ލައިފްސްޓައިލް

"ވާހަކަ ކިޔައިދޭ ރަހުމަތްތެރިޔާ"ގެ ވާހަކަތައް ވާހަކަ.ކޮމް އަށް

މީގެ އަހަރެއްހާ ދުވަސް ކުރިން ފޭސްބުކްގައި އިބްރަތްތެރި އެތައް ވާހަކަތަކެއް ގެނެސްދިން ޕޭޖަކީ "ވާހަކަ ކިޔައިދޭ ރަހުމަތްތެރިޔާ" އެވެ. އެ ޕޭޖުގެ ވާހަކަަތަކީ ގިނަ ބަޔަކަށް ކަމުދިޔަ ވާހަކަތަކެކެވެ. އެހެން ނަމަވެސް އެ ޕޭޖު ހިންގަމުންދިޔަ ރ. ހުޅުދުއްފާރު މުހައްމަދު ނިޝާމްގެ ކުއްލި މަރާއެކު "ވާހަކަ ކިޔައިދޭ އެކުވެރިޔާ"ވެސް "މަރުވީ" އެވެ.

އެހެން ނަމަވެސް އެވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއެހި މީހުންނަށް އަނެއްކާވެސް މިއޮތީ އުފާވެރި ހަބަރެކެވެ. އެވާހަކަތައް އަލުން ކިޔާލަން ލިބެނީ އެވެ. ނިޝާމްގެ އާއިލާގެ ހެޔޮއެދުންތަކާއި އެކު އޭނާގެ ހުރިހާ ވާހަކަތަކެއް ވާހަކަ.ކޮމްގައި ޝާއިއުކުރަން ފަށަނީ އެވެ. އޭނާގެ ހިދުމަތުގެ ނިޝާނެއްގެ ގޮތުންނެވެ. ރެއިން ފެށިގެން އެ ވާހަކަތައް ޝާއިއުކުރަން ފަށާނެ އެވެ.

ވާހަކަ.ކޮމް އިން ބުނީ އެ ވެބްސައިޓުގައި އެވާހަކަތައް ގެނެސްދޭން ނިންމީ އެއީ ނިޝާމްއަށް ދެމިގެންދާ ހެޔޮ އަމަލެއް ކަމުގައި ލެއްވުން އެދި ކަމަށެވެ. އަދި އޭނާ ދިރިތިބީންނަށް ދޫކުރި ހަދިޔާއިން އެންމެން އިބްރަތް ލިބިގަނެ، ހެޔޮގޮތުގައި ދިރިއުޅުން ބައްޓަން ކުރުމަށް ކަމަށެވެ.

ނިޝާމް ނިޔާވުމުގެކުރިން ކާކުކަން ނޭނގޭ ގޮތަށް އޭނާ ހިންގަމުންދިޔަ "ވާހަކަ ކިޔައިދޭ ރަހުމަތްތެރިޔާ" ޕޭޖްގައި އޭނާ ވަނީ އަރަބި އަދި އިނގިރޭސި ބަހުން ހުރި ގިނަ އިބްރަތްތެރި ވާހަކަތަކެއް ދިވެހިބަހަށް ތަރުޖަމާކޮށްފައެވެ.

ނިޝާމް މަރުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ހަވީރު ފުޓު ބޯޅަ ކުޅެން ހުއްޓަ އެވެ. އޭރު އޭނާ އައީ ހުޅުދުއްފާރު ސްކޫލްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންނެވެ.

އާ ބަދަލުތަކަކާއެކު ވާހަކަ.ކޮމް ތައާރަފްކޮށްފައިވަނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. ލޯބީގެ އަސަރުގަދަ ވާހަކަތަކުން ފެށިގެން ޖާދުވީ ދުނިޔޭގެ އިބުރަތްތެރި ވާހަކަތައް އެ ވެބްސައިޓް މެދުވެރިކޮށް ކިޔާލެވޭނެ އެވެ. އަދި ވާހަކަ ލިޔަން ބޭނުންވާ ފަރާތްތަކަށްވެސް އެ ވެބްސައިޓުގައި ވާހަކަ ލިޔެވޭނެ އެވެ.