ވިޔަފާރި

މަދިރިން ރައްކާތެރިކޮށްދޭ ކުލައެއް އެސްޓީއޯ އިން ނެރެފި

އެސްޓީއޯ އިން މަރިދިން ރައްކާތެރިކޮށްދޭ "ނިޕޯން ޕެއިންޓް" އެއް ބާޒާރަށް ނެރެފި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ބޭއްވި މޯލްޑިވްސް ގެސްޓްހައުސް ކޮންފަރެންސުގައި ބާޒާރަށް ނެރުނު ނިޕޯން ޕެއިންޓް މޮޒީ ގާޑް ކުލައަކީ މަދިރިން ރައްކާތެރިކޮށްދޭ ކުލަ އެކެވެ.

މި ކުލައާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ނޮޕޯން ސިންގަޕޫރުގެ މެނޭޖަރު ބިޒްނަސް ޑިވްލޮޕްމަންޓް އެންޑް އެކްސްޕޯޓްސް ހެންރީ އޮންގް ވިދާޅުވީ ސިންގަޕޫރުގެ ގްރީން ބިލްޑިން ކައުންސިލް (ސީޖީބީސީ) އިން ގަބޫކުރާ މި ކުލައަކީ މަދިރީގެ އުނދަގޫވާ ހިސާބުތަކުގައި ހުންނަ ގެތަކުގައި ލުމަށް ރަނގަޅު ކުލައެއް ކަމަށެވެ.

"މިއީ ކުލައިގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ކުލައެއް. ކުލަ ތައްޔާރު ކުރުމުގައި ސިއްހީ ގޮތުން އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ވަނީ ބަލައިފައި،" ހެންރީ ވިދާޅުވި އެވެ.

އެސްޓީއޯ އިން ނިޕޯންގެ އާ ކުލައެއް ބާޒާރަށް ނެރުނުއިރު ނޮވެމްބަރު މަހުގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ. މި ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްތައް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައި ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.