރަބިއާ، ޔޫއޭއީ، ޕާކިސްތާން، ލަންކާ، އިންޑިއާ އަދި މިސްރުގެ ޝެފުންނާ ވާދަކޮށެވެ. ފަތީން ފަހުރުވެރި އެއްވަނަ ހޯދާފައިވަނީ ތިން ކެޓަގަރީއެއްގައި ފަތީންގެ އަޖައިބެއްފަދަ ހުނަރު ދައްކާލައިގެންނެވެ.

ފަހުގެ ކެއްކެމުގެ އުކުޅުތައް ޕްރޮފެޝަނަލް ޝެފުން ކައިރިން ދަސްކުރުމަށް މި މުބާރާތުގައި ބައިވެރިވި ޝެފުންނަށް ހަ ދުވަހުގެ ކްލާސްތަކެއް ހިންގާފައިވެ އެވެ. އެއަށްފަހު ކުރިއަށް ދިޔައީ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ބުރެވެ. އެ ބުރުގައި ޖެހުނީ ސޭންޑްވިޗް ތައްޔާރުކުރާށެވެ. ތިރީސް މިނެޓް ތެރޭގައި ހަތަރު ސޭންޑްވިޗް ހަދަން ޖެހުނެވެ. ފަސޭހަ ކަމެއް ނޫނެވެ. ސޭންޑްވިޗް ހަދަންޖެހުނީ ބްލެކް ބޮކްސްއެއްގެ ތެރޭގައި ހުރި ތަކެތި ބޭނުންކޮށްގެންނެވެ. ކްރިއޭޓިވް އެއްޗެއް ހަދަން ލިބުނީ ކުޑަކުޑަ ވަގުތުކޮޅެކެވެ.

ލިބުނު ކުޑަ ވަގުތުކޮޅު ތެރޭގައި ލިބުނު ފަތީން ހަދަން ހިތުލީ ސޭންޑްވިޗް ހަދަން އޭނާ ބޭނުންވި ތަކެއްޗެއް ވެސް ނުލިބުނެވެ. އޭނާ ބޭނުންވީ ދިވެހިވަންތަ ރަހައެއްގެ ސޭންޑްވިޗެއް ވެސް ހަތަރު ސޭންޑްވިޗް ހަދާއިރު ހެދުމަށެވެ. އެކަމަކު އޭނާގެ އަތުގައި ލުނބޯއެއް މިރުހެއް ނެތެވެ. ފަތީން ގޮތެއް ދުލެއް ނުކުރި އެވެ. ލައިމް ޕައުޑާ ބޭނުންކޮށްގެން ދިވެހިވަންތަ ރަހައަކާއެކު ސޭންޑްވިޗް ތައްޔާރުކޮށްލީ އެވެ. ޖަޖުންނަށް ތިބީ ޔޫރަޕްގެ ޝެފުންނެވެ. ދިވެހިވަންތަ ރަހައެއް ހުރުމުން އެ ސޭންޑްވިޗް ކަމުނުދާނެ ކަމަށް ފަތީން ހީކުރި އެވެ. އެކަމަކު އެންމެ ބޮޑު ތައުރީފެއް ލިބުނު ސޭންޑްވިޗަކަށްވީ އެ ސޭންޑްވިޗެވެ.

ދެވަނަ ބުރު ކަމަށްވާ ސީފުޑް ބުރަށް ފަތީން ދިޔައީ އެ ތައުރީފާއެކު ލިބުނު ޔަގީންކަމާއެކު އެވެ. އެ ބުރުގައި ވެސް ތަކެތި ލިބުނީ އެންމެފަހު ވަގުތު އެވެ. ފަތީން އެ ޑިޝް ހެދީ، ޕްރޯން ބޭނުންކޮށްގެނެވެ. އޭނާ ބޭނުންވި ތަރުކާރީ ނުލިބުމުން ފަތީން ވިސްނީ މުޅިން ތަފާތު ސޯހެއް ހެދުމަށެވެ. އެ ސޯސް ފަތީން ހެދީ ޕްރޯންގެ ޝެލް ބޭނުންކޮށްގެންނެވެ. އެ ވެސް ވެގެން ދިޔައީ ހިޓަކަށެވެ. އެ ބުރަށް 40 މިނެޓް ދިންއިރު އެހާ ބުރަ މަސައްކަތުން ތަފާތު ސޯހެއް ހަދާނެ ކަމަށް ޖަޖުން ވެސް ތިބީ އުއްމީދުކޮށްގެނެއް ނޫނެވެ.

