"ފޭކު" އުފެއްދުމަކީ ކޮބައި ހެއްޔެވެ؟ ފުރަތަމަ އުފެދެނީ މި ސުވާލެވެ. އެއްޗެއްގެ އަސްލު، އޮޅުވާލައިގެން އުފައްދާފައިވާ ކޮންމެ އެއްޗަކީ ވެސް ފޭކު އެއްޗެކޭ ބުނެވިދާނެ އެވެ. މި ގޮތަށް ވިސްނާފައި މިހާރު އަހަރެމެން މި ގަނެވޭ އެއްޗިހީގެ އަސްލާމެދު ވިސްނާލުމަށްފަހު މި ދަނީ ބާޒާރަށެވެ.
ބާޒާރަށް ގޮސް ފުރަތަމަ ވަނީ މަސް މާރުކޭޓަށެވެ. މަސް މާރުކޭޓުގައި ވިއްކަން ހުރި މަހަށް ބަލައިލަމާ ހެއްޔެވެ. އެތަނުގައި ގިނަ އިން ވިއްކަން ހުރީ ތާޒާ މަހެއް ނޫނެވެ. އެކަން އެންމެންނަށް ވެސް އެނގޭނެ އެވެ. މިއީ އާކަމެއް ވެސް ނޫނެވެ. އެތަށް ފަހަރަކު ފިނި ކެނޑުވުމަށް ފަހު މަސް ގެނެސް ވިއްކާ މަހަކީ "ފޭކު" އެއްޗިހީގެ ގޮޅިއަށްނުފެތޭނެ ހެއްޔެވެ؟ މި މަހުގެ ފިނި އެތައް ފަހަރަކު ކެނޑުވުމަށްފަހު ހުންނަނީ މަހުގެ ލޭ ވެސް އަޅާފަ އެވެ. މީގެ ސަބަބުން އުފެދޭ ޖަރާސީމަކީ އިންސާނާގެ ހަށިގަނޑަށް ގެއްލުން ބޮޑު އެއްޗެވެ.
ދެން، ވަނީ ވަޅޯ މަސް މާރުކޭޓަށެވެ. މާރުކޭޓުގައި ވިއްކާ މަހުގެ ހާލަތު އެނގޭ ހެއްޔެވެ؟ އެތަނުގައި ވިއްކާ ގިނަ ވަޅޯ މަހަކީ އެތައް ފަހަރަކު ފިނި ކަނޑުވާފައި ހުންނަ ތާޒާކަން ގެލިފައިވާ މަހެވެ. މަސް ވަޅޯ ކުރަބް މާރުކޭޓުން ގެންދަނީ އެންމެ ފެންވަރު ދަށް މަހެވެ. އެހެންވެ މި ތަނުގައި ވިއްކާ ވަޅޯ މަހުން ވެސް ލައްކަ ގެއްލުން ވާނެ ނޫން ހެއްޔެވެ؟ މިވާނީ ކޮން ކަހަލަ އެއްޗަކަށް ހެއްޔެވެ؟ މިއީ ވެސް "ފޭކު" އެއްޗިއްސެވެ.
މި އޮތީ، ދަނޑުވެރިންގެ އުފެއްދުންތައް ވިއްކާ މާރުކޭޓުގެ ވާހަކަ އެވެ. ދޮންކެޔޮ ގަނޑުގެ ބޭރު ހުރީ ދޮންވެފަ އެވެ. އެކަމަކު ދޮން ކެޔޮވަށްތަކުގެ އެތެރެ ހުރީ ރޯކޮށެވެ. ދެނީ ވެސް ހުތް ފޮނި ރަހަ އެކެވެ. މި ވާގޮތަށް އަހާލުމުން އިވެނީ ތަފާތު ވާހަކަ ތަކެކެވެ. ބައެއް މީހުން ބުނަކީ އެ ރަހަ ދޭ ދޮންކޭލަށް ހުންނަނީ ބޭހެއް "އިންޖެކްޓް" ކޮށްފަ އެވެ. އަނެއް ބަޔަކު ބުނަނީ އެއީ ރޮލާ ހުއްޓަލައި ދޮންކެޔޮ ގަނޑު ކަނޑައިގެން ގެނައުމުން އޭގައި ލާ ރަހައެކެވެ. ކޮންމެއަކަސް މިވާނީ ވެސް "ފޭކު" އުފެއްދުމަށެވެ.
