ހަބަރު

ބިލެތްފަހި އިންޖީނުގެ އަނދައި ހުލިވެ، ރަށް ކަނު އަނދިރީގައި

ށ. ބިލެތްފަހި އިންޖީނުގޭގައި ރޯވެ އަނދާ ހުލިވެއްޖެ އެވެ. އެއާ އެކު މުޅި ރަށުން ވަނީ ކަރަންޓްގެ ހިދުމަތް ކެނޑިފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 11:55 ހާއިރު ކަމަށެވެ. އެ ހާދިސާގައި އެ އިންޖީނުގެ އެއްކޮށް އަނދާހުލިވެފައިވާ ކަމަށްވެ އެވެ. އެ ރަށު ރައްޔިތުން ތިބީ ކަރަންޓްގެ ހިދުމަތުން މަހުރޫމްވެ ކަނު އަނދިރީގަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އަލިފާން ރޯވިިއިރު ކަރަންޓު ދީފައި ހުރީ 112 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ކަމަށާއި އަލިފާން އެންމެ ފުރަތަމަ ރޯވީ އެ އިންޖީނުގެ ޓާބޯގައި ކަމަށެވެ.

"އަލިފާން ރޯވީ ކަރަންޓުދީފައި ހުރި ޖަނަރޭޓަރުގެ ޓާބޯގައި. އޭރު ޑިއުޓީގައި ތިބީ ދެ ކުދިން، ބާރު އަޑެއް ކިޔާފައި ރޯވީ، އެތަނުގައި ހުރި އިކުއިޕްމަންޓްސް ބޭނުންކޮށްގެން އަލިފާންގަނޑު ނިއްވައެއް ނުލެވުނު، ހުރިހާ ޖަނަރޭޓަރެއްގައި ރޯވެ އެއްކޮށް އަނދައިގެން ދިޔައީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ފެނަކަ މުވައްޒަފުންނާއި ބިލެތްފަހި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު ނިއްވާލެވިއްޖެ ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ޓެކްނިކަލް ޓީމެއް އެރަށަށް ގޮސް މާދަމާ އިރުއޮއްސުމުގެ ކުރިން ވަގުތީ ކަރަންޓު ދެވޭނެ ކަމަށެވެ.