ހަބަރު

މައްސަލަތައް ހައްލުކުރަން ވަރުގަދަ ޔޫއެން އެއް ބޭނުންވޭ: ރާއްޖެ

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ގިނަ ގުނަ މައްސަލަތަކަށް ހައްލު ހޯދަން ކުރިއަށް ވުރެ ވަރުގަދަ ޔޫއެން އެއް ބޭނުންވާ ކަމަށް ރާއްޖޭން ބުނެފި އެވެ.

ޔޫއެންގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި އިއްޔެ މެންދުރު ފަހު ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ރާއްޖޭގެ ތަސައްވުރަކީ އިންސާފުވެރި ޖަމާއަތަކަށް ޔޫއެން ވުން ކަމަށެވެ. އަދި ވިދާޅުވީ ޔޫއެން ވަރުގަދަ ވުމާއި ނުވުމަކީ މެމްބަރު ގައުމުތަކުން ކުރާ މަސައްކަތަށް ބިނާވެފައިވާ ކަމެއް ކަމަށެވެ.

" ޔުނައިޓެޑް ނޭޝަންސް އޮންނާނީ މިޖަމާއަތް އަޅުގަނޑުމެން ބައްޓަން ކުރި ގޮތަކަށް. މި ޖަމާއަތަކީ އަޅުގަނޑުމެން ( މެމްބަރު ގައުމުތައް) ބައިވެރިވެގެން އުފެދިފައިވާ ޖަމާއަތެއް. މި ޖަމާއަތުގެ ބަލިކަށި ކަމާއި ކާމިޔާބު ބިނާވާނީ މިޖަމާއަތަށް އަޅުގަނޑުމެން ކޮށްދޭ މަސައްކަތްތަކެއްގެ މައްޗަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ޔޫއެންއާ މެދު ރާއްޖޭން ގެންގުޅޭ ތަސައްވުރާ ބެހޭ ގޮތުން ތަފުސީލުކޮށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޔޫއެން އަކީ ނަތީޖާ ނެރޭ ތަނަކަށް ވާން ރާއްޖޭން އެދޭ ކަަމަށެވެ.

ދުނިޔޭގައި މިހާރު ހުރި ބޮޑެތި މައްސަލަތަކުގެ ތެރެއިން ހަނގުރާމަތަކާއި ހަމަނުޖެހުންތަކާ މެދު ރާއްޖޭގެ އޮތް ކަންބޮޑުވުންތައް ޑރ. އާސިމުގެ ތަގުރީރުގައި އަލިއަޅުއްވައި ލެއްވިއެވެ. އެގޮތުން ސޫރިޔާ އާއި މިޔަންމާގެ މައްސަަލައާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ދާއިމީ ހައްލެ ލިބޭނެ ހަމަ އެކަނި ގޮތަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފަައްދައި ދިނުން ކަމަށެވެ. އެއީ ރާއްޖޭން ކުރިއްސުރެ އެކަމުގައި ގެންގުޅެމުން އަންނަ ސިޔާސަތެވެ. ރާއްޖޭން ގަބޫލުކުރާ ގޮތުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން ޖެހޭނީ އެދައުލަތުގެ ވެރިރަށުގެ ގޮތުގައި ގުދުސް އޮންނަ ގޮތަށް ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއްކަން މިހާރު މާބޮޑަށް ފެންނަމުންދާ ކަމަށެވެ. އެގޮތުން މޫސުން ލަފާކުރަން ނޭނގުމާއި ކުރިއަށް ވުރެ ވަރުގަދަ ގުދުރަތީ ކާރިސާތައް ކުރިމަތިވުމަކީ އެފަދަ ކަންތައްތަކުގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

" ... ކެރީބިއަން އަށާއި ޔުނަައިޓެޑް ސްޓޭޓްސްއަށާއި ޕެސިފިކްގެ ޖަޒީރާތަކަށް ދާދި ފަހުން އެރި ހަރިކޭންތައް އައިލެއް އިންތިހާއަށް އަވަސްކަމާއި އެ ހަރިކޭންތަކުގެ ބާރު ގަދަކަން، މިއީ ހައްތާވެސް އަޅުގަނޑުމެންގެ ޕްލެނެޓް ފާހަގަ ކޮށްލެވޭ ވަރަށް ބަދަލުވެއްޖެ ކަމުގެ ހެކިތައް،" ޑރ. އާސިމް ވިދާޅުވިއެވެ.

ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމަ އަސަރުކުރާނީ ރާއްޖެއާއި ރާއްޖެ ފަދަ ބިންތިރި ގައުމުތަކަށް ކަމަށް ވިޔަސް، މިހާރު ދުނިޔޭގެ އެހެން އެންމެނަށް ވެސް މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތަކަަށް ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަ ކުރުމަށް ޓަކައި ޕެރިސް އެގްރިމެންޓް ފުރިހަމައަށް ތަންފީޒުކޮށް، ގެއްލުން ހުރި ބާވަތްތައް ޖައްވަށް ބޭރުކުރާ މިންވަރު މަދުކުރުމަށާއި އިއާދަކުރަނިވި ހަކަތަ އިހުތިޔާރު ކުރުމުގެ މުހިއްމުކަން ވެސް ޑރ. އާސިމް ފާހަގަ ކުރެއްވިއެވެ.