އެތެރެކުރާ ތަކެތީގެ ވާހަކަ
ކަސްޓަމްސްގެ ތަފާތު ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް 30 ބިލިއަނެއްހާ ރުފިޔާގެ މުދާ އެތެރެކުރި އެވެ. މީގެތެރޭގައި ގިނަ އަދަދަކަށް ކާތަކެތި ހިމެނެ އެވެ. ރާއްޖެއަކީ "އޯޕަން އިކޮނޮމީ" އަކަށްވުމުން ބޭނުން ވެއްޗެއް ގެނެސް އެތެރެކުރުމުގައި ދަތިތަކެއް ނޯވެ އެވެ.
ރާއްޖެއަށް އެތެރެކުރާ ބައެއް ބާވަތްތަކުގެ ވާހަކަ ދައްކާލަމާ ހެއްޔެވެ. ރާއްޖޭގެ އިމްޕޯޓު ހަލުވިކަމާއެކު އިތުރުވަމުންދާއިރު، ފުރޭނިގެން ތަފާތު ބާވަތްތައް ދަނީ ރާއްޖެ އެތެރެވަމުންނެވެ. މިގޮތުން ރާއްޖޭގައި ޒަމާނުއްސުރެން ފެށިގެން ވިއްކާ މަޝްހޫރު ކޮފީއަކާއި ނޫޑްލުސްއެއްގެ "ނަކަލު" ބަޔަކު ވެސް ގެނެސްގެން އާއްމުންގެ ސަމާލު ކަމަށް ވަނީ ގެނެވިފަ އެވެ. އަދި ފާހާނާ ސާފު ކުރަން ބޭނުންކުރާ ބައެއް ބާވަތްތަކުގެ "ފޭކު" އުޅޭތީ ވެސް އާއްމުންގެ ސަމާލު ކަމަށް ދަނީ ގެންނަމުންނެވެ. މިނޫން އެހެން ބާވަތްތަކުގެ ތެރޭގައި ދޮންނަ ކުނޑި އާއި ތަށިދޮންނަ ބައެއް ބާވަތްތަކުގެ ފޭކު ވެސް ވިއްކަ އެވެ.
ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ވިދާޅުވީ ބައެއް އެއްޗިހީގެ މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްލައިގެން ގެނައުން ފަދަ މައްސަލައެއް ކުރިމަތިވެފައި އެބަހުރި ކަމަށެވެ.
"ބައެއް އެއްޗިހީގެ ލޭބަލް ބަދަލުކޮށްލައިގެން ގެނެސްފައި ވެސް އެބަހުރި. އެކަން އެނިގެން އެ އެތެރެކުރާ ކުންފުންޏާ ހަމަ އަށް ދިއުމުން އެ ބޭފުޅުން އޭގެ ބާކޯޑު ބެލުމަށް ފަހު މި ބުނަނީ މި އެއްޗަކީ މިވެނި ދުވަހަކު އެކްސްޕަޔާ ވެފައި ހުރި އެއްޗެކޭ. މިހެން ހެދުމަކީ ވަރަށް ބޮޑު ނުރައްކަލެއް،" އާމިރު ވިދާޅުވި އެވެ.
ނޫހުގައި ނަން ނުޖެހުމަށް އަދި ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުނި ގޮތުގައި ފޭކު އުފެއްދުންތަކުގެ ސަބަބުން ބާޒާރު ދަނީ ހަލާކުވަމުންނެވެ.
"މީގެން ލިބޭ ދެ ގެއްލުނެއް. އެންމެ ބޮޑު ނުރައްކަލަކީ ސިއްހީ ގޮތުން ލިބިދާނެ ގެއްލުމެއް. އަނެއް ކަމަކީ އަގު ބޮޑުކޮށް ރަނގަޅު އެއްޗިހި ގެނެސް ވިއްކާ މީހުންނަށް ލިބޭ އުނދަގޫ. މިގޮތަށް ފޭކު ގެނެސް ވިއްކުމުން މާކެޓު ގެއްލޭ ގޮތް ވޭ،" ނަން ނުޖެހުމަށް އަދި ބުންޏެވެ.
