މިއުޒިކް

ތި އުޅެނީ ބޮބް ނުފެނިގެންތަ؟

"ކުރިއަށް އޮތްތާ ބޮބްގެ އެއްޗެހި ނުކުންނާނެ، ކުރިއަށް ދާނީ މިކަމުގަ، ކުރިއަށް ދާނީ މިޔުޒިކީ ދާއިރާއިން، އެ ނޫން ދާއިރާއަކުން އަޅުގަނޑު ކުރިއަށް ނުދާނަން، އަމިއްލަ ލަވަތައް ވެސް ނެރެ،" މުހައްމަދު ތަސްނީމް (ބޮބް) މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ކާމިޔާބުކޮށް ތަށި އުފުލާލުމަށްފަހު އަވަސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އައިޑޮލްގެ ތަށި ހިފައިގެން އެނބުރި އުފަން ރަށް، މާފުށްޓަށް ދިޔަ ގޮތަށް "ގެއްލިއްޖެ" އެވެ. ފޭނުން ބުނަނީ އެހެންނެވެ.

އެހެންވީމަ ފިލާ ހުރެގެން ބޮބް ކުރާ ކަމެއްވެސް ބަލައިލަންވާނެ އެެވެ. ބޮބް އަށް ގުޅާލިއިރު ހީވާގޮތުން ބިޒީ އެވެ. މިހާރު އޭނާ އުޅެނީ ޕީއެސްއެމްގެ އަލްބަމެއްގެ މަސައްކަތުގަ އެވެ. އައިޑޮލްގެ ދެވަނަ ސީޒަންގެ ޖަޖު އިސްމާއިލް އައްފާން އާ ގުޅިގެން އެ މަސައްކަތް ކުރާއިރު ގާތްގަނޑަކަށް ލަވަތައް ރިކޯޑުކޮށް ވެސް ނިމިއްޖެ އެވެ. ހަ ލަވަ ހިމެނޭ އެ އަލްބަމަކީ އަމިއްލަ ރާގުގެ އަލްބަމެކެވެ.

އައްފާން ލިރިކްސް ހަދާފައިވާ އެ އަލްބަމްގެ ލަވަތަކުގެ މިއުޒިކް ހަދަނީ ބޮބް އާއި އައްފާނެވެ. ދެން އޮތީ ލަވަތަކުގެ ވީޑިއޯ ހެދުމުގެ މަސައްކަތެވެ. މި ދުވަސްވަރުގެ މޫސުން އޮންނަ ގޮތަށް ބަލާފައި ވީޑިއޯތައް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށާއި އަލްބަމް ނެރޭނެ ތާރީހެއް ބުނަން ޔަގީން ނުވާ ކަމަށް ބޮބް ބުންޏެވެ. އެހެން ނަމަވެސް ގިނަ ދުވަސްތަކެއް ނުވާނެ އެވެ.

މި އަލްބަމް ނެރުމަށްފަހު ބޮބް އޭނާގެ އަމިއްލަ އަލްބަމްގެ މަސައްކަތް އަނެއްކާވެސް ފަށާނެ އެވެ. މިހާރުވެސް އޭގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ބޮބްގެ އާ ލަވައެއް ނުވަތަ ކަވާއެއް އަޑު ނީވުނަސް ބޮބް ވަރަށް ބިޒީ އެވެ. އަލްބަމްގެ މަސައްކަތްތަކާއި ރިސޯޓް މިއުޒިކްގައި ބޮބްގެ ޝެޑިއުލް އެއްކޮށް ފުލް އެވެ. ޑިސެމްބަރު މަހު އޮންނަ އޭބީޔޫ ފެސްޓިވަލަށް ތައްޔާރުވުން ވެސް ކުރިއަށް އެބަދެ އެވެ.

ރިސޯޓު މިއުޒިކަށް ބޮބް ދަނީ ކުރިންވެސް އޭނާ އުޅުނު މާފުށީ ބޭންޑާ އެކުގަ އެވެ. އައިޑޮލްއަށް ފަހު އެ ބޭންޑަށް އަދި ބޮބްއަށްވެސް އަންނަނީ ގިނަ ފުރުސަތުތައް ލިބެމުންނެވެ. ފިލްމުތަކަށް ލަވަ ކިޔަންވެސް ފުރުސަތު ލިބެ އެވެ. އެހެން ނަމަވެސް ބޮބްގެ ޝެޑިއުލް ބިޒީކަމުން އެކަމަށް ވަގުތު ހުސް ނުކުރެވުނީ އެވެ.

މާފުށީގެ އެ ބޭންޑަކީ ބޮބްގެ ވަރަށް ގާތް ބަޔަކު އުޅޭ ހިންގާ ބޭންޑެކެވެ. ބޭންޑްގެ ލީޑް ވޯކަލިސްޓްގެ ގޮތުގައި ބޮބް އުޅޭތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެ އެވެ.