ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެއާޕޯޓްގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަތިޔާރާއެކު އެެއާޕޯޓްގައި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެއާޕޯޓުގެ ކަންކަން ބަލަހައްޓަން ހަތިޔާރާއެކު ސިފައިން ހަރަކާތްތެރުވާން ފެށީ މި ފަހަކަށް އައިސް ޓެރިރުސްޓު ހަމަލާތައް ދުނިޔޭގެ އެކިކަންކޮޅުތަކުގެ ދޭ މިންވަރު އިތުރުވެފައިވާތީވެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް އިންޒާރެއް ނުވަތަ ނުރައްކަލެއްވެސް އަދި ރާއްޖެއަށް ނެތް ކަމަށް ވިދާޅުވި އެވެ.
އެއާޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަން މީގެކުރިން ސިފައިން ހަތިޔާރު ބޭނުމެއް ނުކުރެ އެވެ. ހަތިޔާރު ބޭނުންކުރަން ފެށުމުގެ އިތުރުން ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މިއަދުން ފެށިގެން ދަތުރުވެރިންގެ ފޮށި އަދި ހަށިގަނޑު ބަލާފާސްކުރުން އިތުރަށް ހަރުދަނާކުރަން އިތުރު ކަންތައްތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ މަސައްކަތް ފެށިއިރު މިއަދުވެސް ވަނީ ތުރުކީ މަގުން ސީރިއާއަށް ދާން އުޅުނު ތިން ދިވެހިން އަނބުރާ މާލެ ގެނެސްފަ އެވެ. އެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. މި ތިން މީހުން ހިފަހައްޓައި ހައްޔަރު ކުރީ ތުރުކީގެ ސަލާމަތީ ބާރުތަކާއި ރާއްޖޭގެ ފުލުހުން އެކުވެގެން ހިންގި އޮޕަރޭޝެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މަހުގެ ތެރޭގައި މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ވެސް ދެ ދިވެހިން ވަނީ ހައްޔަރުކޮށްފަ އެވެ. އުމުރުން 29 އަހަރާއި 33 އަހަރުގެ އެ ދެ މީހުންނަކީ އައިއެސްއާ ގުޅުން އޮންނަ ބައެއް ކަމަށާއި އެމީހުން މަސައްކަތް ކުރަމުން ދިޔައީ މެލޭޝިއާ އާއި ސިންގަޕޫރު ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކޮށްގެން ސީރިއާއަށް ދިޔުމަށް ކަމަށް ވެސް މެލޭޝިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ. ނަމަވެސް މެލޭޝިއާގެ ސިފައިންގެ އެހީގައި މިހާރު އެެ މީހުން ވަނީ ރާއްޖެ ގެނެސްފަ އެވެ.
ބެރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވާ މައްސަލާގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މިހާތަނަށް 42 މީހުން ވަނީ ގޮސްފަ އެވެ. ނަމަވެސް ބޭރުގެ އިންޓަލިޖަލްސްތަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން 200 އަށް ވުރެ ގިނަ ދިވެހިން ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވެ އެވެ.