ދިވެހި ސިނަމާ

"ނޭދެން ވަކިވާކަށް" ގެ ލަވަތައް ލަވަފޮއްޓަށް

އަހަރުގެ އުންމީދީ ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ "ނޭދެން ވަކިވާކަށް" އަޅުވަން މިއޮތީ ދެ ތިން ދުވަހަށް ވެފަ އެވެ. އެ ފިލްމުގެ އަޑު ވާ ގަދަ ނުވި ނަމަވެސް އެއީ ބެލުންތެރިންނަށް ކަމުދާނެ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން އަންނަނީ ބުނަމުންނެވެ.

ލޯބީގެ ރީތި ވާހަކައަކަށް ހަދާފައިވާ އެ ފިލްމުގެ ލަވަތައް މިވަނީ އާންމުކޮށް ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ. "ނޭދެން ވަކިވާކަށް"ގެ ޕްރޮޑަކްޝަން ޓީމުން ބުނީ ލަވތައް މިހާރު ލަވަފޮށި މެދުވެރިކޮށް އަޑުއެހޭނެ ކަމަށެވެ. ފިލްމުގެ ހަތަރު ލަވަ ހިމެނޭއިރު ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާ އާއި ރާފިޔަތު ރަމީޒާ އަދި މުމްތާޒް މޫސާ އެވެ. އެ ހަތަރު ލަވަޔަކީ ވެސް ކޮޕީ ލަވަ އެވެ.

އެ ފިލްމަކީ މަހުދީ އަހްމަދުގެ ސްކްރީން ޕްލޭ އަކަށް ހަދާފައިވާ ލޯބީގެ ފިލްމެކެވެ. އެ ފިލްމުގައި ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަހްމަދު ސައީދު އާއި ފާތިފަތު އާޒިފާ، އާރިފާ އިބްރާހިމް އަދި ޖާދުﷲ އިސްމާއީލެވެ. މިއީ ޖާދުގެ ފުރަތަމަ ފިލްމެވެ. އަހުމަދު އަޒްމީލް (އަޒޭ) އާއި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި އަލީ ޝާހިދު (ސްޓެޕް އައްޔަ) އަދި އިބްރާހީމް ރިޔާޒް ވެސް ފިލްމުގައި ހިމެނެ އެވެ.

ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލެ އަދި އއ. ތޮއްޑޫގަ އެވެ. ފިލްމުގެ މަންޒަރުތައް ނެގުމަށް ތޮއްޑޫ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޕްރޮޑަކްޝަން ޓީމުން ޝުކުރު އަދާކުރެ އެވެ.

"ނޭދެން ވަކިވާކަށް" ގެ ދެ ޓްރެއިލާ މިހާރުވަނީ ރިލީޒްކޮށްފަ އެވެ.

ފިލްމުގެ ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) ބުނީ ފިލްމުގެ ޕްރިމިއާގައި ބޭރުގެ ފަންނާނުންތަކެއްވެސް ބައިވެރިވާނެ ކަމަށާއި ނަމަވެސް އެއީ ކޮން ތަރިންނެއްކަން ފައިނަލް ނުވާ ކަމަށެވެ. "ނޭދެން ވަކިވާކަށް" ގެ ޓިކެޓް މިހާރު ދަނީ ވިއްކަމުންނެވެ. ޕްރިމިއާ ޝޯގެ ޓިކެޓެއް 200 ރުފިޔާއަށް އަދި އެހެނިހެން ޝޯތަކުން 100 ރުފިޔާއަށެވެ.