ލައިފްސްޓައިލް

މި މަލަށް، އަންހެން ކުދިންގެ ހިތްދީފި!

ފެސްބުކްގައި ވަރަށް އާދަޔާހިލާފު ކަމެއް އަންހެންކުދިން އެބަކުރި އެވެ. ފޭސްބުކަށް ވައްޓާލަނީ ސަންފްލާވާއެކެވެ. ނޫނީ އޭގެ މަލެއްގެ ރޫޅާލެވިފައިވާ ފިޔަތަކެވެ. ދެން ލިޔެފައި ހުރެ އެވެ: "ފުން ލޯތްބެއް އެބަ އާލާވޭ..." މިއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟

އެއް ކުއްޖަކު އޭގެ ޖަވާބު ވެސް ލިޔެފައި އެބައޮތެވެ. ރަތް ފިނިފެންމަލުގެ ލޯތްބާ ސަންފްލާވަރުގެ ލޯބިއަރައި ހަމަކުރީ އެވެ. ލޯބީގައި ސަންފްލާވާ މާބޮޑުވެފައި ލޯބިވީއެވެ.

ފިނިފެންމަލެއް އަންހެން ކުއްޖަކަށް ދިނުމުން ވަރަށް ގިނަ ފަހަރަށް ލޯތްބެއް ހާސިލުވެ އެވެ. އެހެން ގޮތަކަށް ބުނާނަމަ އެ އަންހެން ކުއްޖަކު "ސެޓު" ވީ އެވެ. ރަތް ފިނިފެން މަލަކާއެކު ޖީއެން ސައިކަލެއްގައި އަންހެން ކުއްޖާ ގޮވައިގެން ދުއްވާލުމުން އަންހެން ކުއްޖާ ސެޓުކުރެވޭ ޒަމާނެކެވެ. އޯކިޑް، ލިލީ ކަހަލަ އެއްވެސް މަލަކަށް ރަތް ފިނިފެންމާ ވައްޓާލާފައި މިހާތަނަށް ކުރިއަކަށް ނޭރުނެވެ. އަންހެން ކުދިންގެ ހިތްތަކުން ރަތް ފިނިފެންމަލަށް ދެވިފައި އޮތް ޖާގައަށް ވެރިވެގަތުމަކީ އެހާ ފަސޭހައިން އެހެން މަލަކަށް ކުރެވޭނެ ކަމަށް އޮތީ ނުވެއެވެ.

ނަމަވެސް މިހާރު ރަތް ފިނިފެންމާ ފަހަތަށް ޖައްސާލާފައި އެހެން މަލެއް މިއުޅެނީ އަންހެން ކުދިންގެ ހިތްތަކަށް ވެރިވެގަނެގެންނެވެ. އެމީހުންނަށް މިހާރު އެންމެ ރީތި އަދި "އޯލް ޓައިމް ފޭވަރިޓް" އަކަށް އެ މާ ވެއްޖެ އެވެ. އެއީ ސަން ފްލާވާ އެވެ.

ފޭސްބުކްގެ ޕްރޮފައިލް ފޮޓޯ އަދި ކަވާ ފޮޓޯއަށްވެސް ސަން ފްލާވާ ފޮޓޯ އެވެ. ނުވަތަ އޭގެ މަލެ ހިފައިގެން ނަގާފައިވާ ފޮޓޯ އެވެ. އެކުދިންގެ ޕްރޮފައިލް ބަލައިލާއިރު އެ މަލުގެ ފޮޓޯތައް ގިނަ އެވެ. ޝެއާ ކުރަނީ ވެސް އެއެވެ. ކުއްލިއަކަށް ސަން ފްލާވާ އަރައި ރަތް ފިނިފެންމާ ބަލިކޮށްލީ ކިހިނެއް ހެއްޔެވެ؟

"ސަން ފްލާވާއަކީ އެންމެ ފޭވަރިޓް ކުލައިގެ އެންމެ ރީތި މާ، ބްރައުން ކުލަ އާއި ޔެލޯގެ ކޮމްބިނޭޝަން ވެސް އެހާގުޅޭ، އެހެން މާތަކާ ހިލާފަށް ސަން ފްލާވާ ފީލްޑްސް ވެސް މާ ރީތި" ފޭސްބުކްގެ ކަވާ ފޮޓޯ އާއި ޕްރޮފައިލް ފޮޓޯއަށްވެސް ސަން ފްލާވާ ހިފައިގެން ހުރި ފޮޓޯ ލައިގެން އުޅޭ އަންހެން ކުއްޖަކު ބުންޏެވެ.

ރަތް ފިނިފެންމަލެއް ދީފައި ފިރިހެން ކުއްޖަކު ލޯބިވެވޭ ބުނީމާ ބަލައިލެވޭ ޖަޒުބާތުގައި ސަން ފްލާވާ ހިފައިގެން ދިއުމުންވެސް ބަލައިލެވެނީ އެވެ. މާލެ ތެރެއިން ރީތި އަންހެން ކުއްޖެއްގެ ހިތުން މިއަދު ޖާގައެއް ހޯދެނީ ސަންފްލަވަރާ ވެސް ކައިރި ވެގެނެވެ. އެންމެ މަލަކުންވެސް އެކަން ސެޓް ވެދާނެ އެވެ. ބޮޑު ބޮޑު މި މަލަށް އަންހެން ކުދިން ހިތްދީފައި ވަނީ އާދައިގެ ގޮތަކަށް ނޫނެވެ.

ފަހަރުގައި އެ މަލުގެ މާނައަށް ބަލަނީ ކަންނޭނގެ އެވެ. އެއީ އުފާވެރިކަން ރަމްޒުކޮށްދޭ މަލެކެވެ. މިމަލުގެ މާނަ އަކީ "ފުން ލޯތްބާއި، އިހުތިރާމް! ވަފާތެރިކަމާއެކު އަބަދުގެ އަބަދަށެވެ!"