ހުޅުމާލެ

އުސް އިމާރާތަކުން ދެމީހަކު ވެއްޓި ޒަހަމްވެއްޖެ

Sep 27, 2017
6

ހުޅުމާލޭގައި ހަދަމުން އަންނަ 12 ބުރީގެ އިމާރާތަކުން ވެއްޓި ޒަހަމްވި ބިދޭސީ ދެ މީހަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ. އޭގެ ތެރެއިން އެކަކަށް ބޮޑެތި އަނިޔާ އާއި ޒަހަމްތައް ލިބިފައި ވެއެވެ. ފުލުހުން ބުނި ގޮތުގައި މިހާރު އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ދެ މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް އެވެ.

އަދި ބުނީ އެ ދެ މީހުންގެ ތެރެއިން އެކަކު ވެއްޓިފައި ވަނީ އިމާރާތުގެ 12 ވަނަ ބުރީގެ މަތީން ދެ ވަނަ ބުރީގެ ބެލްކަނީގެ ތެރެއަށް ކަމަށާއި އެއީ އިންޑިޔާގެ ރައްޔިތެއް ކަމަށެވެ.

އަމީން ކޮންސްޓްރަކްޝަނުން ހަަދަމުން ދިޔަ އުސް އެ އިމާރާތުގެ މަސައްކަތުގައި އުޅެނިކޮށް މިއަދު ހަވީރު 4:15 އެހާކަންހާއިރު ހިނގި ހާދިސާގެ ތެރޭގައި ޒަހަމްވި އަނެއް މީހާ ވެއްޓުނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ބޭނުންކޮށްފައިވާ އައްޓެއްގެ މައްޗަށެވެ. އޭނާއަކީ ބަންގްލަދޭޝްގެ މީހެކެވެ. މި ދެ މީހުން ވެއްޓުނީ އިމާރާތުގެ ވައިގޮޅީގެ މަސައްކަތްތަކެއް ކުރަން އުޅުމުގެ ތެރޭގަ އެވެ. މީގެ ތެރެއިން ހާލު ސީރިއަސް ވެފައި ވަނީ އިންޑިއާ މީހާ އެވެ.

ފުލުހުން ގެންދަނީ ކޮންސްޓްރަކްޝަން އެ ސައިޓާއި ހުޅުމާލޭ ހޮސްޕިޓަލްގައި ހަރަކާތްތެރިވެ ތަހުގީގު ފަށާފަ އެވެ. އެ ސައިޓްގައި މަސައްކަތް ކުރަމުން އައި ބައެއް އެހެން ބިދޭސީން ވެސް މަސައްކަތް ދޫކޮށްލުމަށްފަހު ގޮސް ތިބީ ހުޅުމާލޭގެ ހޮސްޕިޓަލް ކައިރީގަ އެވެ.

މިމަހުގެ ތެރޭ މާލޭގެ އިމާރާތެއްގެ މަތިން ވެސް ބިދޭސީއަކު ވެއްޓި ވަރަށް ބޮޑަށް ޒަހަމްވި އެވެ.