ދެން އޮތީ އެންމެފަހު ބުރެވެ. މެއިން ކޯސް އެވެ. މެއިން ކޯސް ފަތީން ތައްޔާރުކުރީ ކެއްކުމުގެ އާ އުކުޅެއް ކަމަށްވާ ސޫވީޓް ބޭނުންކޮށްގެންނެވެ. އެއީ ވަކި ހޫނު މިނެއްގައި ވެކިއުމް ބޭގެއްގައި ކެއްކެމެވެ. ފަތީން މެއިން ކޯސް ތައްޔާރުކުރީ ބީފް ބޭނުންކޮށްގެންނެވެ.

ތިން ބުރު ނިމުމުން ޖަޖުން ޖުމްލަ ގޮތެއްގައި ކޮމެންޓްސް ދިންއިރު އަބަދުވެސް މިސާލަކަށް ނެގީ ފަތީންގެ ޑިޝްތަކެވެ. އެހެންވެ އޭނާ ހުރީ ވަރަށް އުއްމީދުގަ އެވެ. ނަމަވެސް އެއްވަނައިގެ އުއްމީދެއްގަ ނޫނެވެ. ތިންވަނަ ނޫނީ ދެވަނައަށެވެ. އެ އުއްމީދުގައި ހުއްޓާ ތިންވަނައަށް ދިޔައީ މިސްރުގެ ޝެފަކަށެވެ. ދެވަނައަށް ދިޔައީ ސައުދި އަރަބިއްޔާގެ ޝެފެވެ. އެ ހިސާބުން ފަތީން އުއްމީދު ކަނޑާލި އެވެ. މުބާރާތުގެ ޝަރަފުވެރި އެއްވަނައަކީ ފަތީންކަން އިއުލާންކުރީ ދެނެ އެވެ. ހުރެވުނު ތަނެއް ބުނާނެ އެއްޗެއް ފާތީނަކަށް ނޭނގުނެވެ.

"ފަތީންގެ ނަން އެއްވަނައަށް އިއުލާންކުރުމުން ނޭނގުން ބުނާނެ އެއްޗެއް ވެސް، ވަރަށް އުފާވި، ގައުމު ތަމްސީލްކުރަން ފަތީން ގޮސް ހުރެ، އެ ރީތި ނަން ރާއްޖެއަށް ލިބިގެން ދިޔައީމަ ވަރަށް އުފާވި، މީހަކު ވާހަކަ ދެއްކިޔަސް ބުނާނެ އެއްޗެއް ނޭނގުނު،" ފަތީންގެ ހާއްސަ ވަގުތުކޮޅުގެ ޝުއޫރުތައް އަވަސްއާ ހިއްސާކުރި އެވެ.

ރާއްޖޭގެ އެއްވަނަ ޝެފްގެ މަގާމު ތިން ފަހަރަށް ކާމިޔާބުކޮށްފައިވާ ފަތީން ބުނީ، މީގެކުރިން ދުވަހަކު ވެސް މުބާރާތެއްގައި ހާސްނުވާ ކަމަށާއި ނަމަވެސް އެ މުބާރާތަށް އޭނާ ކުރިމަތީ ހާސްކަމާއެކު ކަމަށެވެ. އެއީ މުބާރާތުގައި އޭނާ ވާދަކުރަނީ އެގްޒެކެޓިވް ޝެފުންނަށްވާއިރު އެއީ 30 ވަރަކަށް އަހަރުގެ ތަޖުރިބާ ހުރި ޝެފުންނަށްވާތީ އެވެ. ފަތީން މި ދާއިރާގައި އަދި މިވީ 13 އަހަރެވެ. އެ ހާސްކަމާއެކު ވެސް އޭނާ ބޭނުންވީ އަޒުމު ހާސިލުކުރާށެވެ.

