ބޮލީވުޑް

އަމީތާބްގެ 75 ވަނަ އުފަން ދުވަސް ފާހަގަކުރަން ރާއްޖެއަށް

Sep 27, 2017
4

މާ ކުލަ ގަދަކޮށް ޕާޓީއެއް ބާއްވައިގެން އުފަން ދުވަސް ފާހަގަ ކުރުމަކީ އަމީތާބް ބައްޗަން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އޭނާއަށް އުމުރުން 75 އަހަރު މި އަހަރު ފުރޭއިރު އެގޮތަށް އުފަން ދުވަސް ފާހަގަކުރާކަށް އަމީތާބް ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އޭނާއަށް ސަޕޯޓުކުރާ އެތައް މިލިއަން ބައެއް ކޮންމެ އަހަރަކުވެސް އޭނާގެ އުފަން ދުވަސް ފާހަގަ ކުރެ އެވެ.

އަމީތާބް ބޭނުންވަނީ އޭނާގެ އާއިލާ އާއި ގާތް ރައްޓެހިންނާއެކު ކުޑަގޮތަކަށް މި ފަހަރު އުފަން ދުވަސް ފާހަގަ ކުރާށެވެ. އޭނާގެ އުފަން ދުވަހަކީ އަންނަ މަހު 11 ވަނަ ދުވަހެވެ. ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި އަމީތާބްގެ އުފަން ދުވަސް ފާހަގަކުރަން މިފަހަރު ރާއްޖެ އަންނާނެ އެވެ. މީގެ ކުރިންވެސް އެތައް ފަހަރަކު އަމީތާބް ވަނީ ރާއްޖެ އައިސްފަ އެވެ. އޭނާގެ ދަރިފުޅު އަބީޝޭކްގެ އުފަން ދުވަސް ފާހަގަ ކުރަން މިދިޔަ އަހަރު ކުރީކޮޅު އާއިލާ އެކީގައި ރާއްޖެ އައިސްފައިވެ އެވެ. އެ އާއިލާ އެފަހަރު ތިބީ ރީތި ރަށް ރިސޯޓުގަ އެވެ.

އަމީތާބް އާއެކު މިފަހަރުވެސް އަބީޝެކް ބައްޗަން، އައިޝްވާރިޔާ ރާއީ، ޝުވޭތާ ނަންދާ އަދި ޖާޔާ ބައްޗަން ބައިވެރިވާނެ ކަމަށްވެ އެވެ.

ކުލަގަދަކޮށް އެންމެ ފަހުން އަމީތާބް ފާހަގަކުރީ އޭނާގެ 70 ވަނަ އުފަން ދުވަހެވެ. އެއީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް އަމީތާބް އުފަން ދުވަސް ފާހަގަކުރަނީ އާއިލާ އާ ގާތް މީހުންނާ އެކުގަ އެވެ.

އަމީތާބްގެ އުފަން ދުވަހަށް އޭނާ ރާއްޖެ އަަންނަން ނިންމާފައިވަނީ ޑަބްލިއުއެޗުއޯގެ ފަރާތުން މި މަހު ރާއްޖޭގައި ކުރިއަށް ގެންދިޔަ އެ ޖަމިއްޔާގެ 70 ވަނަ ސައުތް އީސްޓް އޭޝިއާގެ ބައްދަލުވުމުގައި ބައިވެރިވާން ނިންމައި އެންމެ ފަހު ވަގުތު ދަތުރު ކެންސަލް ކުުރުމަށް ފަހުގަ އެވެ. އެ ދަތުރު އަމީތާބް ކެންސަލް ކުރީ ބަލިވެ އުޅޭތީ ކަމަށްވެ އެވެ. އެހެން ނަމަވެސް އަމީތާބް ވަނީ ވީޑިއޯ މެދުވެރިކޮށް އެ ބައްދަލުވުމުގައި ބައިވެރިވެފަ އެވެ.