ވިޔަފާރި

ޓޫރިޒަމް ދެމެހެއްޓޭނީ ސުލްހަވެރިކަން ގާއިމް ކޮށްގެން: ރައީސް

ރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓޭނީ ގައުމުގައި ސުލްހަވެރިކަން ގާއިމް ކުރެވިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރާއިރު ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ހޯދާފައިވާ ކުލަގަދަ ކާމިޔާބީތަކާއި ރަން ވަނަ ތަކަކީ އެއާމެދު ކޮންމެ ދިވެއްސަކު ވެސް ފަހުރުވެރިވުން ހައްގު ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން މި ސިނާއަތުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ހެޔޮއެދުން އަރިސްކުރާ ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ޝިއާރަކީ "ދެމެހެއްޓެ ޓޫރިޒަމް- ތަރައްގީގެ ވަސީލަތް" މިއެވެ.

މި ޝިއާރާ ބެހޭ ގޮތުން ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި މުހިންމު ޝިއާރެއް ކަމަށެވެ. އަދި ޓޫރިޒަމް ސިނާއަތުން ރާއްޖެ އަށާއި ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައި ދިނުމަށްޓަކައި ފަހިކޮށްދެވެން ހުރި ކަންތައްތައް ފަހިކޮށްދެއްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މިގޮތުން ޓޫރިޒަމް ސިނާއަތުން ސީދާ ގޮތެއްގައި މަންފާ ލިބޭ ފަރާތްތައް އިތުރު ކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތަކެއް ފަހިކޮށްދެވިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވާހަކަ ދައްކާއިރު، ރާއްޖޭގެ ފަތުރުވެރިކަނ ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްގީ ކޮށް ކުރިއެރުވުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރާކަން ފާހަގަ ކުރަމެވެ. މިގޮތުން މި މަސައްކަތްތަކުގެ ތެރެއިން ރާއްޖެ އަށް ޒިޔާރަތް ކުރާ ދަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ދައުރުގައި 50 ރިސޯޓު ހުޅުވައި، އެ ތަންތަނުން ހިދުމަތް ދޭން ފެށުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެކެވެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ އަންނަ އަހަރު 30 ރިސޯޓު ހުޅުވިއްޖެނަމަ އޭގެ ސަބަބުން 18،000 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

"ހަމައެފަދައިން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް ބޮޑު އިންގިލާބެއް ގެނެސްދޭ އެންމެ ބޮޑު މަޝްރޫއަކީ މަޝްރޫއުތަކުން ރާއްޖޭގެ ރައުސުލްމާލު ހެޔޮގޮތުގައި ބޭނުން ހިފައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށްވާތީ އެވެ،" ރައީސް ވިދާޅުވި ެވެ.

ރައީސްގެ ހިތާބުގައި ރާއްޖޭގެ ޓޫރިޒަމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ ދަތުރުފަތުރުގެ ނިޒާމުގެ މައްސަލަ ހައްލު ކުރަން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ބައްލަވައި ލެއްވި އެވެ. މިގޮތުން އެއާޕޯޓުތައް އެޅުމާއި ރާއްޖޭގެ މައި ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވެ އެވެ.