ތުރުކީ މަގުން ސީރިއާއަށް ދާން މަސައްކަތް ކުރަނިކޮށް ހައްޔަރުކޮށްގެން މާލެ ގެނައި ތިން ދިވެހިންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފި އެވެ. އެމީހުން މާލެ ގެނެސްފައިވަނީ މިއަދު އެވެ.
މި ތިން މީހުން ހިފަހައްޓައި ހައްޔަރު ކުރީ ތުރުކީގެ ސަލާމަތީ ބާރުތަކާއި ރާއްޖޭގެ ފުލުހުން އެކުވެގެން ހިންގި އޮޕަރޭޝެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ބުނީ މި މައްސަލައާ ބެހޭ ގޮތުން އިތުރު އެއްވެސް ތަފުސީލެއް ހާމަ ކުރެވެން ނެތް ކަމަށެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޓެރަރިޒަމްގެ ހަމަލާތައް އިތުރުވަމުންދާތީވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ސިފައިން މިހާރު ދަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.
މި މަހުގެ ތެރޭގައި މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ވެސް ދެ ދިވެހިން ވަނީ ހައްޔަރުކޮށްފަ އެވެ. އުމުރުން 29 އަހަރާއި 33 އަހަރުގެ އެ ދެ މީހުންނަކީ އައިއެސްއާ ގުޅުން އޮންނަ ބައެއް ކަމަށާއި އެމީހުން މަސައްކަތް ކުރަމުން ދިޔައީ މެލޭޝިއާ އާއި ސިންގަޕޫރު ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކޮށްގެން ސީރިއާއަށް ދިޔުމަށް ކަމަށް ވެސް މެލޭޝިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ. ނަމަވެސް މެލޭޝިއާގެ ސިފައިންގެ އެހީގައި މިހާރު އެެ މީހުން ވަނީ ރާއްޖެ ގެނެސްފަ އެވެ.
ބެރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވާ މައްސަލާގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މިހާތަނަށް 42 މީހުން ވަނީ ގޮސްފަ އެވެ. ނަމަވެސް ބޭރުގެ އިންޓަލިޖަލްސްތަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން 200 އަށް ވުރެ ގިނަ ދިވެހިން ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވެ އެވެ.