ހަބަރު

އެއްބަސްވުމާ އެއްގޮތަށް އާސަންދައިން އޭޑީކޭއަށް ފައިސާ ނުދޭ

އޭޑީކޭ ކުންފުނިން އާސަންދަ ކުންފުންޏާއެކު އެއްބަސްވެފައިވާ ގޮތަށް ބިލުތަކަށް ފައިސާ ދައްކަމުންނުދާ ކަމަށް އޭޑީކޭ އިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެކުންފުންޏާއި އާސަންދައާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އޭޑީކޭ ފާމަސީތަކުން އާސަންދައިގެ ދަށުން ވިއްކާ ބޭސްތަަކަށް އެކުންފުނިން ދައްކަން ޖެހޭ ފައިސާ ދައްކަން 90 ދުވަހުގެ ކްރެޑިޓެއް ފަހިކޮށްދީފައިވާ އިރުވެސް ބަރާބަރަށް ބިލުތަކަށް ފައިސާ ދައްކަމުން ނުދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭޑީކޭއަށް ދަތިތަކެއް ކުރިމަތުވަމުންދާ ކަމަށެވެ.

އާސަންދަ ކުންފުނިން މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ފާމަސީތަކުން ބޭސް ވިއްކުމާ ގުޅިގެން ދިން މައުލޫމާތުތަކާ ގުޅިގެން ބޭސް ވިއްކާ ފަރާތްތަކުން އާންމުންނަށް ބޭސްވިއްކުމުގައި ނުބައްދަލު އަގުތަކަކަށް ބޭސް ވިއްކަމުންދާކަމަށް ތުހުމަތުކޮށް ބޭސް ވިއްކާ ފަރާތްތަަށް ބަދުނާމުވާފަދަ ގޮތަކަށް ހަގީގަތާއި ހިލާފު ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ. އެހެން ނަމަވެސް އެކުންފުނިން ބޭސް ވިއްކަމުންދަނީ 13 އޯގަސްޓު 2015 ވަނަ ދުވަހު އާސަންދަ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަނޑައަޅާފައިވާ އަގުތަކަކަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އޭޑީކޭ އިން ބުނީ އެ އެއްބަސްވުމުގައި އާސަންދައިން ކަވާ ކޮށްދޭނެ ބޭސްތަކުގެ ތަފްސީލް ލިސްޓާއި، އެ ބޭސްތައް ވިއްކޭނެ އަގުތައް ވަރަށް ސާފުކޮން ކަނޑައަޅާފައިވާނެ ކަމަށެވެ. އޭޑީކޭ އިން ބުނިގޮތުގައި އެ އެއްބަސްވުމުގައި އާސަންދަ އެދުމުގެ މަތިން އަސަންދައިގެ ދަށުން ވިއްކޭ ބޭސްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް އޭޑީކޭއިން ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

އޭޑީކޭ އިން އިތުރަށް ބުނެފައިވަނީ އެ އެއްބަސްވުމުގެ ފަހުން ރާއްޖޭގޭ އިންފްލޭޝަނަށާއި ބާޒާރުގެ އަގުތަކަށް އަންނަމުންދިޔަ ބަދަލުތަކާ އެކު ވެސް އާސަންދައިގެ ދަށުން އެ ކުންފުނިން ވިއްކަމުންދާ އެއްވެސް ބޭހެއްގެ އަގަކަށް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި ބޭސް ވިއްކާ އަގުތަކަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ކަނޑައަޅަންޖެހޭ އަގުތަކަކަށް ވީ ހިނދު އެ އުސޫލުތަކާއި އެކުންފުނިން ހިލާފުވެފައި ނުވާނެ ކަމަށެވެ.