ރިޕޯޓް

ގޮފިތައް ހުއްޓި، ފަނޑިޔާރުން ނެތި، ހައިކޯޓު މަޑުޖެހިފަ!

ރައްޔިތުންނަށް އަވަސް ގޮތެއްގައި އިންސާފު ހޯދައިދިނުމަށް މިފަހުން ޝަރުއީ ނިޒާމަށް ގެނައި އެންމެ ބޮޑު އިސްލާހަކީ ހައިކޯޓުގެ ދެ ގޮފި ރާއްޖޭގެ ދެ ސަރަހައްދެއް ގާއިމުކުރުމެވެ. ސުޕްރީމް ކޯޓުން ކަނޑައެޅި ގޮތަށް އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށީގައި ވަނީ ހައިކޯޓުގެ ދެ ގޮފި ގާއިމުކޮށްފަ އެވެ. އެކަމަކު އެކަން ވެފައި މި އޮތީ ހަމައެކަނި ނަމަކަށް ކުރި ކަމަކަށެވެ. އިތުރު ކަމެއް ނެރެވުނު ހެޔޮ ނަތީޖާއެއް ނެތޭ ބުނެވިދާނެ އެވެ.

ހައިކޯޓުގެ ދެކުނު ގޮއްޕަށް ފަނޑިޔާރުން އައްޔަންކޮށް މަސައްކަތް ފަށައިގަތެވެ. ހައިކޯޓުގައި ޝަރީއަތް ހިންގޭނީ ތިން ފަނޑިޔާރުން ކަމަށްވާތީ ގޮއްޕަކަށް ކަނޑައަޅަން ޖެހެނީ ތިން ފަނޑިޔާރުންނެވެ. އެގޮތުން ހައިކޯޓުގެ ދެކުނު ގޮފީގައި ފުރަތަމަ މަސައްކަތް ކުރައްވަން ފެއްޓެވީ، ޑރ. އަޒްމިރަލްދާ ޒާހިރާއި އަބްދުލްޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އޭގެ ތެރެއިން އަޒްމިރަލްދާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެކަމަނާ އިސްތިއުފާ ދެއްވީ، "އިސްތިއުފާ ދިނުމަށް އަމަލީ ގޮތުން މަޖުބޫރު ކުރުވާފައިވާތީ" ކަމަށް ވިދާޅުވެ އެވެ. އޭގެފަހުން ފަނޑިޔާރު ސުޖާއު އުސްމާނު ވަނީ ދެކުނު ގޮއްޕަށް އައްޔަންކޮށްފަ އެވެ. ނަމަވެސް ސުޖާއު އުސްމާނަށް އިންޒާރުތަކެއް ލިބުމާ ގުޅިގެން އައްޑޫ ސިޓީ ދޫކުރައްވައި ވަނީ މާލެ ވަޑައިގެންފަ އެވެ. އެކަމަށް ހަ މަސް ދުވަސްވެފައިވާއިރު ދެކުނު ގޮފީގެ ޝަރީއަތްތައް ވަނީ ހުއްޓިފަ އެވެ.

ދެކުނު ގޮފި މިހާލުގައި އޮތްއިރު، އުތުރު ގޮފީގެ މަސައްކަތްތައް އަދި އެއްވެސް ވަރަކަށް ނުފެށެ އެވެ. މިހާ ދުވަސްވީއިރު ފަނޑިޔާރުން ވެސް އައްޔަން ނުކުރެވެ އެވެ. ގާނޫނުގައިވާ ގޮތުން ގޮފިތަކަށް ފަނޑިޔާރުން އައްޔަންކުރަން ޖެހޭނީ ހައިކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިންނެވެ. އެ ފަނޑިޔާރުން ކަނޑައަޅަން ޖެހެނީ ސުޕްރީމް ކޯޓުންނެވެ. ޑރ. އަޒްމިރަލްދާ އިސްތިއުފާ ދެއްވުމުންނާއި ހައިކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ވަނީ ހުސްވެފަ އެވެ. އެ މަގާމަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މަސައްކަތް ކުރާތާ ވަރަށް ޒަމާންވެއްޖެ އެވެ.

ގޮފިތަކުގެ މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް އެއީ މުހިންމު ކަމެއްކަން އެ ގޮފިތަކަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދުން އެނގެ އެވެ. މަސައްކަތް އެއްވެސް ވަރަކަށް ނުފެށޭ އުތުރު ގޮފީގައި އިސްތިއުނާފުކުރުމަށް ވެސް މައްސަލަތައް ހުށަހަޅާފައިވެ އެވެ. ދެކުނު ގޮއްޕަށް ވެސް ގިނަ މައްސަލަތަކެއް އިސްތިއުނާފަށް ހުށަހަޅާފައިވެ އެވެ.

