ހަބަރު

ފާރިސް ބަންދުން ދޫނުކޮށް މައްސަލަ ކުރިއަށް ގެންދަން ނިންމައިފި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުން ދޫކޮށްލަން ނުޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

މިއަދު ކްރިމިނަލް ކޯޓްގައި އޮތް ފާރިސްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި، ގާޒީ ނިންމެވީ ފާރިސް ބަންދުން ދޫކޮށްލަން ނިންމަން ޖެހޭނެ ހާލަތެއް ނެތް ކަމަށެވެ. އެހެން ކަމުން އޭނާގެ ބަންދުގައި ހުރީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ކަނޑައެޅި އެވެ.

ކުރިމިނަލް ކޯޓުން މިގޮތަށް ނިންމީ ފާރިސްގެ ފަރާތުން މިއަދު އަޑުއެހުމުގައި ހުށަހެޅި ހުށަހެޅުމަކާ ގުޅިގެނެނެވެ. ފާރިސްގެ ފަރާތުން ވަކީލް މައުމޫން ހަމީދު ފާރިސް ދޫކޮށްލަންޖެހޭ ކަމަށް ހުށަހެޅުއްވީ ފާރިސްއަށް ކުރާ ރިޝްވަތު ދިނުމަކީ ޖިނާއީ ބޮޑު ކުށެއް ނޫންކަން ހައިކޯޓުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުރި ހުކުމެއްގައި ކަނޑައަޅާފައިވާތީ އެވެ. އެ މައްސަލައަކީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓް އަހުމަދު ޝާފިއު ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ކަނޑައަޅައި ހައިކޯޓުން ކުރި ހުކުމެވެ. ހައިކޯޓުގެ އެ ހުކުގައި މީހެއްގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ކުޑަ ކުށެއްގައި ކަމަށްވާނަމަ އޭނާ 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާރު ފާރިސް ބަންދުގައި ހުންނަވާތާ ވަނީ 68 ދުވަސްވެފަ އެވެ. މައުމޫން ހަމީދު ވިދާޅުވީ، ހައިކޯޓުގެ އެ ހުކުމަށް ކުރިމިނަލް ކޯޓުން ތަބާވާންޖެހޭނެ ކަމަށެވެ. އެ ހުކުމަށް ބަލާނަމަ މިހާރު ފާރިސް ހުންނަވަންޖެހޭނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.

އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ، ޝާފިއު މައްސަލަ އާއި ފާރިސް މައްސަލާގެ ހާލަތު ތަފާތު ކަމަށެވެ. ޝާފިއު ދޫކޮށްލީ އޭނާއާ ދެކޮޅަށް ހެކި ނެތުމުން ކަމަށެވެ. ނަމަވެސް ފާރިސް ބަންދުކޮށްފައިވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުރުމުން ގާނޫނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށެވެ. ޝާފިއުއާ ދެކޮޅަށް ހެކި ނެތުމުން އެ މައްސަަލައަކީ ދައުވާނުކޮށް އަނބުރާ ފުލުހަށް ފޮނުވާފައިވާ މައްސަލައެއްކަން ވެސް ވަކީލް ފާހަގަކުރެއްވި އެވެ.

ފާރިސްގެ ބޮޑުބޭބޭފުޅު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އައްބާސް އިބްރާހިމް ވެސް ވަޑައިގަތް ޝަރީއަތުގެ އަޑުއެހުން މެދުކަނޑާލުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، ހައިކޯޓުން ހުކުމްކޮށްފައިވަނީ ހަމައެކަނި ކުށުގެ ބާވަތަށް ބަަލައިގެން ނޫން ކަމަށާއި ވަށައިގެންވާ ހާލަތަށް ބަަލައިގެން ކަމަށެވެ. ޝާފިއުއާ ދެކޮޅަށް ހެކި ނެތް ނަމަވެސް ފާރިސްއާ ދެކޮޅަށް ހެކި އެބަހުރި ކަމަށެވެ. އެހެންކަމުން ފާރިސް ދޫކޮށްފިނަމަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން ފާރިސް ހުންނެވީ ބަންދުން ދޫކޮށްލަންޖެހޭ ހާލަތެއްގަ ނޫން ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.

އޭގެއިތުރުން ރިޝްވަތު މައްސަލާގައި ފާރިސްގެ މައްޗަށް ފުރަތަމަ ރިޝްވަތު ހިފުމުގެ ދައުވާ އުފުލުމަށްފަހު ފަހުން އެ ދުއުވާ ރިޝްވަތު ދިނުމުގެ ދައުވާއަށް ޕީޖީއިން ބަދަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގައި ދައުވާ އުފުލަންޖެހޭނެ ކަމަށް ބަޔާންކުރާ މުއްދަތަށްވުރެ 23 ދުވަސް ފަހުންކަން މައުމޫން ހަމީދު ފާހަގަކުރެއްވި އެވެ.

އެކަމާ ގުޅިގެން ޕީޖީ ވަކީލް އައިޝަތު ވިދާޅުވީ، ފާރިސްއަށް އެންމެ ފުރަތަމަ ވެސް ކުރީ ރިޝްވަތު ދިނުމުގެ ދައުވާ ކަމަށާއި އެކަން ދައުވާގެ ބާވަތުންނާއި ސީގާއިން ވެސް އެނގެން އޮންނާނެ ކަމަށެވެ. ނަމަވެސް ދައުވާކުރާ މާއްދާ ލިޔުމުގައި އެރި އޮޅުމަކުން ނުބައި މާއްދާއެއް ލިޔެވިފައިވާ ކަމަށެވެ. އެކަން ކޯޓާއި ދައުވާ ލިބޭ ފަރާތަށް އަންގައި އެކަން އިސްލާހުކޮށްފައިވާނެ ކަމަށެވެ. ދައުވާ ބަދަލުނުކުރާ ކަމަށާއި އިސްލާހުކުރީ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެކަމަށް ގޮތެއް ނިންމަވަމުން ގާޒީ އަލީ އާދަމް ވިދާޅުވީ، ދައުވާ ބަދަލުކޮށްފައިނުވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށާއި ފާރިސްގެ މައްޗަށް ފެށުނީންސުރެ ކުރާ ތުހުމަތަކީ ރިޝްވަތު ދިނުމުގެ ދައުވާކަން ވެސް އެނގޭ ކަމަށެވެ. ލިޔުމުގައިވާ ކުށް އިސްލާހުކޮށްފައިވަނީ ނޯޓިސް ވެސް ދިނުމަށްފަހު ކަމަށެވެ. ޕީޖީއިން ދައުވާ އިސްލާހުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ހުދޫދުގެ ތެރެއިން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މި މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލައި، މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ވެސް ގާޒީ ނިންމެވި އެވެ. އަދި ޝަރީއަތް ފެށުމުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ވަނީ ފުރުސަތު ދެއްވާފަ އެވެ.