ވިޔަފާރި

ކުދި ވިޔަފާރިއަށް އިންވެސްޓްމަންޓް ފޯރަމެއް ބާއްވައިފި

ކުދި ވިޔަފާރިއަށް ހާއްސަ އިންވެސްޓްމަންޓް ފޯރަމެއް އައްޑު އާއި ފުވައްމުލަކުގައި ބާއްވައިފި އެވެ.

އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު ވިދާޅުވީ އެ ދެ އަތޮޅުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރި ތަކަށް ހާއްސަކޮށް ބޭއްވި ފޯރަމްގައި 250 ވިޔަފާރިވެރިން ބައިވެރިވި ކަމަށެވެ.

"މި ފޯރަމްގައި ކުދި ވިޔަފާރިތަކަށް ހާއްސަ ގިނަ މައުލޫމާތު ތަކެއް ވަނީ ދީފައި،" އާދަމް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ސިލްސިލާކޮށް ފަށާފައިވާ މި އިވެންސްޓްމަންޓް ފޯރަމްތަކުގެ ފުރަތަމަ ފޯރަމްގައި މީރާއި އާއި ވިޔަފާރީގެ އެކި އިންސްޓިޓިއުޓްތަކުން މައުލޫމާތު ދީފައިވެ އެވެ.

އާދަމް ވިދާޅުވީ މި ފޯރަމްތަކުގެ ދެވަނަ ފޯރަމް އަންނަ މ. މުލީގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

"ފޯރަމްތަކުގެ މަގުސަދަކީ އެސްއެމްއީ ދާއިރާ އަށް އައިސްފައިވާ ބަދަލުތަކާއި ފުރުސަތު ތައް އަންގައި ދިނުން،" އާދަމް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކުދި ވިޔަފާރިތައް ވަރުގަދަ ކުރުމުގެ ގޮތުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) ގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފައްދާފަ އެވެ. މި ކުންފުނީގެ މަގުސަދަކީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި ގާއިމްކޮށްފައިވާ އިކޮނޮމިކް މިނިސްޓްރީގެ ގޮފިތައް ވަރުގަދަކޮށް ކުދި ވިޔަފާރި ތަރައްގީ އަށް މަސައްކަތް ކުރުމެވެ.