ހަބަރު

ފާރިސް އަށް އިންސާފުވެރި ޝަރީއަތެއް ނުލިބިދާނެތީ ކަންބޮޑުވޭ: އެމްނެސްޓީ

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ މައްޗަށް ހިންގާ ޝަރީއަތް އިންސާފުވެރި ނުވެދާނެތީ ކަންބޮޑުވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

އެމްނެސްޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިދިކޮޅު ސިޔާސީ ލީޑަރުންގެ ޝަރީއަތް އިންސާފުވެރިކޮށް ނުކުރުމަކީ ރާއްޖޭގައި މާކުރިން ވެސް ކުރަމުން އަން ކަމެއް ކަމަށެވެ.

" ހުއްދަ ނެތި ތަނަކަށް ވަނުމުގެ ކުށުން ފެށިގެން ޓެރަރިޒަމްގެ ކުށަށް ދާންދެން، ދައުވާތައް އުފައްދައިގެން ކުށް ސާބިތުކުރުމުގެ ކަންތަަތައްތައް ހިނގާފައި ވެއެވެ. ފާރިސްއަށް ވެސް އެފަދަ ގޮތެއް ވެދާނެ ކަމުގެ ސީރިއަސް ކަންބޮޑުވުން އެބަ އޮތެވެ،" އެމްނެސްޓީގެ ބަޔާނުގައި ވެއެވެ.

އެމްނެސްޓީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ފާރިސް މައުމޫނާ ދެކޮޅަށް އުފުލާފައިވާ ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފައި ވަނިކޮށެވެ.

ރިޝްވަތު ދިނުމުގެ ތުހުމަތު ފާރިސްއަށް ފުލުހުން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއިދު ހޯދަން މަޖިލީހުގެ އެހެން މެންބަރުންނަށް ރިޝްވަތު ހުށަހެޅުމަށް އިސްވެ އުޅުނު ކަމަށް ބުނެ އެވެ. އެންމެ ފުރަަަމަ ފާރިސްގެ މައްޗަށް ރިޝްވަތުގައި ހިފުމުގެ ދައުވާ އުފުލާފައިވަނިކޮށް އެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ ލިޔުންތައް ފާރިސް އާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ރިޝްވަތުގެ ދައުވާ ފާރިސްގ ެމައްޗަށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އެ ކުށް ސާބިތުވެއްޖެނަމަ ފާރިސްގެ ގޮނޑި ގެއްލޭނެ އެވެ. އެއީ އެއް އަހަރަށްވުރެ ދިގު ޖަލު ހުކުމެއް މެންބަރެއްގެ މައްޗަށް އަތުވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާތީ އެވެ.

މި މައްސަލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކޮށް މިހާރު ވަނީ ހުކުމް ވެސް ކޮށްފަ އެވެ. ގާސިމްގެ މައްޗަށް ކޮށްފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެ ދައުވާ އޭނާއަށް ކުރަނީ ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ އެވެ.