ޒީނަތްތެރިވާ ކޮސްމެޓިކްސްގެ ހާލަތު
މި އަދުގެ އަންހެން ކުދިންނަކީ ވަރަށް ތިއްތި ބައެކެވެ. ތިއްތި ދައްކާ ބައެކެވެ. މި ކުދިން ކޮސްމެޓިކްސް އެއް އަންނައިރަށް އަންނައިރަށް އެ ގަނެލަ އެވެ. ދެން އޮތް ސުވާލަކީ ބާޒާރުގައި ފޭކު ކޮސްމެޓިކްސް ވިއްކާ ހެއްޔެވެ؟ ފިހާތަކަށް ވަދެ ބަލައިލާއިރު ލައްކަ ގިނަ ބްރޭންޑުތައް މިހާރު އެބަ ހުއްޓެވެ.
ދިވެހިންގެ ޒީނަތްތެރިވުމަށް އައިސްފައިވާ ބޮޑު އިންގިލާބާއެކު ބޮޑީ ސްޕްރޭ އާއި މޫނުގައި ޖަހާ ފުށް އަދި ލިޕްސްޓިކް ފަދަ އެތައް ބާވަތެއް މިހާރު ބާޒާރުގައި އެބަހުއްޓެވެ. އެކަމަކު ބޮޑީ ސްޕްރޭ ގަންނަ މީހުންނަށް އެނގޭނެ އެވެ. މިހާރު ހުންނަ ބޮޑީ ސްޕްރޭތަކުން ވަސް ކެނޑިގެންދަނީ އާދަޔާ ހިލާފު އަވަހަށެވެ. ސުވާލަކީ މިއީ ކޮން ބާވަތެއްގެ ބޮޑީ ސްޕްރޭއެއް ހެއްޔެވެ؟ ކުރިން ގިނައިރު ވަސް ހުންނަ ބޮޑީ ސްޕްރޭ މިހާރު ކުއްލިއަކަށް މާ އަވަހަށް ވަސް ކެނޑެނީ އެވެ. މި ސުވާލު ދޫކޮށްލަނީ ކިއުންތެރިންނަށެވެ.
"ފޭކު" ވިއްކުމުގައި ބިދޭސީން!
ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ފަރާތްތަކުގެ ތެރޭގައި "ބާރުގަދަ" ބިދޭސީން އެބަތިއްބެވެ. މިމީހުންގެ ބާރުގައި ރާއްޖޭގެ ބާޒާރަށް ތަފާތު ގިނަ ބާވަތްތައް ދަނީ އެތެރެ ކުރަމުންނެވެ. އެކަން ރާއްޖެއަށް މުދާ އެތެރެކުރާ ބޮޑެތި ކުންފުނިތަކުން ވެސް ބުނެ އެވެ.
ރާއްޖެ އަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި ރާއްޖެ އަށް "ފޭކު" އުފެއްދުންތައް ގެނައުމުގައި އަވައްޓެރި ގައުމުތަކުގެ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ.
"އެބަ ހުރި މަޝްހޫރު ބައެއް އެއްޗިހި އެއްޗިހި ވެސް ގެނެސްފަ. މިގޮތަށް ގެންނައިރު މާކަގިނައަކުން ނުގެނޭ. ދެ ތިން ޕެލެޓް މި ގެންނަނީ. ގެންނައިރު މި އެއްޗިހި އެތެރެކުރާ ކުންފުނިތަކުން މި ހުންނަނީ ވަރުގަދަ އަށް މީގެ ޕްރޮމޯޝަން ޖައްސާ ހަދާފަ. މިހެންވެ ގަންނަ މީހަކަށް ފޭކެއް ނޭނގެ މީހުން ގަނެލަނީ. މީގެ ހުރިހާ ފައިދާއެއް މި ވަނި އެ ގެނައި ބަޔަކަށް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ފޭކު އުފެއްދުންތަކަކީ މީގެ ނުރައްކާ ބޮޑު ތަކެއްޗެވެ. ހާއްސަކޮށް މިގޮތަށް ކެއުމަށް ބޭނުންކުރާ އެއްޗިހި ގެނެވޭނަމަ އެވާނީ ވަރަށް ބޮޑު ގެއްލުމަށެވެ. އެހެންކަމުން މިއީ ވިސްނަން ޖެހޭ މުހިންމު ކަމެކެވެ.