ހަބަރު

އެސްއެމްއީ ލޯނަށް ފޯމް ލުމުގެ މުއްދަތު އިތުރުކޮށްފި

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒް (އެސްއެމްއީ) ލޯނަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން ކޮންމެ އަހަރަކު ދޫކުރާ އެ ލޯނަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހެއް ކަމަށް ކުރިން ކަނޑައަޅާފައި އޮތީ މިހިނގާ ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހެވެ. ނަމަވެސް ހަފުތާއެއްގެ މުއްދަތު އަލުން އިތުރު ކުރީ ގިނަ ބަޔަކު އެކަމަށް އެދެމުން ދާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ލޯނަކީ ގިނަ ވިޔަފާރިތަކުގެ ތަރުހީބު ބޮޑު ލޯނެކެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ބެފައި ވަނީ ލޯނަށް އެދޭ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުންނާއި ރާއްޖޭގެ ހަތް ސަރަހައްދުގައި ގާއިމްކޮށްފައިވާ ވިޔަފާރީގެ މަރުކަޒު "ބިޒްނަސް ސެންޓަރު" ތަކުން ލިބޭނެ ކަމަށެވެ.


ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން ދޫކުރާ 50 މިލިއަން ރުފިޔާގެ ލޯނު ސްކީމުގައި ރަހުނު ބަހައްޓާކަށް ނުޖެހެ އެވެ. މި ސްކީމް އަމާޒުކޮށްފައި ވަނީ ދިވެހި އުފެއްދުންތެރިކަން އިތުރުކޮށް އެ ފަދަ ވިޔަފާރިތައް އިތުރަށް ތަރައްގީ ކުރުމަށެވެ.މި ލޯނު ދޫކުރަނީ ހަތް ޕަސެންޓުގެ އިންޓަރެސްޓުގަ އެވެ. އަދި ލޯނު ދެއްކުމަށް ނުވަ އަހަރު ލިބޭއިރު ، ގްރޭސް ޕީރިއަޑްްގެ ގޮތުގައި އެއް އަހަރު ލިބޭނެ އެވެ. މި މުއްދަތުގައި ހަމައެކަނި ދައްކަން ޖެހޭނީ ލޯނުގެ އިންޓަރެސްޓަށް އަރާ ބައި އެކަންޏެވެ. މި ލޯނު ވަކި ފަރުދަކު ކުރާ ވިޔަފާރިއަކަށް އެންމެ ގިނައިން ލޯނު ދޫކުރެވޭނީ ފަސްލައްކަ ރުފިޔާއާ ހަމައަށެވެ. އަދި ކުންފުނިތަކާއި ކޯޕަރޭޓް ސޮސައިޓީއެއް ހިއްސާވެގެން ވިޔަފާރިއެއްނަމަ އެ ފުޅާކުރުމަށް 1.5 މިލިއަން ރުފިޔާ ދޫކުރާނެ އެވެ.