ހަބަރު

އަނަސްގެ މަރާ ގުޅިގެން ހޯދާ އެކަކު ހައްޔަރުކޮށްފި

ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސް މަރާލި މައްސަލާގައި ފުލުހުން ހޯދަން އިއުލާނު ކުރި ދެ މީހުންގެ ތެރެއިން އެކަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ހައްޔަރުކިށްފައިވަނީ އެ މައްސަލައިގައި ހޯދަން އިއުލާނު ކުރި ތ. ކިނބިދޫ، ގުލްފާމްގެ މުހައްމަދު ޝާޒް އެވެ. އެ މައްސަލައިގައި ދެން ހޯދަމުންދަނީ މ. ލޮނުމިދިލިގޭ އުމުރުން 21 އަހަރުގެ އަފްރާހު އަބްދުއްރައްޒާގެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އަނަސްގެ މައްސަލައިގެ 99 ޕަސަންޓް ތަހުގީގު ނިންމާފައިވާ ކަމަށާއި މިވަގުތު ކުރިޔަށް ދަނީ އެ މައްސަލައިގެ އެންމެ ފަހުގެ މަރުހަލާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ހާމައެއް ނުދެއްވަ އެވެ.

އަނަސް މަރާލި މައްސަލައާ ގުޅިގެން މިދިޔަ މަހު ކޯޓު އަމުރެއްގެ ދަށުން މ. ދިމިޝްގު ބަލައި ފާސްކޮށް އުމުރުން 23 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ކުއްޖަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި މިދިޔަ މަހުގެ ހަ ވަނަ ދުވަހު މ. އަސަރީހިޔާގެ ބަލައި ފާސްކޮށް ޖުމްލަ 12 މީހަކު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. އެ މީހުންގެ ތެރޭގައި އަނަސްއަށް ވަޅިން ހަމަލާދީ އޭނާ މަރާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭރު ހައްޔަރުކުރި މީހުންގެ ތެރޭގައިވެސް 18 އަހަރު ނުފުރޭ ކުޑަ ކުދިން ތިއްބެވެ.

އަތޮޅު ފެރީގެ ކެޕްޓަނެއްގެ ވަޒީފާގައި އުޅުނު އަނަސް، އަނިޔާވެރި ގޮތަކަށް މަރާލީ ފެރީ ދަތުރުގައި މާލެ އައިސް ހުއްޓަ އެވެ. އޭނާގެ އާއިލާއިން ބުނަނީ އަނަސް އަކީ އެއްވެސް ގްރޫޕަކާ މައްސަލައެއް އޮތް ޒުވާނެއް ނޫން ކަމަށެވެ. އޭނާގެ އާއިލާއިން މީގެ ކުރިން ތުހުމަތުކޮށްފައިވާ ގޮތުގައި އަނަސް މަރާލީ، އޭނާ ކައިވެނިކުރަން ތައްޔާރުވަމުން ދިޔަ ކުއްޖާގެ ކުރީގެ ފިރިމީހާ ރާވައިގެނެވެ. އެހެން ނަމަވެސް އެ ތުހުމަތުތައް ޔަގީން ކުރެވިފައެއް ނުވެ އެވެ. އަނަސްގެ ބައްޕަ ބަޔާނެއް ނެރެ، ބުނެފައި ވަނީ އެފަދަ މައުލޫމާތުތައް އާންމު ނުކުރުމަށް އެދޭ ކަމަށާއި އެދެނީ އޭނާގެ ގާތިލުން ވީހާ ވެސް އަވަހަކަށް ހާމަވުން ކަމަށެވެ. އަދި ފުލުހުންނަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.