ރިޕޯޓް

މިނެއް ނެތް ސަނާ ރައީސަށް ދޭކަށް ނުޖެހޭ!

"އޭޓީއެމްއިން އުފާވެރިކަން"، "ތައުލީމް ރަނގަޅު ކުރުމަށް ލައިބްރަރީ"، "ކަރަންޓު ޔަގީންކުރަން ޖަނަރޭޓަރެއް،" މިއީ ވަރަށް އަސާސީ ކަންކަމުގެ ވާހަކަ އެވެ. ރަށެއްގައި ނަމަ ހުންނަން ޖެހޭނެ ވަރަށް އަސާސީ ހިދުމަތްތަކެވެ. އެއީ ރަށް ކުޑައަސް ހުންނަންޖެހޭ ކަންކަމުގައި މިހާރު އޮވެ އެވެ.

ގއ. ކޮލަމާފުއްޓަށް އިއްޔެ ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވައި، އެންމެން ސަނާ އޮއްސާލީ މި ކަންތައްތައް އެ ރަށަށް ރައީސް ކޮށްދެއްވާފައިވާތީ އެވެ. ޅެން ބައިތުތަކެއްގައި ފަށްފަށުން ރައީސަށް ސަނާގެ ބަސްތައް އަމުނާލި އެވެ. ސްކޫލް ދަރިވަރުންނެވެ. ރައީސް އިންނެވީ ކުރިމަތީ އިއްޒަތުގައި އުނދޯލިކޮޅުގައި އަނބިކަނބަލުންނާއެކު އުނދޯލިކޮޅު ހެއްލަވާށެވެ.

ފުރަތަމަ މި ދެއްކުނީ އަސާސީ ހިދުމަތްތަކެއްގެ ވާހަކަ އެވެ. ދެން މި ދެއްކުނީ އެ ކަންކަން ހާސިލުވުމުން ރައްޔިތުން އަމަލު ކުރި ގޮތުގެ ވާހަކަ އެވެ. އެކަމަކު މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ރާއްޖެއަކީ ރަސްކަމެއް އޮތް ގައުމެއް ނޫނެވެ. އެކަން ވަނީ މާޒީވެފަ އެވެ. މިއީ ރައްޔިތުންގެ ވެރިކަމެވެ. ރައްޔިތުންގެ ބާރެވެ.

އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެއިރަކު އޮންނަ ސަރުކާރެއްގެ މައްޗަށް ވާޖިބެކެވެ. ރައްޔިތުން ވޯޓުދީ ސަރުކާރު ހޮވަނީ އެކަންކަން ކޮށްދިނުމަށް ވައުދުވުމުންނެވެ. އެއީ ރައީސަކަށް ހުންނަވާ ބޭފުޅަކަށް ރައްޔިތުން ދޭ އިހުތިޔާރެއް ނޫނެވެ. ހަވާލުކުރާ ޒިންމާއެކެވެ. އެ ޒިންމާ އަދާކުރެއްވުމުން ސަނާ ކިޔައި ކުރުނީސް އަދާ ކުރުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ކަންކުރާ ގޮތެއް ނޫނެވެ. ހިދުމަތްތައް ފޯރު ނުކޮށްދޭނަމަ އެއީ ފެއިލްވެފައިވާ ވެރިއެކެވެ. ކޮށްދެއްވާނަމަ އެ ވެރިޔަކަށް ދެވަނަ ފަހަރަށް ވޯޓު ދެނީ އެވެ.

ރަސްކަލެއް ފަދައިން އުނދޯޔަށް އަރުވައި ކުރިމަތީ ބަނޑިޔާ ޖަހައި، ފަރި ދެއްކުމަކީ ރަސްކަމުގެ ސިފަތަކެވެ. ރައްޔިތުންގެ އަޅުވެތިކަން ރަމްޒުކޮށްދޭ ކަމެކެވެ. ރަސްވެރިންގެ އިއްޒަތް ދައްކުވައިދޭ ކަމެކެވެ. އެ ކަންކަމަކީ ޑިމޮކްރަސީއާއެކު މާޒީއަށް ގޮސްފައިވާ އާދަތަކެވެ. އެ އާދަތައް އަލުން ވުޖޫދުވުމަކީ ކަންބޮޑު ވުމެކެވެ. ކޮލަމާފުށިން އެ މަންޒަރު ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ. ވެރިން ތިއްބެވީ މަޑު ގޮނޑިކޮޅުގައި ވަރަށް އިއްޒަތުގަ އެވެ. ރައްޔިތުން އާދައިގެ ގޮނޑީގަ އެވެ. ސަނާ އޮއްސަމުން ދިޔައީ، ހައިރާންވާ މިންވަރަށެވެ. ނަމަވެސް ރަށަށް ކޮށްދެއްވާފައި ހުރި ކަންކަން ކަމަށް ބުނާ ވާހަކަތަކީ ވަރަށް އަސާސީ އަދި ރައީސް އެ ކަންކަން ފޯރުކޮށްދިނުން ވާޖިބު ކަންކަމެވެ. އެ ކަންކަން ފޯރުކޮށްދީފައިވަނީ ވެސް ރައްޔިތުން ދައްކާ ޓެކްހުގެ ފައިސާއިންނެެވެ. އެހެންވާއިރު، ރައީސްއަށް އެހާވަރަށް ސަނާ ކިޔުން ހަމަ ހައްގުތޯ އަމިއްލައަށް ވިސްނާލާށެވެ؟ ރައީސް ވެސް އެވަރަށް ތައުރީފު ބޭނުންފުޅުވާނެ ކަމަށް ގަބޫލެއް ނުކުރެ އެވެ.

ރައީސްއަށް ހުންނަވާ ބޭފުޅާ ކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދެއްވާނަމަ ޝުކުރު އަދާކުރާނީ ވޯޓު ފޮށިންނެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ވެސް މިކަމާ އެއްބަސްވެވަޑައިގަންނަވަ އެވެ. އަބްދުލްރަހީމް ވިދާޅުވި ގޮތުގައި ދިދަ ހޫރުވައި ސަލާމް ކުރުމަކުން ސަރުކާރަށް ޝުކުރު އަދާނުކުރެވެ އެވެ. ޝުކުރު އަދާކުރެވޭނީ ރިޔާސީ އިންތިހާބުގައި ސަރުކާރު ދެވަނަ ދައުރަކަށް ގެނައުމަށް ވޯޓު ދިނުމުންނެވެ.

ރައީސަކު ރަށަށް ވަޑައިގަންނަވާނަމަ، އެ ވާނީ އެ ރަށަކަށް އީދަކަށެވެ. އެކަން ފާހަގަ ކުރުމަކީ ގޯހެއް ނޫނެވެ. ރައީސްއަށް މަރުހަބާ ދެންނެވުމުގައި ވެސް ގޯހެއް ނެތެވެ. ޝުކުރު އަދާކުރުން ވެސް ހަމަ އެފަދަ އެވެ. އެކަމަކު މިނެއް ނެތް ސަނާ އޮއްސައި، ތައުރީފްގެ ބަސްތަކުން ރައީސް ވެސް ލަދުގަންނަވަރު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އެއީ ރައްޔިތުންގެ އަތުގައި އޮތް ބާރު ހަނދާން ނައްތާލައި ކަމެކެވެ. ސަނާ ކިޔުމުގައި ހައްދެއް ގެންގުޅޭށެވެ.