ރައްޔިތުންނަށް ފަސޭހަ ކުރުމަށް ގޮފިތައް ހެދި ނަމަވެސް އެ ގޮފިތަކުން ރައްޔިތުންނަށް ފައިދާ ނުވެވަނީ ފަނޑިޔާރުންގެ ހުރި ކަންބޮޑުވުންތަކެއްގެ ސަބަބުން ކަމަށް ބެލެވެ އެވެ. ބައެއް ފަނޑިޔާރުން ގޮފިތަކުގައި މަސައްކަތް ކުރައްވަން ބޭނުންނުވާއިރު، ދާއިމީ ގޮތެއްގައި މަސައްކަތް ކުރެއްވުމަށް ފަނޑިޔާރުން ނުރުހެ އެވެ. ޑރ. އަޒްމިރަލްދާ ވެސް އިސްތިއުފާ ދެއްވި އެއް ސަބަބަކީ މިއީ އެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން ޑރ. އަޒްމިރަލްދާ އިސްތިއުފާ ދެއްވީ އެކަށީގެންވާ އަސާސީ ހިދުމަތްތަކެއް ގާއިމްވެފައި ނެތް ތަނެއްގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތުމުންނެވެ.

އިންޒާރުތަކަކާއެކު ފަނޑިޔާރު ސުޖާއު އުސްމާނު އައްޑޫ ސިޓީ ދޫކުރެއްވި ފަހުން ގޮފިތަކުގެ ފަނޑިޔާރުންނާ ގުޅޭ އާ ގަވައިދެއް ވަނީ އެކުލަވާލާފަ އެވެ. އެ ގަވައިދު އެކުލަވާލީ، އުތުރު ގޮއްޕަށް އެއްގޮތަކުން ވެސް ފަނޑިޔާރުން ހަމަނުޖެހިގެންނެވެ. އެ ގަވައިދުގައިވާ ގޮތުން ކުރިންސުރެ ހައިކޯޓުގައި މަސައްކަތް ކުރައްވަމުންދާ ފަނޑިޔާރުން ގޮފިތަކަށް ހަމަޖައްސަންވާނީ ވަކި މުއްދަތަކަށް ބަދަލުވާ އުސޫލުންނެވެ. ބަދަލުވާ އުސޫލަކީ ގޮފީގައި ވަކި މުއްދަތަކަށް މަސައްކަތް ކުރެއްވުމަށްފަހު ކުރިން މަސައްކަތް ކުރެއްވި ތަނަށް އެ ފަނޑިޔާރަކު ބަދަލުވުމެވެ. އަމިއްލަ އެދި ވަޑައިގެން ފަނޑިޔާރަކަށް މަސައްކަތް ކުރާ ގޮފި ބަދަލު ކުރެވޭނީ އެ ތަނެއްގައި މަސައްކަތް ކުރާތާ މަދުވެގެން އެއް އަހަރުވުމުންނެވެ. މިއީ ފަނޑިޔާރުން ކަންބޮޑުވުންތަކަށް ނިމުން ގެންނަން އެކުލަވާލި ގަވައިދެކެވެ.

އެ ގަވައިދު އެކުލަވާލައި އަނެއްކާވެސް ހުސްވެފައިވާ ދެ ފަނޑިޔާރުގެ މަގާމަށް ބޭފުޅުން ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. ފަނޑިޔާރުން މަދުވެ، ހައިކޯޓުގެ މައްސަލަތައް ލަސްވާތީ ނުވަ ފަނޑިޔާރުން 11 ފަނޑިޔާރުންނަށް އިތުރުކުރަން ވަނީ ފާސްކޮށްފަ އެވެ. އެއީ ވަރަށް މުހިންމު ނިންމުމެކެވެ. އެ އަދަދަށް ފަނޑިޔާރުން އިތުރު ނުކުރާނަމަ މާލޭ ހައިކޯޓުގައި ވެސް ތިއްބަވާނީ ތިން ފަނޑިޔާރުންނެވެ. އެއް ފަނޑިޔާރަކު ސަލާމެއް ނުވަތަ ޗުއްޓީއަށް ވަޑައިގެންނެވި ނަމަވެސް ހައިކޯޓުގެ ޝަރީއަތްތައް ހުއްޓޭނެ އެވެ. މިހާރު ހައިކޯޓަށް ހޯދަންޖެހެނީ ހަތަރު ފަނޑިޔާރުންނެވެ. އެކަމަށް ގާނޫނުގައި ދިނީ ތިން މަސް ދުވަހެވެ. އެ މުއްދަތު ވަނީ ހަމަވެފަ އެވެ. ނަމަވެސް އެ މަގާމުތަކަށް ފަނޑިޔާރުން ވަނީ އައްޔަން ނުކުރެވި އެވެ.