ފަތީން މުބާރާތާ ކުރިމަތިލީ ވެސް ގައުމަށް ރީތި ނަމެއް ހޯދައިދިނުމުގެ އަޒުމުގަ އެވެ. ގައުމަށް ރީތި ނަމެއް ހޯދައިދިނުމަކީ އޭނާއަށް ވެސް ލިބޭނެ ފަހުރަކަށްވާނެތީ، އެކަން ކުރުމަށް ހުރީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. ބައިނަލްއަގްވާމީ މުބާރާތަށް ފަތީން ދިޔައީ، ރާއްޖޭގެ ޝެފުންނާ ވާދަކޮށް އެއްވަނައިގެ ގޮތުގަ އެވެ. ރާއްޖެއިން ބައިވެރިވި 100 ޝެފުންގެ ތެރެއިން ޔުނިލީވާއިން ޝޯޓްލިސްޓްކުރި 10 ޝެފުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނީ ފަތީންއަށެވެ. އެހާ ގިނަ ވޯޓު ފަތީންއަށް ލިބުނީ ރައްޓެހިގެން ބުރަ މަސައްކަތުންނެވެ. މުބާރާތުގައި ފަތީންނަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ ޔުނިލީވާ ފުޑް ސޮލިއުޝަންސްގެ ނޯ ބްރޭންޑްގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް)ގެ ފަރާތުންނެވެ. އެކަމަށްޓަކައި ފަތީންގެ ހާއްސަ ޝުކުރެއް ބީބީއެމްއަށް ވަނީ އަދާކޮށްފަ އެވެ. ފަތީންގެ ހުރިހާ ކަމެއް އިންތިޒާމްކޮށްދިނީ ބީބީއެމްއިންނެވެ. ބީބީއެމްގެ ސީއީއޯ މަޒުލޫމްއަކީ އަބަދުވެސް ފަތީންއަށް ވަރަށް ބޮޑަށް ހިތްވަރުދޭ ބޭފުޅެއް ކަމަށާއި ކުރިމަތިވާ ކޮންމެ ކަމެއްގައި ވެސް މަޒުލޫމް އެހީވާ ކަމަށް ފަތީން ބުންޏެވެ. އޭނާއާމެދު އިތުބާރު އަބަދުވެސް އޮންނަ އެކަކީ މަޒުލޫމް ކަމަށެވެ.

ޝަރަފުވެރި އެއްވަނައާއެކު އިއްޔެ ހެނދުނު ފަތީން ރާއްޖެ އައިއިރު މުޅި ބީބީއެމްގެ ޓީމު އޭނާއަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ދިޔަ އެވެ. އޭނާ މަސައްކަތްކުރާ ބަނޑޮހަށް ދިޔައިރު އެތަނުގެ ވެރިންނާއި މުވައްޒަފުން ވަނީ ފަތީންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެއީ ފަތީން ވަރަށް އުފާވި ކަމެކެވެ. ފަތީންއަށް ލިބޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އޭނާއަށް ފުރުސަތު ދޭތީ ބަނޑޮހުގެ މެނޭޖްމެންޓަށް ވެސް އޭނާ ވަނީ ޝުކުރުއަދާކޮށްފަ އެވެ.

ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް އެއްވަނަ ފަތީން ހޯދިއިރު އޭނާގެ އުއްމީދަކީ އެފަދަ ބޮޑެތި ބޮޑެތި މުބާރާތްތައް ރާއްޖޭގައި ވެސް ބޭއްވޭނެ ގޮތްވުމެވެ. އެފަދަ ބޮޑެތި ކޮންވެންޝަން ސެންޓަރުތައް ރާއްޖޭގައި ގާއިމުކުރެވޭނެ ދުވަހެއް އައުމެވެ. ކޮންމެއަކަސް ފަތީންގެ މި ވަނައަކާއެކު މުޅި ރާއްޖޭގެ ނަން މިވަނީ ރަން އަކުރުން ވިދާލާފަ އެވެ. މިއީ ބޮޑު ފަހުރެކެވެ. ޝަރަފެކެވެ. ފާތިންއަށް ސާބަހެވެ.