ދެކުނު ގޮފީގައި ދެ ފަނޑިޔާރުން ތިއްބަވައިގެން ޝަރީއަތްތައް ނުހިންގި، މާލޭގެ ހައިކޯޓުގައި ހަތަރު ފަނޑިޔާރުން ތިއްބަވައިގެން މައްސަލަތައް އެންމެ އަވަސް މިނުގައި ކުރިއަށް ނުގެންދެވޭތީ ސުޕްރީމް ކޯޓުން ވަނީ މުހިންމު ނިންމުމެއް ނިންމާފަ އެވެ. މިދިޔަ އަހަރަކީ ހައިކޯޓުގެ ތާރީހުގައި ވެސް އެންމެ ގިނަ މައްސަލަ ހުށަހެޅުނު އަހަރަށްވާއިރު ސުޕްރީމް ކޯޓުން ބުނީ، މި އަހަރުގެ މިހާތަނަށް ނުނިމި 500 އަށްވުރެ ގިނަ މައްސަލަ ހައިކޯޓުގައި ހުރިކަމާއި އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ، މައްސަލަތައް ނިންމުމަށް އެކަށީގެންވާ މުއްދަތެއްކަމަށް ކަނޑައެޅި ފައިވާ ހަ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން މައްސަލަތައް އަވަސްކުރުމަށް ދެކުނު ގޮފީގައި ތިއްބެވި ދެ ފަނޑިޔާރުންނާއި ފަނޑިޔާރު ސުޖާއު އުސްމާނު މާލޭ ހައިކޯޓުގައި މަސައްކަތް ކުރެއްވުމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފަ އެވެ. އެއީ ތިން މަސް ދުވަހަށެވެ.

ހައިކޯޓަށް ފަނޑިޔާރުން ނުހޯދި ގިނަ ދުވަސްތަކެއްވެފައިވާއިރު އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާރު ތިއްބެވި ފަނޑިޔާރުންނަށް އަވަސް ސްޕީޑްގައި ކުރިއަށް ނުގެންދެވޭ ވަރަށް މައްސަލަތަކުގެ އަދަދު އިތުރުވަމުން އަންނައިރު، ފަނޑިޔާރުން ވީއެންމެ އަވަހަކަށް އައްޔަންކުރަންޖެހެ އެވެ. ޖޭއެސްސީއިން ބުނެފައިވާ ގޮތުގައި ފަނޑިޔާރުންގެ މަގާމަށް ޝައުގުވެރި ބޭފުޅުންނާ މިހާރު ވަނީ އިންޓަވިއުކޮށްފަ އެވެ. ވަރަށް އަވަހަށް ފަނޑިޔާރުން އައްޔަން ކުރާނެ އެވެ.

ގޮފިތަކަށް ވަޑައިގަތުމަށް ޖެހިވަޑައިގަތުމުން ފަނޑިޔާރުން ކަންބޮޑުވާއިރު، ރޮޓޭޓްވާ ގޮތަށް ހަމަޖައްސައި އެކުލަވާލި ގަވައިދަކީ ވަރަށް ރަނގަޅު ގަވައިދެކެވެ. ނަމަވެސް އެ ގަވައިދާ އެއްގޮތަށް ވެސް ފަނޑިޔާރުން ނުލިބޭތީ ވަނީ އަމަލު ނުކުރެވިފަ އެވެ.

މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު މިހާރު ހައިކޯޓު އޮތް ހާލަތަކީ އެންމެ އަވަހަށް ރައްޔިތުންނަށް އިންސާފު ލިބޭނެ ހާލަތެއް ނޫނެވެ. އެ ހާލަތަށް ބަދަލު އަންނާނީ ގާނޫނުގައިވާ އަދަދަށް 11 ފަނޑިޔާރުން ހަމަވެ، ގޮފިތަކަށް ފަނޑިޔާރުން ފޮނުވި އެ ގޮފިތައް ވެސް ބާރު ސްޕީޑްގައި ހިނގައިގަތުމުންނެވެ.